ނިއުގެ ތަފާތަކީ ކުޅުންތެރިން ކުރާ ހިތްވަރު: އޮސްކާ

އެފްއޭ ކަޕް ފައިނަލުގައި ރޭ ފުރަތަމަ 25 މިނިޓް ތެރޭ ޓީސީ ސްޕޯޓްސް ކްލަބުން ދެ ލަނޑު ޖަހާފައި ވަނިކޮށް ނިއު ރޭޑިއަންޓް ފަހަތުން އަރާ އެއްވަރުކޮށް އަދި އިތުރު ވަގުތުގައި އެ ނަތީޖާ ހިފަހައްޓާ އެންމެ ފަހުން ޕެނަލްޓީން މޮޅުވުމަކީ ކުޅުންތެރިންގެ ހިތްވަރު ކަމަށް ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.


ނިއު މޮޅުވީ ދެ ވަނަ ހާފުގައި ދެ ގޯލު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށް އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން ވެސް ނަތީޖާ ނުނެރެވުމުން ޕެނަލްޓީ ޖަހައިގެން 6-4 އިން މޮޅުވެގެންނެވެ.

ފައިނަލުގެ ކުރިން ނިއު އިން ވަނީ ޖެހިޖެހިގެން 14 މެޗުން މޮޅުވެފަ އެވެ. ނިއުގެ މޮޅުވުމުގެ މި ސިލްސިލާ އަށް ހުއްޓުމެއް ގެނެވޭނެ ކްލަބެއްގެ ގޮތުގައި އޮސްކާ ކުރިން ވެސް ސިފަކުރީ ޓީސީ އެވެ. އެހެން ނަމަވެސް ރޭގެ މެޗުން މޮޅުވެގެން ނިއު ބަލިނުވެ 15 މެޗު ހަމަކުރިއިރު، މިއީ މި އަަހަރު ޓީސީ އަތުން ހޯދި ފަސް ވަނަ މޮޅެވެ.

"މި މެޗު ވަރަށް އުނދަގޫ އަހަރެމެންނަށް. އާންމުކޮށް އަހަރެމެން މެޗު ފަށާ ގޮތަކަށް ނޫން މި މެޗު ފަށަން ޖެހުނީ. 2-0 އިން. މެޗުގެ ކުރިން އަހަރެމެން ވިސްނުން ހުރީ ދެ ހާފުގައި ވެސް ކުރީގައި އޮންނަން އެކަމަކު ދެ ވަނަ ހާފުގައި އަހަރެމެންނަށް އެކަން ކުރެވުނީ،" ނިއު އަށް 12 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކޮށްދޭން އެހީތެރިވި ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން ބުންޏެވެ.

ނިއު އިން ވަނީ ދެ ވަނަ ހާފު ފެށުނުތަނުން އަހުމަދު އަބްދުﷲ (ލިލީ) ގެ ބަދަލުގައި މުހައްމަދު ރަޝީދު (ހޮކޭ) ކުޅެން އަރުވައިފަ އެވެ. އަދި ރިލްވާން ވަހީދު (ރިލޭ)ގެ ބަދަލުގައި ހަސަން އަދުހަމް (ސަޑޭ) ކުޅެން އެރުވި އެވެ. މި ދެ ބަދަލާ އެކު ނިއު އިން މެޗުގެ ކޮންޓްރޯލް ހޯދައިގެން ރަނގަޅަށް ކުޅުނެވެ. އަދި ޕެނަލްޓީ އަށް ދިއުމުގެ ކުރިން މެޗުން މޮޅުވާން ލަނޑު ޖަހަން ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެކަމަކު ކާމިޔާބެއް ނުވީ އެވެ.

"ދެ ވަނަ ހާފު ފެށުނުތަނުން ލަނޑެއް ޖެހުމުން އުއްމީދު އާ ވެއްޖެ. އެ ހިސާބުން މެޗުގެ ކޮންޓްރޯލް ވެސް އަހަރެމެންނަށް ލިބިއްޖެ. ދެން އެ ހިސާބުން އެނގިއްޖެ އެންމެ ކުޑަމިނުން މެޗު އެއްވަރުކޮށްލެވޭނެކަން. ދެން 120 މިނިޓް ތެރޭގައި ވެސް އަހަރެމެންނަށް މި މެޗުން ނަތީޖާ ނުނެރެވި ދިޔަ. ދެން ޕެނަލްޓީ އަށް ދިޔައީމަ ތަފާތު ފެނުނީ މި ޓީމުގެ ކުޅުންތެރިންގެ ކޮންފިޑެންސް އިން،" އޮސްކާ ބުންޏެވެ.

