ސަރުކާރު އޮފީސްތަކަށް ހުޅުވާލައިގެން އެފްއޭއެމުން ކުރިއަށްގެންދާ ޕްރެޒިޑެންޓްސް ފުޓްސަލް ކަޕްގެ ފިރިހެން ބައިގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ޕޮލިސް ކްލަބް ނުކުންނާނީ ދިރާގާ ދެކޮޅަށެވެ.
ދިރާގު ކުއާޓާ ފައިނަލުގެ ޖާގަ ހޯދީ ދެ ވަނަ ބުރުގައި ކަރެކްޝަން އަތުން ޕެނަލްޓީ ޖަހައިގެން 7-6 އިން މޮޅުވެގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ޕޮލިހުން ކުއާޓާގެ ފުރުސަތު ހޯދީ ދެ ވަނަ ބުރުގައި 4-2 އިން ކަސްޓަމްސް ބަލިކުރުމަށް ފަހު އެވެ.
ކުއާޓާ ފައިނަލުގެ ދެ ވަނަ މެޗުގައި ފެނަކަ ނުކުންނާނީ ސްޓެލްކޯއާ ދެކޮޅަށެވެ. ފެނަކަ ކުއާޓާ ފައިނަލުން ޖާގަހޯދީ ވެމްކޯގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ. އަދި ސްޓެލްކޯ ވަނީ 4-2 އިން އޭވިއޭޝަން ސެކިއުރިޓީ ބަލިކޮށްފަ އެވެ.
މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެމްއޭސީއެލް ކުއާޓާގައި ބައްދަލުކުރާނީ އެމްއާރްޑީސީގެ މައްޗަށް 3-4 އިން ކުރި ހޯދި މިފްކޯއާ އެވެ. އެމްއޭސީއެލް ކުއާޓާގެ ފުރުސަތު ހޯދީ ދެ ވަނަ ބުރުގައި 1-0 އިން ސިފައިން ބަލިކޮށްފަ އެވެ.
ކުއާޓާގެ ފަހު މެޗުގައި ވަރުގަދަ އެސްޓީއޯ ބައްދަލުކުރާނީ ހައުސިން މިނިސްޓްރީއާ އެވެ. އެސްޓީއޯ ކުއާޓާގެ ފުރުސަތު ހޯދީ 7-3 އިން އައިޖީއެމްއެޗް ބަލިކޮށްފަ އެވެ. އަދި ހައުސިން މިނިސްޓްރީ ވަނީ ފުޓްސަލްގައި މަޝްހޫރު އެމްޕީއެލް 1-0 އިން ބަލިކޮށްފަ އެވެ.
މި މުބާރާތަކީ އެފްއޭއެމުން ފުޓްސަލް ކުޅުންތެރިންނަށް ހުޅުވާލައިގެން ފުޓްސަލް ކުރިއެރުވުމުގެ މަގުސަދުގައި ފެށި މުބާރާތެކެވެ. މި މުބާރާތުގައި އެފްއޭއެމުން ރާވާހިންގާ އެހެން މުބާރާތެއްގައި ކުޅޭ ކުޅުންތެރިއަކަށް ނުކުޅެވެ އެވެ. އެފްއޭއެމުން ބުނީ އެއީ ފުޓްސަލް އާއި ފުޓްބޯޅަ ވަކިކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.
މި މުބާރާތުގައި ވާދަކުރާ ގިނަ ކުޅުންތެރިން ވަނީ އެފްއޭއެމުގެ މި ނިންމުމަށް ތާއީދުކޮށް ވާހަކަ ދައްކައިފަ އެވެ. އަދި މިއީ ފުޓްސަލްގައި ކުރިއަށްދާން ތިބި ޒުވާން ކުޅުންތެރިންނަށް ލިބޭ އިތުރު ފުރުސަތެއްގެ ގޮތުގައި ދެކެ އެވެ.
ހެންވޭރު ދަނޑުގައި ކުރިޔަށްދާ މި މުބާރާތުގެ އަންހެން ބައިގައި ދެން ކުރިއަށް އޮތީ ސެމީ ފައިނަލް މެޗުތަކެވެ. މާދަމާރޭ އޮންނަ ސެމީ ފައިނަލުގައި ވާދަކުރާނީ އެމްއެންޑީއެފް އާއި ފެނަކަ އަދި އައިލެންޑް އޭވިއޭޝަން އާއި އެމްޕީއެލް އެވެ. މިރޭ ފިރިހެން ބައިގެ ކުއާޓާ ފައިނަލް މެޗުތައް ފަށާނީ 8 ޖަހާއިރު އެވެ.