ބާސެލޯނާ (ފެބްރުއަރީ 9) - ފިލިއްޕޭ ކުޓީނިއޯގެ ފުރަތަމަ ގޯލާ އެކު 2-0 އިން ވެލެންސިއާ ބަލިކޮށް ސްޕެނިޝް ކަޕުގެ ފައިނަލުގެ ޖާގަ ބާސެލޯނާ އިން ހޯދައިފި އެވެ.

އަންނަ މެއި މަހު ކުޅޭ ފައިނަލުގައި ބާސެލޯނާ ކުޅޭނީ ސެވިއްޔާއާ ދެކޮޅަށެވެ. މިއީ ބާސެލޯނާ މި މުބާރާތުގެ ފައިނަލުގައި ޖެހިޖެހިގެން ވާދަކުރާ ފަސް ވަނަ ފަހަރެވެ. ބާސެލޯނާ ވަނީ 2014 ވަނަ އަހަރުގެ ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ބަލިވި ފަހުން މި މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ފަހަރު ހޯދައިފި އެވެ.

ރޭގެ މެޗުގައި ސްޕެއިނުގެ ފޯވާޑް ރޮޑްރިގޯ ވެލެންސިއާ އަށް ލީޑުނަަގައިދިނުމާ ގާތަށް ޖެހިލި އެވެ. ބާސެލޯނާ އަށް މެޗުގެ 49 ވަނަ މިނިޓްގައި ލީޑުނަަގައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ކުޓީނިއޯ އެވެ. މިއީ މިދިޔަ މަހު ލިވަޕޫލް ދޫކޮށް 160 މިިލިއަން ޔޫރޯ އަށް ބާސެލޯނާ އަށް ބަދަލުވުމަށް ފަހު ކުޅުނު ފަސް މެޗުން ކުޓީނިއޯ އެ ކްލަބަށް ޖަހައިދިން ފުރަތަމަ ގޯލެވެ. ކުޓީނިއޯ މި ލަނޑު ޖެހީ ލުއިސް ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

"ފުރަތަމަ ގޯލު ޖެހުމުން ވަރަށް އުފާވޭ. މިއީ ވަރަށް ހާއްސަ ވަގުތެއް،" ރޭގެ މެޗަށް ފަހު ކުޓީނިއޯ ބުންޏެވެ.

ބާސެލޯނާގެ ދެ ވަނަ ލަނޑު މެޗު ނިމެން އަށް މިނިޓަށް ވެފައިވަނިކޮށް ކާމިޔާބުކުރީ އިވާން ރަކިޓިޗް އެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ އެ ޓީމު ގޮވައިގެން ފުރަތަމަ ފައިނަލަށް ދަތުރު ކުރެވުމަކީ ކޯޗިން ކެރިއަރުގައި ހާއްސަ ވަގުތެއް ކަމަށެވެ.

"ބާސެލޯނާ އަކީ ފާއިތުވި އަހަރުތަކުގައި ވަރަށް ގިނައިން ފައިނަލު ކުޅެފައި ހުރި ޓީމެއް. އެކަމަކު މިއީ އަހަރެން އައި ފަހުން ފުރަތަމަަ ފައިނަލް. އެހެންވުމުން މި ފައިނަލް އަހަންނަށް ވަރަށް ހާއްސަ،" ކުރިން އެތުލެޓިކް ބިލްބާއޯ އަށް ކޯޗުކޮށްދިން ވަލްވޭޑޭ ބުންޏެވެ.

ބާސެލޯނާ ސްޕެނިޝް ލީިގުގެ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ވަލްވޭޑޭ ބުނީ ބާސެލޯނާގެ އަމާޒަކީ ވާދަކުރާ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުން ކަމަށެވެ.