ތިނަދޫގެ ސައިޒު ކުޑައެއް ނޫން، މިއީ ޗެލެންޖެއް: ސުޒޭން

ފުޓްބޯޅައިގެ ތާރީހަށް ބަލާއިރު ވެސް އަދި މިހާރުގެ ސްކޮޑަށް ބަލާއިރު ވެސް ތިނަދޫ އަކީ ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމާ ހަވާލުވުމަކީ ޗެލެންޖެއްގެ ގޮތުގައި ދެކޭ ކަމަށް އެ ޓީމާ އިއްޔެ ހަވާލުވި ކޯޗު އަލީ ސުޒޭން ބުނެފި އެވެ.


މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމު ތެރޭގައި ހިމެނިގެން އުރީދޫ ޕްރިމިއާ ލީގަށް ކޮލިފައިވި ތިނަދޫ އަށް މުބާރާތުގެ ފުރަތަމަ ބުރުގައި ކޯޗުކޮށްދިނީ ސްޕެއިނުގެ މާޓިނޭޒް ހުއާން މެނުއަލް އެވެ. އޭނާ މަގާމުން ވަކިކުރީ ޓީމުގެ މެނޭޖްމަންޓާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ދެއްކި ކަމަށް ބުނެ އެވެ. ސުޒޭން އެ ޓީމާ ހަވާލުވި މި ސީޒަނުގެ ނިޔަލަށެވެ.

ތިނަދޫއާ ހަވާލުވުމަށް ފަހު ސުޒޭން ބުނީ މިއީ އެ ޓީމުގެ މެނޭޖްމަންޓުން އޭނާ އަށް ދިން ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

"ލީގުގެ ފަހު ބުރަށް ދާއިރުގައި ތިނަދޫ ވެސް މިއޮތީ ރަނގަޅު ހިސާބެއްގައި. މިއީ ރަނގަޅު ޗެލެންޖެއް. އަޅުގަނޑަކީ އެއްވެސް އިރަކު ޖަސްޓް ގްރޭންޓެޑް މޮޅުތަކެއް ހޯދަން ނުކުންނަ މީހެއް ނޫން. އެ އަށް ވުރެން ޗެލެންޖިން މާހައުލެއްގައި މޮޅެއް ހޯދަން ނުކުންނަ މީހެއް،" ކުރިން ވިކްޓަރީ އާއި މާޒިޔާ އަށް ކޯޗުކޮށްދިން ސުޒޭން ބުންޏެވެ.

މި އަހަރު ޕްރިމިއާ ލީގަށް މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަކުރި ޓީމަކީ ތިނަދޫ އެވެ. އެ ޓީމުން ވަނީ މާލޭ ލީގުގެ ގަދަ ހަތަރަކުން ކެޓި ޓީމުތަކުގައި ހިމެނޭ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ގެނެސް ޓީމު ވަރުގަދަ ކޮށްފަ އެވެ. އޭގެ ތެރޭގައި އީގަލްސް އާއި ވިކްޓަރީ އަށް ކުޅުނު ގިނަ ކުޅުންތެރިން ހިމެނެ އެވެ.

"ތިނަދޫ ޓީމުގައި އެބަހުރި ބައިވަރު ރަނގަޅު ކަންތައްތައް. ކޮންމެ ތަނެއްގައި ވެސް ހުންނާނެ ގޯސް ކަންތައްތަކަކާއި ރަނގަޅު ކަންތައްތަކަކާއި ރަނގަޅު ކުރަން ޖެހޭ ކަންތައްތައް. ދެން މުބާރާތަކަށް ނުކުންނައިރު ތިނަދޫގައި އެބަަހުރި ވަރަށް ގިނަ ރަނގަޅު ކަންތައް. ރަނގަޅުކޮށްލަން ޖެހޭ ކަންތަައްތަކަށް ބަލާއިރު ކުޅުންތެރިން މޯރަލީ ދަށްވެގެން ޕްރެކްޓިހަށް ނައުން ކަހަލަ ކަންތައް ހިމެނޭ. އެ ކަންތައް އަޅުގަނޑު ރަނގަޅުކުރާނަން،" ސުޒޭން ބުންޏެވެ.

ތިނަދޫއާ އެކު އެއްބަސްވުމުގައި ސުޒޭން (މ) ސޮއިކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޯޗިން ކެރިއަރުގައި އެއްވެސް އިރެއްގައި ޓީމަކާ ހަވާލުވާއިރު އެ ޓީމެއްގައި އޮންނަ ސްކޮޑަކަށް ނުބަލާ ކަމަށާއި ވަރުގަދަ ސްކޮޑެއް އޮންނަ ޓީމަކާ ހަވާލުވުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

"އަޅުގަނޑު ތަށި ގެނެސްފައި ހުންނާނެ 13 ކުޅުންތެރިންނާ އެކު މާއްޓޭ ވިކްޓަރީ ދޫކޮށް އައިއެފްސީ އަށް ބަދަލުވި ފަހަރެއްގައި ވެސް. 2003 ވަނަ އަހަރު ހެން ހީވަނީ. އެއީ ވެސް އެހާ ވަރަކަށް ގަދަ ސްކޮޑަކާ އެކު ވެސް ނޫން. އަޅުގަނޑުގެ ކެރިއަރަށް ބަލާއިރު 13 ވަރަކަށް ތަށި އެއީ ރާއްޖޭގައި ތިބި އެންމެ މޮޅެތި ކުޅުންތެރިން ލައިގެނެއް ނޫން ހޯދީ. އަޝްފާގާ އެކު އަޅުގަނޑު މަސައްކަތްކުރީ އެންމެ އަހަރަކު. އެއީ މިދިޔަ އަހަރު މާޒިޔާގައި. އަޝްފާގާ ދެކޮޅަށް ނުކުމެގެން އަޅުގަނޑު ނޫނީ ނޫޅޭނެ ކަންނޭނގެ ދިވެއްސެއް އެހާ ތަށި ހޯދި،" ސުޒޭން ބުންޏެވެ.