މިދިޔަ އަހަރުގެ ރަނަރަޕްގެ ހައިސިއްޔަތުން މި ފަހަރުގެ އެފްއޭ ކަޕް ގުރުނެގިއިރު ޓީސީ އަށް ވަނީ ސެމީ ފައިނަލުގެ ސީދާ ޖާގައެއް ދީފަ އެވެ. އެއީ މުބާރާތުގައި ޓީމުތަކުން ބައިވެރިވި އަދަދު މަދުވުމުންނާއި އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިއާ ނުކުޅޭތީ އެވެ.

ނިއުގެ ދަގަނޑޭ (ވ) ކައިރިން ބޯޅަ ހޯދަން ޓީސީގެ ހަތަރު ކުޅުންތެރިއަކު މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއު ފައިނަލުން ޖާގަ ހޯދީ ކުއާޓާގައި އީގަލްސް އަދި ސެމީ ފައިނަލުގައި ގްރީން ސްޓްރީޓްސް ބަލިކުރުމަށް ފަހު އެވެ. ޓީސީ ފައިނަލުން ޖާގަ ހޯދީ ސެމީގައި މާޒިޔާ ބަލިކޮށްފަ އެވެ.

"ކޮންމެ ތިން ދުވަހަކުން މެޗު ކުޅުމަކީ އެއްވެސް ބަޔަކަށް ފަސޭހަކަމަކަށް ނުވާނެ. މި މުބާރާތުގައި ކޮންމެ 72 ގަޑިއިރަކުން މެޗެއް ކުޅެފިން. މި މެޗުގައި ވެސް ފެނުނު ޓީސީ ފްރެޝްކޮށް އޮތްވަރު. އެ ވެސް ތަފާތެއް. އެކަމަކު އެމީހުން ދެއްކި މޮޅު ކުޅުން ވެސް ފާހަގަކުރަން،" އޮސްކާ ބުންޏެވެ.

ސެމީ ފައިނަލުގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ނިއު އިން އަލީ އަޝްފާގު (ދަގަނޑޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) ނުކުޅުވަ އެވެ. އޮސްކާ ބުނީ އެއީ ފައިނަލަށް އެ ދެ ކުޅުންތެރިންގެ މުހިއްމުކަން ބޮޑުވުމުން ކަމަށާއި އޭގެ ފައިދާ ވެސް ކުރި ކަމަށެވެ. ރޭގެ މެޗުގައި ނިއުގެ ފުރަތަމަ ލަނޑު ޖެހީ އޮއްޕޮ އެވެ. އެއްވަރުކުރި ޕެނަލްޓީ ހޯދައިދިނީ ދަގަނޑޭ އެވެ.

"ސެމީ ފައިނަލުގައި އެމީހުން (އޮއްޕޮ އާއި ދަގަނޑޭ) އެންމެ މިނިޓެއް ވެސް ނުކުޅުވުމުގެ ފައިދާ މި މެޗުގައި ފެނިއްޖެ. މި މެޗުގައި އެމީހުން ކުޅެފި 120 މިނިޓް. އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް އެ ދެ ކުޅުންތެރިން ވެސް އެ ތަފާތު ދަައްކައިފި،" އޮސްކާ ބުންޏެވެ.

އޭނާ ބުނީ މޮޅުވުމުގެ ސިލްސިލާ ކުރިއަށް ގެންދަން ބޭނުންވާ ކަމަށާއި ކުރިއަށް އެއް މުބާރާތް އެބައޮތް ކަމަށެވެ. ދެން އޮތީ ޕްރެޒިޑެންޓްސް ކަޕެވެ. އެ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި ހޮނިހިރު ދުވަހު ހަވީރު ބައްދަލުކުރާނީ ނިއު އާއި ޓީސީ އެވެ. މޮޅުވާ ޓީމަކަށް ފައިނަލަށް ދެވޭނެ އެވެ. ބަލިވާ ޓީމެއް ޖެހޭނީ އެރޭ މާޒިޔާ އާއި ގދ. ތިނަދޫ ކުޅެ މޮޅުވާ ޓީމަކާ އެކު ތިން ވަނަ ސެމީ ކުޅޭށެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.