28 މާޗް 2018 - 16:02
ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް އަލީ އުމަރު ހަމަޖައްސައިފި އެވެ.
އަހުމަދު ނަޝީދު (ޑޭވް) އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ މަގާމަށް އަލީ އުމަރު ހަމަޖައްސާފައިވަނީ މިއަދެވެ. ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހަކީ 2015 ވަނަ އަހަރު ރައިސްލުޖުމްހޫރިއްޔާ ތަސްދީގް ކުރެއްވި ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހެކެވެ. އެ ގާނޫނު ބުނާ ގޮތުން ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރު ކުލަބްތައް ސްޕޯޓްސް ކޮމިޝަންގެ ބެލުމުގެ ދަށަށް ގެނެސް އެ އޮފީހުން ބަލަހައްޓަން ޖެހެ އެވެ.
ގައުމީ ޓީމަށް 14 އަހަރު ކުޅުއްވާފައިވާ އަލީ އުމަރު 2013 ވަނަ އަހަރަށް ފަހު ފުޓްބޯޅަ ކެރިއަރު ނިންމަވާލެއްވީއްސުރެ މިހާތަނަށް ވެސް ފެންނަނީ ކުޅިވަރުގެ އިދާރާ ހިންގުމުގެ ތެރެއިންނެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ހަވާލުވެވަޑައިގަތީ ފީފާ އިން އެފްއޭއެމް ހިންގަން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުކުރި ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރެއްގެ ގޮތުންނެވެ.
ނޯމަލައިޒޭޝަން ކޮމިޓީން ރާއްޖޭގެ ފުޓްބޯޅަ ލީގު ރީބްރޭންޑްކޮށް ކްލަބްތަކަށްދޭ މާލީ އެހީތެރިކަން އެތައް ގުނައަކަށް އިތުރުކޮށް އަތޮޅު ފުޓްބޯޅަ މުބާރާތް ފަށައި ގިނަ ރަށްތަކެއްގެ ދަނޑުތައް ތަރައްގީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިންއިރު އަލީ އުމަރު އެ މަސައްކަތުގައި އިސް ދައުރެއް އަދާކުރެއްވި އެވެ.
އޭގެ ފަހުން އެފްއޭއެމްގެ ރައީސްގެ މަގާމް އަހުމަދު ތޯރިގް (ޓޮމް) ފުރުއްވިއިރު ނައިބް ރައީސްގެ މަގާމް އަލީ އުމަރު އަދާކުރެއްވި އެވެ. ހިޔާލުތަފާތުވުންތަކެއް އުފެދި އެ މަގާމުން ފަހުން އިސްތިއުފާ ދެއްވިއިރު ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި އަލުން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް މިދިޔަ އަހަރު އޭނާ ވަނީ އައްޔަންކޮށްފަ އެވެ.
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ އެގްޒެކެޓިވް ކޮމިޓީގެ ވެސް މެމްބަރު އަލީ އުމަރަކީ އެ ޖަމިއްޔާ އިން ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2008 ވަނަ އަހަރު ރާއްޖޭން ކާމިޔާބުކުރިއިރު އަދި 2003 ވަނަ އަހަރު ދެ ވަނަ ހޯދިއިރު މުހިއްމު ދައުރެއް އަދާކުރެއްވި ކުޅުންތެރިޔެކެވެ. ގައުމީ ފުޓްބޯޅަ ޓީމަށް 1999 ވަނަ އަހަރު ކުޅެން ފެށި އައްޔަ ގިނަ ބަޔެއްގެ ހިތުން ޖާގަ ހޯއްދެވީ މާލޭގައި 2000 ޗަނަ އަހަރު ބޭއްވި ގޯލްޑަން ޖުބިލީ މުބާރާތުގަ އެވެ.
ކްލަބް ވެލެންސިއާ އިން ކެރިއަރު ފަށްޓަވައި ފުޓްބޯޅަ ދަނޑުގައި ތަރިއެއްގެ ގޮތުގައި ވިދާލި އަލީ އުމަރު ވަނީ އައިއެފްސީގެ އިތުރުން ވީބީ އައްޑޫ އެފްސީ އާއި ނިއު ރޭޑިއަންޓަށް ވެސް ކުޅުއްވައިފަ އެވެ. މީގެ ތެރެއިން ނިއު އަށް ކެޕްޓަނެއްގެ ހައިސިއްޔަތުން 2006 ވަނަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކޮށްދެއްވި އެވެ. އަދި އެ ކްލަބުން 2013 ވަނަ އަހަރު ހުރިހާ މެޗަކުން މޮޅުވެ ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް އެ އަހަރުގެ އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު މޮޅު ކުޅުމެއް ދެއްކެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލިލާރް
29 March 2018
މަހީހީ. މި ނޫން މީހަކު ނުވީތަ.
ކުޑޫސް
29 March 2018
ތިމަގާމު ތީ ތައުލީމަކައް ބަލާ މަގާމެއް ނޫން ކަން ޔަގީން ވެއްޖެ.
ބޮޑޫސް
29 March 2018
ކަލެއަށްތަ އެނގެނީ؟ އޭނަ ހުރީ މާސްޓަރސް އޮފް ބިޒްނަަސް އެޑްމިނިސްޓްރޭޝަން ހަދާފަ. ކުޑޫސް ވީމަ ނޭގިދާނެ. ރޯނު އެނދުރު. އިނގެގެން ކޮމެންޓް ކޮށްބަލަ. ހަމަ އެއްޗެއް ފެންނަ އިރަށް ކޮމެންޓްކުރެވޭތޯ ބަލާ.
ޒަރީރް
29 March 2018
މިދެން އަނެއް އަޅިބެ.
އަލީބެ
28 March 2018
ބޮޑު ބައްޔެއް.
ވާވާ
28 March 2018
އައްޔަ އެންމެ ފުރަތަމަ ކުޅުނީ ޔޫތް ސުޕޯރޓްސް ނޮޓް ވެލެންސިޔާ
ޗަނބޭލީ ރާނީ
28 March 2018
ތިޔައީ މިކަމަށް އެންމެ އެކަށޭނެ ޒުވާނާކަމާއި މެދު އެއްވެސް ބަޔަކު ޝައްކެއް ނުކުރާނެ ... މަރްހަބާ
ހަސަންވަހީދު
28 March 2018
ތިމަގާމައް ވަރައް ބަރާބަރު މީހެއް ތީ ... މަރުހަބާ އަލީ އުމަރު
ސަކޫ
28 March 2018
މަރުހަބާ އަވާ ފުޓުބޯލް ލެޖެންޑް
އިބުރޭސް
28 March 2018
އަލީ އަހަރުމެނާ ސިޔާސީ ހިޔާލު ތަފާތުވިޔަސް ، އަލީ އަކީ ތި މަގާމައް ހަމަ ވަރައް ފައްކާ ބޭފުޅެއް. އެފް އޭ އެމް ގަ ކުރި މަސައްކަތުން ހިންގުމުގެ ގާބިލްކަން ހުރިކަން ޔަގީން ، ކުޅިވަރުގަ ތީ ލެޖެންޑެއް ، ވަރައް ބޮޑައް މަރުހަބާ ، ކުޅިވަރައް ވަރައް ފުރިހަމަ ޔައް ހިދުމަތް ކުރާނެ ކަމައް އުންމީދިކުރަން
ހުސޭނު
28 March 2018
ތިމަގާމައް ތިޔައްވުރެ ވަކި ގާބިލު ޒުވާނަކު ނުހުންނާނެ ، ތިޔައީ ތައުލީމީ ގައުމީ ބަތަލެއް ، މަރްހަބާ ...