މޮރީނިއޯއާ ހެދި ރެފްރީކަން ދޫކޮށްލަން ވިސްނިން: ކްލެޓެންބާގް

ލަންޑަން (ޑިސެމްބަރު 6) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯއާ ހެދި ރެފްރީކަން ދޫކޮށްލަން ވިސްނި ކަމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ކުރީގެ ރެފްރީ މާކް ކްލެޓެންބާގް ބުނެފި އެވެ.


ކްލެޓެންބާގް ވަނީ ފާއިތުވި ހަތަރު ވަރަކަށް އަހަރަށް ބަލާއިރު ދުނިޔޭގެ ނަން މަޝްހޫރު ގިނަ މެޗުތަކުގައި ރެފްރީކަން ކޮށްފަ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ އެފްއޭ ކަޕް ފައިނަލާއި ޗެމްޕިއަންސް ލީގު ފައިނަލުގެ އިތުރުން މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ހިމެނެ އެވެ. ޕްރިމިއާ ލީގު ދޫކޮށް ކްލެޓެންބާގް މިހާރު މަސައްކަތް ކުރަމުން ދަނީ ސައުދީ އަރަބިއާ ލީގުގެ ރެފްރީސް ހެޑްގެ ގޮތުގަ އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ކްލެޓެންބާގް ބުނީ މިއަހަރު ޖެނުއަރީ މަހު ސްޓޯކް ސިޓީ ދަނޑުގައި ޔުނައިޓެޑާ 1-1 އިން އެއްވަރުވި މެޗަށް ފަހު މޮރީނިއޯގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކުގެ ސަބަބުން އޭނާ ރެފްރީކަން ކުރުން ހުއްޓާލުމަށް ވިސްނި ކަމަށެވެ.

"ބޮބީ ޗާލްޓަންގެ ރެކޯޑް ވޭން ރޫނީ މުގުރާލި މެޗުގައި އަހަރެން ރެފްރީކަން ކުރިން. އެ މެޗަށް ފަހު މޮރީނިއޯ އައި ރެފްރީންގެ ރޫމަށް. އައިސް އޭރިއާ ތެރެއިން ސްޓޯކް ކުޅުންތެރިއަކު ހޭންޑްބޯލްވީ ކަމަށް ބުނެ ޕެނަލްޓީ ނުދީގެން އަހަންނަށް ވަރަށް ބޮޑަށް ފާޑުކީ،" އުމުރުން 42 އަހަރުގެ ކްލެޓެންބާގް ބުންޏެވެ.

"ޕްރިމިއާ ލީގުގެ އެންމެ ވައިގަދަ ދަނޑުގައި (ސްޓޯކްގެ ދަނޑުގައި) މެޗެއް އޮފިޝަލްކަން ކޮށްފައި އަހަރެން ފޭބީ ވަރަށް ހިތްހަމަ ޖެހިގެން. ވަރަށް ރަނގަޅަށް މަސައްކަތް ކުރެވުނު ކަމުގެ އުއްމީދުގައި. އެކަމަކު އެހެން މީހަކު ޗޭންޖިން ރޫމަށް އައިސްފައި ޕެނަލްޓީއެއްގެ މައްސަލައިގައި އިހުތިރާމް ކުޑަކޮށް އަހަންނާ ވާހަކަ ދެއްކުމުން ކުރަމުން އައި މަސައްކަތް މަތިން ފޫހިވި. އެ ބޯޅަ ޖެހުނީ ސްޓޯކް ކުޅުންތެރިއާ މޭމަތީގައި. އަތުގައެއް ނޫން،"

ކްލެޓެންބާގް ބުނީ އެ ދުވަހަށް ފަހު އޭނާ ޕްރިމިއާ ލީގުގައި ރެފްރީކަން ކުރުމުގައި ދެ ވަނަ ވިސްނުމަކަށް ދިޔަ ކަމަށެވެ.

"އަހަރެންގެ އަންހެނުންނަށް ވެސް އަހަރެންގެ ކަންތައްތައް ބަދަލުވިކަން ފާހަގަކުރެވުނު. އެ ހިސާބުން އަހަރެން ޕްރިމިއާ ލީގު ދޫކޮށްލަން ނިންމައިފިން. އަދި ރެފްރީކަން ދޫކޮށްލަން ވެސް ވިސްނިން. އަހަރެން ދެކޭ ގޮތުގައި ރެފްރީން ކުރާ މަސައްކަތުގެ އަގުވަޒަންނުކުރަންޏާ މުސްގަތުބަލުގައި ރަނގަޅު ރެފްރީން ގިނަ ދުވަސްވަންދެން ނުތިބޭނެ،" ކްލެޓެންބާގް ބުންޏެވެ.

ކްލެޓެންބާގް އެންމެ ފުރަތަމަ މެޗެއްގައި ރެފްރީކަންކުރީ 2000 ވަނަ އަހަރު އެވެ. އެއީ އިނގިރޭސި ތިން ވަނަ ޑިވިޝަނުގެ މެޗެއްގަ އެވެ. އިނގިރޭސި ދަށް ޑިވިޝަންތަކުގައި ރެފްރީކަން ކުރުމަށް ފަހު ކްލެޓެންބާގް ވަނީ ހަތަރު އަހަރު ތެރޭ ޕްރިމިއާ ލީގުގެ މެޗުތަކުގައި ރެފްރީކަން ކުރަން ފަށައިފަ އެވެ. ކްލެޓެންބާގަށް ފީފާ ބެޖް ލިބުނީ 2006 ވަނަ އަހަރު އެވެ.