ބީނޯސް އޭރީޒް، އާޖެންޓީނާ (މާޗް 22) - މީގެ ދެ އަހަރު ކުރިން ފުޓްބޯޅަ ކުޅުން ހުއްޓާނުލީ އޭރު މަންމަ ބަލި އެނދުގައި އޮތުމުން ކަމަށް އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގައިން ބުނެފި އެވެ.
އެ މުއްދަތުގެ ތެރޭގައި އާޖެންޓީނާ ވަނީ ބައިނަލްއަގްވާމީ ތިން މުބާރާތުގެ ފައިނަލުން ބަލިވެފަ އެވެ. އެއީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި ކޮޕަ އެމެރިކާގެ ދެ ފައިނަލުންނެވެ.
އުމުރުން 30 އަހަރުގެ ހިގައިން ބުނީ އެއީ އޭނާގެ ހަޔާތުގައި ހަނދާނުން ފޮހެލަން ދަތި ދުވަސްތަކެއް ކަމަށެވެ.
"އެއީ 2016 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފައިނަލް ދުވަސްވަރުގައި. އަހަރެން އުޅުނިން މަންމަ ބަލި އެނދުގައި އޮތުމުން ރިޓަޔާކުރަން އެކަމަކު މަންމަ ބޭނުމެއް ނުވި އެހެންވާންަ. މީޑިއާގެ ޕްރެޝަރު ވެސް އޮތް. ހަގީގަތުގައި އެއީ އަހަންނަށް ދިމާވި ވަރަށް ހިތްދަތި ވަގުތުތަކެއް،" ހިގައިން އާޖެންޓީނާގެ ޓައިކް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ހިގައިން ބުންޏެވެ.
ގައުމީ ޓީމަށް ކުޅުނު 69 މެޗުން ހިގައިން ވަނީ 31 ގޯލު ޖަހަައިފަ އެވެ. ފާއިތުވި ނުވަ މަހުގައި ހިގައިން އަށް އާޖެންޓީނާއިން ކުޅުމުގެ ފުރުސަތު ނުލިބުނު ނަމަވެސް މާދަމާރޭ އިޓަލީއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ އެކުވެރި ކަމުގެ މެޗަށް ނެގި ސްކޮޑުން ހިގައިން އަށް ވަނީ ފުރުސަތު ލިބިފަ އެވެ.
ހިގައިން ބުނީ މި ވަގުތު ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށް ކަމަށެވެ.
"މިހާރު ހުރިހާ ކަމެއް ދަނީ ވެސް ރަނގަޅަށް. އަހަރެންގެ އާއިލާ ވެސް އޮތީ ވަރަށް ބަދަހިކޮށް. ދިރިއުޅުމުގެ ހުރިހާ ކަމެއް ރަނގަޅު ވަގުތެއް އަންނާނީ މަދު ފަހަރަކު. ފުޓްބޯޅައިގައި ވެސް އޮންނާނީ އެ ގޮތް،" ޔުވެންޓަސް އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހިގައިން ބުންޏެވެ.
އޭނާ ބުނީ ރަޝިއާގައި މި ފަހަރު އޮންނަ ވޯލްޑް ކަޕަށްދާ އާޖެންޓީނާ ސްކޮޑުގައި އޭނާ ހިމެނިއްޖެނަމަ މިއީ އޭނާގެ ފަހު ވޯލްޑް ކަޕަށް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.