މަޝްހޫރު ވެއްޖެނަމަ ޕްރެޝަރު ދެގުނަ ވާނެ: ނަޑާލް

ނިއު ޔޯކް ސިޓީ، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 12) - ކޮންމެ ކުޅިވަރެއްގައި ވެސް މަޝްހޫރު ވެއްޖެނަމަ އޮންނަ ޕްރެޝަރު ދެ ގުނަވާނެ ކަމަށް ދާދި ފަހުން ޔޫއެސް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކުރި ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިއާ ރަފައެލް ނަޑާލް ބުނެފި އެވެ.


މިދިޔަ އަހަރުގެ ޔޫއެސް އޯޕަންގެ ހަތަރު ވަނަ ބުރުން ނަޑާލް ކެޓިއިރު، އެ މެޗަށް ފަހު އޭނާ ބުނެފައިވަނީ އެއީ ފާއިތުވި 12 އަހަރު ތެރޭގައި އޭނާގެ އެންމެ ދަށް އަހަރު ކަމަށެވެ. އަނިޔާގެ ސަބަބުން މިދިޔަ ދެ އަހަރެއްހާ ދުވަހު ނަޑާލް ފެނުނީ ވަރަށް ދަށް ކޮށެވެ. އެހެން ނަމަވެސް އަނިޔާއިން ރަނގަޅުވެ، މި ސީޒަނުގައި އުމުރުން 31 އަހަރުގެ ނަޑާލް އަންނަނީ ތަފާތު ދައްކަމުންނެވެ.

"ކޮންމެ ކުޅިވަރެއްގައި ވެސް ޕްރެޝަރެއް އޮންނާނެ. އެންމެ ރަނގަޅު ފޯމުގައި ހުރެފައި މޮޅު ކުޅުމެއް ދައްކައިގެން ލިބޭ މަޝްހޫރުކަން ދެމެހެއްޓުމަކީ އުނދަގޫ ކަމެއް. އެކަމަކު އޭގެން އެންމެ އުނދަގޫ ހާލަތެއް އަންނަނާނީ އަނިޔާގެ މައްސަލަ އާއި އެހެނިހެން ގޮތްގޮތުން ކުޅުން ދަށްވާއިރު އަންނަ ޕްރެޝަރު. އެ ވަގުތުގައި ލިބިފައި އޮތް މަޝްހޫރުކަމުގެ ސަބަބުން ޕްރެޝަރު ދެގުނަވާނެ،" ކެވިން އެންޑަސަންގެ މައްޗަށް ޔޫއެސް އޯޕަން ފައިނަލުގައި ކުރި ހޯދުމަށް ފަހު ނަޑާލް ބުންޏެވެ.

މި އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް އޮސްޓްރޭލިއަން އޯޕަން ފައިނަލުން ރޮޖާ ފެޑެރާ އަތުން ބަލިވި ނަމަވެސް ނަޑާލް ވަނީ ފްރެންޗް އޯޕަން އާއި ޔޫއެސް އޯޕަން ކާމިޔާބު ކޮށްފަ އެވެ. މިއީ 2013 ވަނަ އަހަރުގެ ފަހުން ނަޑާލް އެއް އަހަރެއްގެ ތެރޭގައި ދެ ގްރޭންޑް ސްލޭމް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި ޔޫއެސް އޯޕަން ތަށި އުފުލާލި ތިން ވަނަ ފަހަރެވެ.

ޓެނިހުގެ ބޮޑެތި މުބާރާތް ކަމަށްވާ ގްރޭންޑް ސްލޭމްގެ ރެކޯޑް އޮތީ ފެޑެރާ އަތުގަ އެވެ. އޭނާ ވަނީ 19 މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ޔޫއެސް އޯޕަން އަކީ ނަޑާލް ކާމިޔާބުކުރި 16 ވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ.

ފެޑެރާގެ ރެކޯޑާ ހަމަކުރުމުގެ ޓާގެޓެއް ނެތް ކަމަށް ނަޑާލް ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ޓެނިސް ކެރިއަރުގައި އަދިވެސް ކުރިއަށް ދިއުމުގެ އުއްމީދު ނަޑާލް ދުލެއް ނުކުރެ އެވެ.

"އަހަރެން އަދިވެސް ހެނދުނު ހޭލައިގެން ކުރާ އެންމެ ބޮޑު އުއްމީދަކީ ކޯޓަށް ގޮސް ކުރިއަށް ވުރެ ރަނގަޅަށް ކުޅުން. އަހަރެންގެ ހިތްވަރަކީ މި ކުޅިވަރަށް އޮތް ލޯބި. އަހަރެންގެ އުމުރުން 31 އަހަރު. 25 އެއް ނޫން. އެކަމަކު އަދިވެސް ހިތްވަރު އެބަހުރި. އެ ހިތްވަރު ނެތިދާ ދުވަހަކުން އެހެން ކަމަކާ މެދު ވިސްނާނީ،" ނަޑާލް ބުންޏެވެ.

އާދިއްތަ ދުވަހު އޮތް ޔޫއެސް އޯޕަންގެ ފައިނަލުގައި ނަޑާލަށް ސަޕޯޓްކުރުމަށް އެހެން ކުޅިވަރުތަކުގެ ތަރިން ވެސް ވަނީ ގޮސްފަ އެވެ. އޭގެ ތެރޭގައި ބާސްކެޓްބޯޅަ ކުޅުންތެރިންނާއި ދުވުންތެރިން ހިމެނެ އެވެ. އަދި ނަޑާލްގެ އެންމެ ދުވަސްވީ އެއް ސަޕޯޓަރު ކަމަށްވާ މަޝްހޫރު ގޯލްފް ކުޅުންތެރިއާ ޓައިގަ ވުޑްސް ވެސް އެ މެޗު ބެލުމަށް ދިޔަ އެވެ.