ސެއިން-ޑެނިސް (ޖޫން 16) - މި ފަހަރުގެ ޔޫރޯގެ ފޭވަރިޓަކީ ޖަރުމަނު ކަމަށާއި މުބާރާތުގެ ޗެމްޕިއަންކަން ހޯދާނަމަ ބަލިކުރަންވީ ޖަރުމަނު ކަމަށް އެޓީމާ ދެކޮޅަށް މިރޭ ކުޅޭ ޕޮލެންޑުގެ ފޯވާޑު ރޮބަޓް ލެވަންޑޯސްކީ ބުނެފި އެވެ.
ޔޫރޯ ކޮލިފައިންގައި ޕޮލެންޑް ވަނީ ޖަރުމަނު ބަލިކޮށްފަ އެވެ. ކޮލިފައިންގައި 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޖަރުމަނު އަތުން ޕޮލެންޑް މޮޅުވިއިރު، މިއީ މި ދެ ޓީމު ކުޅުނު 20 މެޗުގެ ތެރެއިން ޕޮލެންޑަށް ކުރިހޯދުނު ފުރަތަމަ ފަހަރެވެ.
ލެވަންޑޯސްކީ ބުނީ މިރޭގެ މެޗުގައި އެ ކާމިޔާބީ ތަކުރާރުކުރަން ބޭނުންވާ ކަމަށެވެ.
"އަހަރެންގެ ވިސްނުމުގައި ބުނާނަމަ މުބާރާތުގެ ފޭވަރިޓަކީ ޖަރުމަނު. ތަށި ހޯދާނީ ޖަރުމަނު ބަލިކުރާ ޓީމެއް. އެކަމަކު ފަސޭހަކަމެއް ނޫން އެއީ. މިރޭގެ މެޗުގައި ވެސް ޖަރުމަނަށް ފަސޭހައެއް ނުވާނެ. އަހަރެމެންނަށް އެނގޭ ޖަރުމަނާ ދެކޮޅަށް ކުޅެން،" ބަޔާން މިއުނިކްގެ ފޯވާޑް ލެވަންޑޯސްކީ ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނައިރު މި ދެ ޓީމު ވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެފަ އެވެ. ޔޫކްރޭން އަތުން ޖަރުމަނު މޮޅުވީ 2-0 އިންނެވެ. ނޮދަން އަޔަލެންޑް އަތުން ޕޮލެންޑް މޮޅުވީ 1-0 އިންނެވެ. މިރޭ ނޮދަން އަޔަލެންޑާއި ޔޫކްރޭން ބައްދަލުކުރާ މެޗުން އެ ދެ ޓީމު އެއްވަރުވެއްޖެނަމަ ޕޮލެންޑާއި ޖަރުމަނުގެ މެޗުން މޮޅުވާ ޓީމަކަށް ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންވާނެ އެވެ.
މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ފުރަތަމަ މެޗު ގެއްލުނު ޖަރުމަނުގެ ޑިފެންޑަރު މެޓް ހަމެލްސް ކުޅޭނެ އެވެ. އެ ޓީމުގެ ކޯޗު ޔަކިމް ލޯ ބުނީ ހަމެލްސް ފިޓްވުމަކީ ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.
"ހަމެލްސް ފިޓްވުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އޭނާ އަކީ ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް. ފުރަތަމަ އެގާރައިގައި ހަމެލްސް ކުޅުވުމާ މެދު ގޮތެއް ނިންމާނީ ފަހުން،" ލޯ ބުންޏެވެ.
ޖަރުމަނުގެ ފޯވާޑް ލޫކަސް ޕޮޑޯލްސްކީ ބުނީ އެ ގްރޫޕްގައި ޖަރުމަނަށް އޮތް އެންމެ ބޮޑު ބިރަކީ ޕޮލެންޑް ކަމަށެވެ.
"ގްރޫޕް އެއް ވަނަ ބޭނުމީ. އެކަމަށް ހުރަސް އެޅޭނެ ޓީމަކަށް އޮތީ ޕޮލެންޑް. އެކަމު އަހަރެމެންގެ ފެންވަރުގައި ކުޅެފިނަމަ މޮޅެއް ހޯދަން އުނދަގުލެއް ނުވާނެ،" ޕޮލެންޑަށް އުފަން ލެވަންޑޯސްކީ ބުންޏެވެ.
ޖަރުމަނާއި ޕޮލެންޑް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.