ސީލައިފް ގްލޯބަލް ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ބައިގައި ރޭ ޕޮލިސް ކްލަބް އަތުން ސީލައިފް ސްޕޯޓްސް ކްލަބް މޮޅުވެ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދިއިރު، މާޒިޔާ މުބާރާތުން ކަޓައިފި އެވެ. މާޒިޔާ ވަނީ އިއްޔެ ހަވީރު ކުޅުނު މެޗުން މޯލްޑިވިއަން އަތުން ބަލިވެފަ އެވެ.
ތަށްޓައް އަމާޒުކޮށްގެން ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނާ އެކު ނުކުތް ސީލައިފް ފުރަތަމަ ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެހެން ކަމުން ދެ ވަނަ ބުރުގެ ޖާގައެއް ހޯދަން ރޭގެ މެޗަށް ނުކުތްއިރު ސީލައިފަށް އޮތީ މަޖުބޫރުވެފަ އެވެ.
ރޭގެ މެޗުން ޕޮލިސް އަތުން އެ ޓީމު މޮޅުވީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ސީލައިފުން ގެންދިޔައީ 25-21، 25-14 އިންނެވެ. އެހެން ނަމަވެސް ތިން ވަނަ ސެޓު ޕޮލިހުން 23-25 އިން ގެންދިއުމުން ސީލައިފަށް ކޮންމެވެސް ވަރެއްގެ ބިރެއް ކުރިމަތިވި އެވެ. އެކަމު އެ ޓީމުން ވަނީ ފުރަތަމަ ދެ ސެޓުގައި ދެއްކި ކުޅުން ހަތަރު ވަނަ ސެޓުގައި ތަކުރާރުކޮށް އެ ސެޓުން ގެންގޮސްގެން މެޗު ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުން ހަތަރު ވަނަ ސެޓު ގެންދިޔައީ 26-24 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީލައިފަށް ކުޅޭ ގައުމީ ޓީމުގެ ކުޅުންތެރިއާ ހަސަން ނިލާމް އެވެ.
މޯލްޑިވިއަނުން ފުރަތަމަ ބުރުގެ އެއް ވަނަ ހޯދީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެގެންނެވެ. އިއްޔެ ހަވީރު މާޒިޔާގެ މައްޗަށް އެ ޓީމުން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ 25-21، 25-14 އަދި 25-22 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކީ މޯލްޑިވިއަން އަށް ކުޅޭ ޕާކިސްތާނުގެ ކުޅުންތެރިއާ މުރާދު ޖީހާން އެވެ.
ފުރަތަމަ ބުރުގެ ޕޮއިންޓް ޓޭބަލް:
1. މޯލްޑިވިއަން - 11 ޕޮއިންޓް
2. ދިވެހި ސިފައިންގެ ކްލަބް - 9 ޕޮއިންޓް
3. ސީލައިފް ސްޕޯޓްސް ކްލަބް - 5 ޕޮއިންޓް
4. ޕޮލިސް ކްލަބް - 3 ޕޮއިންޓް
5. މާޒިޔާ - 2 ޕޮއިންޓް
މުބާރާތުގައި މިއަދު މެންދުރު ފަހު ކުޅޭނީ އަންހެން ބައިގެ ފަހު މެޗެވެ. މި މެޗުގައި ބައްދަލުކުރާނީ މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ މިސްކިތްމަގު އެންމެންގެ ގުޅުމާއި މޯލްޑިވިއަން އެވެ. ހަވީރު ކުޅޭ މެޗުގައި ފިރިހެން ބައިގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި ސީލައިފް ނުކުންނާނީ ސިފައިންނާ ދެކޮޅަށެވެ. މިރޭގެ މެޗުގައި މޯލްޑިވިއަން ކުޅޭނީ ޕޮލިހާ އެވެ.