ލީގުގެ ދެ ވަނަ ބުރަށް ނުކުންނައިރު ތިނަދޫ މި ވަގުތު އޮތީ ހަތް މެޗުން 10 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ. ސުޒޭން ބުނީ ތިނަދޫ މެނޭޖްމަންޓުގެ އެންމެ ބޮޑު ޓާގެޓަކީ ގަދަ ހަތަރެއް ކަމަށެވެ.

"ހަގީގަތުގައި ފުޓްބޯޅައިގެ ޓާމްސް އަށް ބަލާއިރު ކުޑަކުޑަ ހިތްވަރެއް ލައިގެން ވެސް ތިނަދޫ ޓީމަށް ގަދަ ހަތަރަކަށް ވަދެވޭނެ. ފުޓްބޯޅައިގައި ތިނަދޫ އަކީ މާލެ ފިޔަވާ ދެން އޮތް އެންމެ ނުފޫޒު ގަދަ ރަށް ކަމަށް ގަބޫލުކުރަން ޖެހޭނެ. އެއީ މާލޭގައި އޮތް ޒޯން މުބާރާތްތަކާއި އެއްޗެހި ވެސް ތިނަދޫއާ އެއް ވަރަށް ހޯދިފައެއް ނެތް އެހެން ބަޔަކަށް،" ސުޒޭން ބުންޏެވެ.

ތިނަދޫއާ ހަވާލުވިއިރު އެހެން ގޮތަކުން ވެސް އެ ރަށާ ގުޅުމެއް އޮތް ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މީގެ ތިނަދޫގެ ސައިޒު ކުޑަވެގެން ނޫނީ އެކަހަލަ ކަމެއް ނެތް. އެއީ ކުޑައިރު ވެސް އަޅުގަނޑަށް ހާއްސަ ޓީމެއް ތިނަދޫ އަކީ އެއީ އަޅުގަނޑު ދޮން މާމަ އަކީ ތިނަދޫ މީހަކަށް ވެފައި އެކަހަލަ ބައިވަރެއް ގުޅުންތަކެއް ހުރީމަ. ދެން މިންގަނޑު އަޅާލާއިރު ތިނަދޫ އަޅުގަނޑަށް ވަރަށް ހާއްސަވޭ. ދެން ތިނަދޫގައި މިއޮތް ޓީމަކީ ރަނގަޅު ޓީމަކަށްވީމަ އޭގެ ފައިދާ އިރާދަކުރެއްވިއްޔާ ކުރާނެ،" އޭނާ ބުންޏެވެ.

މި ސީޒަނުގައި މާލޭ ލީގުގައި ވިކްޓަރީ އަށް ކޯޗުކޮށްދިން ސުޒޭން ވަނީ މައްސަލަ ގަޑެއްގެ ތެރޭގައި އޮވެވެސް އެ ޓީމަށް ރަނގަޅު ނަތީޖާތަކެއް ނެރެދީފަ އެވެ. މާލޭ ލީގުގެ ގަދަ ހަތަރަކަށްވަދެ ޕްރިމިއާ ލީގުން ފުރުސަތު ހޯދަން އެ ޓީމު ކުރި މަސައްކަތް ނާކާމިޔާބުވީ އެންމެ ފަހުން ކުޅުނު ދެ މެޗުގެ ނަތީޖާ ދަށްވުމުންނެވެ. ސުޒޭން ބުނީ ވިކްޓަރީ ދޫކޮށްލީ ފުޓްބޯޅަ އަށް ވެސް ރަނގަޅަށް ވިސްނުމަށް ފަހު ކަމަށެވެ.

"އަޅުގަނޑުގެ ނަޒަރުގައި ވިކްޓަރީގައި ހުރެގެން ދެން ކުރިއަށް ނެތް ދެވެން. އެއީ ދެން އިތުރު މުބާރާތެއް ކުޅެން ވެސް އެ ޓީމުގެ ވިސްނުމެއް ނެތް. އެހެންނަމަ ދެ ކީޕަރުން ވިއްކައެއް ނުލާނެ. އަޅުގަނޑު ދެކޭ ގޮތުގައި ތިނަދޫއާ އަޅުގަނޑު ހަވާލުވުމުގެ ފައިދާ ފުޓްބޯޅަ އަށް ވެސް ކުރާނެ،" ސުޒޭން ބުންޏެވެ.

ތިނަދޫ މެނޭޖްމަންޓުގައި ތިބީ ކުރިން އެ ޓީމު ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ވާދަކުރިއިރު ތިބި މީހުން ކަމަށާއި އެމީހުންނާ ގުޅިގެން މަސައްކަތް ކުރަން ފަސޭހަވާނެ ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ. އަދި މީގެ ކުރިން ޒޯން ޗެމްޕިއަންސް ލީގުގައި ޅ. ހިންނަވަރަށް ކޯޗުކޮށްދީފައިވުމުން އޭގެ ތަޖުރިބާގެ ބޭނުންވެސް ކުރެވޭނެ ކަމަށެވެ.

ސުޒޭނުގެ ކޯޗުކަމުގައި ތިނަދޫ ކުޅޭ ފުރަތަމަ މެޗުގައި މި މަހު 14 ވަނަ ދުވަހު ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ.