ސެއިން-އެޓިއެން، ފްރާންސް (ޖޫން 25) ޕެނަލްޓީ ޖަހައިގެން ސްވިޒަލެންޑް 6-5 އިން ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ ޕޮލެންޑް ހޯދައިފި އެވެ.
މުޅިން އަލަށް މުބާރާތުގެ ދެ ވަނަ ބުރުގައި މި ދެ ޓީމު ވާދަކުރި އިރު މިރޭގެ މެޗުގައި ލީޑު ނެގީ ޕޮލެންޑުންނެވެ. ސްވިޒަލެންޑުން އެއްވަރުކުރިއިރު، މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ނިމުނުއިރު ވެސް ސްކޯ އަކީ 1-1 އެވެ.
ޕޮލެންޑުން ވަނީ އެ ޓީމުގެ ފަސް ޕެނަލްޓީ ވެސް ވައްދާލައިފަ އެވެ. އެޓީމުން ޕެނަލްޓީތައް ފޮނުވާލީ ރޮބަޓް ލެވަންޑޯސްކީ، އާކަންޑިއުޝް މިލިކް، ކަމިލް މިލިކް، ޔަކުބް ބްލަޝުކޯވްސްކީ އަދި ގްރެގޯ ކްރިކޯވިއަކެވެ. ސްވިޒަލެންޑު ބަލިވީ އެޓީމުގެ ގްރޭނިޓް ޒާކާގެ ޕެނަލްޓީ ބޭރުވުމުންނެވެ. އެ ޓީމުން ދެން ފޮނުވާލި ހަތަރު ޕެނަލްޓީ ވަނީ ކާމިޔާބު ކޮށްފަ އެވެ. އެއީ ސްޓެފަން ލިސްޓައިނާ، ޒެރްޑަން ޝަގީރީ، ފަބިއަން ޝޭއާ އަދި ކްރިސްޓިއަން ރޮޑްރިގޭޒެވެ.
މެޗު ފެށިގެން ފުރަތަމަ މިނިޓްގައި ޕޮލެންޑަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ސްވިޒަލެންޑުގެ ޔޯހަން ޖޯރޫ އަތުން ހެދުނު ގޯހަކުން ޕޮލެންޑުގެ މިލިޗަށް ހުސްކޮށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
އޭގެ ފަހުން ވެސް ލަނޑު ޖަހަން މިލިޗަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބިފަ އެވެ.
ސްވިޒަލެންޑުން މެޗުގެ ތެރެއަށް ރަނގަޅަށް ވަދެ ފުރަތަމަ ހާފްގައި ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތްކުރި އެވެ. މުޅި މެޗުގައި ވެސް ތަފާތު ކުޅުމެއް ދެއްކި ސްވިޒަލެންޑުގެ ޝަގީރީ އާއި ބްލެރިމް ޒެމައީލީ އަދި ހަރިސް ސެފެރޯވިޗް ފޮނުވާލި ހަމަލާތައް ޕޮލެންޑުގެ ކީޕަރު ލޫކަސް ފަބިއާންސްކީ ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕޮލެންޑަށް ލީޑު ނަގައިިދިނީ އެ ޓީމުގެ މިޑްފީލްޑަރު ޔަކުބް ބްލަޝުކޯވްސްކީ އެވެ. މެޗުގެ 39 ވނަ މިނިޓްގައި ކައުންޓަ އެޓޭކަކުން ސްވިޒަލެންޑް އޭރިއާ ތެރެއިން ބްލަޝުކޯވްސްކީ އަށް ލިބުނު ބޯޅަ އޭނާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.
ދެ ވަނަ ހާފް ފެށިގެން ސްވިޒަލެންޑުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ހާއްސަކޮށް އެޓީމުގެ ޝަގީރީ އަށް ލިބޭ ބޯޅަތަކުގައި ޕޮލެންޑަށް ނުރައްކާ ބޮޑުވި އެވެ. މި ހާފްގައި ޕޮލެންޑުގެ ލެވަންޑޯސްކީ ފޮނުވާލި ދެ ހަމަލާއެއް ސްވިޒަލެންޑުގެ ކީޕަރު ޔަން ސޮމާ ވަނީ މަތަކޮށްފަ އެވެ.
ނަތީޖާ އެއްވަރުކުރުމަށް ސްވިޒަލެންޑުން ދިޔައީ ޕޮލެންޑު ގޯލަށް ނުރައްކާ ކުރަމުންނެވެ. މިގޮތުން ރިކާޑޯ ރޮޑްރިގޭޒް ފޮނުވާލި ހިލޭ ޖެހުން ޕޮލެންޑުގެ ކީޕަރު ފަބިއަންސްކީ މަތަކުރިއިރު، ސެފެރޯވިޗް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ސްވިޒަލެންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗު ނިމެން އަށް މިނިޓަށް ވެފައިވަނިކޮށް ޝަގީރީ ކާމިޔާބުކުރި މޮޅު ލަނޑުންނެވެ. މެޗުގެ 82 ވަނަ މިނިޓްގައި ޕޮލެންޑުގެ އޭރިއާ ރޮނގުކައިރިން ޝަގީރީ މި ލަނޑު ވައްދާލީ އޯވަހެޑް ކިކަކުންނެވެ. މިއީ މި މުބާރާތުގެ މިހާތަނަށް ފެނުނު އެންމެ މޮޅު އެއް ލަނޑެވެ.
އިތުރު ވަގުތުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ސްވިޒަލެންޑުންނެވެ. އިިތުރު ވަގުތުގައި ވެސް ސްވިޒަލެންޑުގެ ޝަގީރީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އިތުރު ވަގުތުގެ ދެ ވަނަ ހާފްގައި ސްވިޒަލެންޑުގެ ބަދަލު ކުޅުންތެރިއާ އެރެން ޑާޑިޔޯކަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ޕޮލެންޑް އޭރިއާ ތެރެއިން ހުސްކޮށް ހުރެ ޑާޑިޔޯކް ބޮލުން ފޮނުވާލި ބޯޅަ ކީޕަރު ފަބިއާންސްކީ ވަނީ މަތަކޮށްފަ އެވެ.
މިރޭގެ މެޗުން މޮޅުވެ ޕޮލެންޑް ކުއާޓާ ފައިނަލުގައި ކުޅޭނީ ދެ ވަަނަ ބުރުގައި ކްރޮއޭޝިއާ އާއި ޕޯޗުގަލް ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ.