ނިއުގެ މިދުހަތު ޖޭޖޭ އަށް ބަދަލުވެއްޖެ

މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދެއްކި މިދުހަތު ފަހުމީ (ބިޗަޑް) މި ސީޒަނުގައި ދެ ވަނަ ޑިވިޝަނުގައި ވާދަކުރާ ޖޭޖޭ ސްޕޯޓްސް ކްލަބަށް ބަދަލުވެއްޖެ އެވެ.


ބިޗަޑަކީ މިދިޔަ ސީޒަނުގައި ނިއު އިން ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރިއިރު ގިނަ މެޗުތަކެއްގައި ކުޅުނު ކުޅުންތެރިޔެކެވެ. މި ސީޒަނަށް ނިއުއާ އެކު ބިޗަޑް ކޮންޓްރެކްޓް އާ ކުރި ނަމަވެސް ނިއު އިން އޭނާ ނުފެނެ އެވެ. އޭނާ ޖޭޖޭއާ ގުޅުނީ ނިއު އިން ރިލީޒް ހޯދައިގެންނެވެ.

ނިއު އަށް މީގެ ކުރިން ވެސް ކުޅެފައިވާ ބިޗަޑް ވަނީ ފުރަތަމަ ޑިވިޝަނުގައި އޭނާގެ އުފަން ރަށުގެ ޓީމު ކަމަށްވާ މަހިބަދޫ ސްޕޯޓްސް ކްލަބް ފުރަތަމަ ޑިވިޝަނުގައި ވާދަކުރިއިރު އެ ޓީމަށް ވެސް ކުޅެފަ އެވެ. ބިޗަޑަކީ އެޓޭކިން މިޑްފީލްޑަރުގެ މަގާމަށް އަދި އަރިމަތިން ވެސް މޮޅަށް ކުޅޭ ކުޅުންތެރިޔެކެވެ.

ބިޗަޑުގެ އިތުރުން ޖޭޖޭ އާ ގުޅުނު އަނެއް ކުޅުންތެރިޔަކީ މިދިޔަ ދެ ސީޒަނުގައި ނިއު އަށް ރަނގަޅު ކުޅުމެއް ދެއްކި ކުރިން މަހިބަދޫ ޓީމަށް ވެސް ކުޅުނު އަހުމަދު ނުހާދު (ގުއްޕެ) އެވެ.

މިދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން ނިއުގެ ގުއްޕެ (ވ) ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ދެ ކުޅުންތެރިންގެ އިތުރުން ޖޭޖޭ އިން ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިން ގެނެސްފަ އެވެ. އޭގެ ތެރޭގައި ކުރިން ވެލެންސިއާ އާއި ވިކްޓަރީ އަދި ނިއު ރޭޑިއަންޓަށް ކުޅުނު އިބްރާހިމް ޝިޔާމް (ކުޑަ ތޮއްޑޫ) އާއި ވިކްޓަރީން ވިދާލި އަބްދުލް މުހައިމިން (މަންޗިނީ) އަދި ވެލެންސިއާ އަށް ގިނަ މެޗުތަކެއް ކުޅުނު އަބްދުއް ރަޝީދު މާހިރު (އަބޫ) ހިމެނެ އެވެ. އަދި މީގެ އިތުރުން ކުރިން އީގަލްސް އާއި ވެލެންސިއާ އަދި ނިއު އަށް ކުޅުނު ޒުވާން ފޯވާޑް މުހައްމަދު މުސްލިހު (މުއްޓި) ވެސް ވަނީ އެ ޓީމާ ގުޅިފަ އެވެ.

ޖޭޖޭ އިން ވަނީ އެ ޓީމު ގޯލަށް ނޭޕާލްގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކީޕަރު ކަމަށްވާ އަރްޕަން ކާކީ ގެނެސްފަ އެވެ. އޭނާ އަކީ ނޭޕާލުން 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު އެ ޓީމުގެ ކީޕަރެވެ.

މި އަހަރު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ފުރަތަމަ ޑިވިޝަނުގެ ސީދާ ޖާގައެއް ލިބޭއިރު، ގިނަ ޓީމުތަކުގެ އަމާޒަކީ އަންނަ އަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވުމެވެ. ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފަށަން އެފްއޭއެމުން ތާވަލްކޮށްފައިވަނީ އަންނަ މަހު 9 ވަނަ ދުވަހު އެވެ.