ސަރުކާރު އޮފީސްތަކަށް ހުޅުވާލައިގެން އެފްއޭއެމުން ކުރިއަށްގެންދާ ޕްރެޒިޑެންޓްސް ފުޓްސަލް ކަޕްގެ ދެ ވަނަ ބުރުގެ މެޗުތައް މިއަދު ފަށާނެ އެވެ.
މުބާރާތުގެ ފިރިހެން ބައިގެ ދެ ވަނަ ބުރުގައި މިއަދު ހަވީރު ކުޅޭ މެޗުތަކުގައި ވާދަކުރާނީ ޕޮލިހާއި ކަސްޓަމްސް އަދި ވެމްކޯ އާއި ފެނަކަ އެވެ. މިރޭ ކުޅޭނީ ހައުސިން މިނިސްޓްރީ އާއި އެމްޕީއެލް، އެމްއެންޑީއެފް އާއި އެމްއޭސީއެލް، ސްޓެލްކޯ އާއި އޭވިއޭޝަން ސެކިއުރިޓީ، އެމްއާރްޑީސީ އާއި މިފްކޯ، ކަރެކްޝަން އާއި ދިރާގު އަދި އެސްޓީއޯ އާއި އައިޖީއެމްއެޗް އެވެ.
މި މުބާރާތަކީ އެފްއޭއެމުން ފުޓްސަލް ކުޅުންތެރިންނަށް ހުޅުވާލައިގެން ފުޓްސަލް ކުރިއެރުވުމުގެ މަގުސަދުގައި ފެށި މުބާރާތެކެވެ. މި މުބާރާތުގައި އެފްއޭއެމުން ރާވާހިންގާ އެހެން މުބާރާތެއްގައި ކުޅޭ ކުޅުންތެރިއަކަށް ނުކުޅެވެ އެވެ. އެފްއޭއެމުން ބުނީ އެއީ ފުޓްސަލް އާއި ފުޓްބޯޅަ ވަކިކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.
އެފްއޭއެމުގެ އަސާސީ ގަވާއިދު އިސްލާހުކުރިިއިރު އެކި އެސޯސިއޭޝަންތައް ހިންގަން ވަނީ އަންގައިފަ އެވެ. މިގޮތުން ފުޓްސަލް ކަންތައްތައް ކުރިއަށް ގެންދިއުމަށް ވަކި އެސޯސިއޭޝަނެއް އޭގެ ތެރޭގައި ހިމެނުމަށް އެންގި އެވެ. މި މުބާރާތާ އެކު އެފްއޭއެމްގެ ފުޓްސަލް ކަންތައްތައް ފެށިގެންދިޔައިރު، މި މުބާރާތް އިތުރަށް ފުޅާކުރުމަށް އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.
މި މުބާރާތުގެ އަންހެން ބައިގައި ދެން ކުރިއަށް އޮތީ ސެމީ ފައިނަލް މެޗުތަކެވެ. އަންނަ ބުދަ ދުވަހު އޮންނަ ސެމީ ފައިނަލުގައި ވާދަކުރާނީ އެމްއެންޑީއެފް އާއި ފެނަކަ އަދި އައިލެންޑް އޭވިއޭޝަން އާއި އެމްޕީއެލް އެވެ.