ސެއިން-އެޓިއެން، ފްރާންސް (ޖޫން 25) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޮލެންޑުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އަށް މިހާތަނަށް ލަނޑެއް ޖެހިފައި ނުވީ ނަމަވެސް އެއީ ކަންބޮޑުވާ ކަމެއް ނޫން ކަމަށާއި އޭނާ އަކީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ނޫން ކަމަށް ޕޮލެންޑުގެ ކޯޗު އެޑަމް ނަވަލްކާ ބުނެފި އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި ޕޮލެންޑް ފުރަތަމަ ފަހަރަށް ވާދަކުރާއިރު، މިއަދު އެ ޓީމާ ދެކޮޅަށް ކުޅޭ ސްވިޒަލެންޑަކީ ވެސް މި ފަހަރު އަލަށް މި މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދި ޓީމެކެވެ.
މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުގައި ޕޯޗުގަލްގެ ރޮނާލްޑޯގެ ފަރާތުން ދަށް ކުޅުމެއް ފެނުނު ނަމަވެސް ފަހު މެޗުގައި އޭނާ ވަނީ ހަންގޭރީ ކޮޅަށް ދެ ލަނޑު ޖަހައި ފެންވަރު ދައްކާލައިފަ އެވެ. ގްރޫޕް ސްޓޭޖުގައި ޕޮލެންޑު ކުޅުނު ތިން މެޗުގައި ވެސް ލެވަންޑޯސްކީގެ ގޯލެއް ނުފެނެ އެވެ. ލެވަންޑޯސްކީ އަކީ 13 ލަނޑާ އެކު ޔޫރޯ ކޮލިފައިންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާ އެވެ.
"އަހަރެން މިއީ ކުޅުންތެރިން އަޅާކިޔާ ކޯޗެއް ނޫން. ރޮނާލްޑޯ އަކީ ވަކި ޓީމެއްގެ ކުޅުންތެރިއެއް. އޭނާ ލަނޑު ޖެހުމަކުން އަހަރެންނަށް ފަރުވާލެއް ނެތް. ލެވަންޑޯސްކީގެ ފަރާތުން އަހަރެމެންނަށް އަދި ލަނޑެއް ނުފެނުނަސް އެއީ ބޮލު ރިހުމެއް ނޫން،" ނަވަލްކާ ބުންޏެވެ.
ދެ ވަނަ ބުރުގައި މިއަދުގެ މެޗަށް ޕޮލެންޑް ނުކުންނައިރު ސްވިޒަލެންޑާ ދެކޮޅަށް އެ ޓީމުގެ ރެކޯޑް ރަނގަޅެވެ. އެއީ މި ދެ ޓީމު ބައްދަލުކުރި 10 މެޗުގެ ތެރެއިން ޕޮލެންޑް ވަނީ ހަތަރު މެޗުން މޮޅުވެފަ އެވެ.
ސްވިޒަލެންޑުން އެންމެ ފަހުން ޕޮލެންޑް ބަލިކުރީ 40 އަހަރު ކުރިން
ޕޮލެންޑް އަތުން ސްވިޒަލެންޑް މޮޅުވެފައިވަނީ މިހާތަނަށް އެންމެ މެޗަކުންނެވެ. އެއީ 1976 ވަނަ އަހަރު ކުޅުނު ރަހުމަތްތެރި ކަމުގެ މެޗަކުން 2-1 އިންނެވެ. ސްވިޒަލެންޑުގެ ކޯޗު ވްލަޑިމިއޭ ޕެޓްކޮވިޗް ބުނީ މާޒީގެ ނަތީޖާތަކަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށެވެ.
ގްރޫޕް ސްޓޭޖުގެ ތިން މެޗުން ސްވިޒަލެންޑު ކޮޅަށް ވަން ހަމައެކަނި ލަނޑަކީ ރުމޭނިއާ އިން ޖެހި ޕެނަލްޓީ އެވެ. ޕޮލެންޑް ކޮޅަށް ލަނޑެއް ނުވަދެ އެވެ.
ޕެޓްކޮވިޗް ބުނީ މެޗަށް ނުކުންނައިރު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދެ ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީ ޖަރުމަނު ލީގުގައި ކުޅޭ ކުޅުންތެރިން ކަމަށް ވުން ކަމަށެވެ.
"ސްވިޒަލެންޑުގައި އެބަތިބި 10 ކުޅުންތެރިން ޖަރުމަނު ލީގުގައި ކުޅޭ. ޕޮލެންޑުގައި ވެސް އެ އަދަދަށް އެބަތިބި. އަހަރެމެންނަށް އެއީ އެޑްވާންޓޭޖެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ. އެކަމަކު ޕޮލެންޑަކީ އާދައިގެ ޓީމެއް ނޫން. އެ ޓީމުގެ ކޮޅަށް ލަނޑެއް އަދި ވަދެފައިނުވޭ. އެކަން ކުރަން ޖެހިފައި މިއޮތީ އަހަރެމެންނާ،" ޕެޓްކޮވިޗް ބުންޏެވެ.
ސްވިޒަލެންޑާއި ޕޮލެންޑް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު އިރުއޮއްސި 6 ޖަހާއިރު އެވެ.