މިހާރު އެވޯޑްސްގައި ހޮވި މިދިޔަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށްދޭ ރަންބޫޓުގެ މަގާމް ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ހާސިލްކޮށްފި އެވެ.
ޕެރެޑައިސް އައިލެންޑް ރިޒޯޓުގައި ރޭ ބޭއްވި އެވޯޑް ހަފުލާގައި ސެންޓޭގެ ފަހަތުން އެންމެ މޮޅު ދެ ވަނަ ކުޅުންތެރިޔާގެ މަގާމް ހޯދީ މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކުޅުނު މުހައްމަދު އުމެއިރެވެ. ތިން ވަނަ އަކީ ނިއުގެ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. މި މަގާމްތަކަށް ދެން ވާދަކުރީ މާޒިޔާގެ އަސަދުﷲ އަބްދުﷲ އާއި ނިއުގެ އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ.
ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ޓްރޮފީ ހަވާލުކޮށްދެއްވީ ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޒާހިރު ހުސެއިންނެވެ. އުމެއިރު އަށް އެވޯޑް ހަވާލުކޮށްދެއްވީ އެވޯޑްސްގެ ޕާޓްނަރު އުރީދޫ މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒެވެ. އަދި ދަގަނޑޭ އަށް އިނާމް ދެއްވީ އެވޯޑްސްގެ ޕާޓްނަރު އެލައިޑް އިންޝުއަރެންސްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާނެވެ.
ރަންބޫޓް ސެންޓޭ ހާސިލްކުރީ 24 ލަނޑު ޖަހައި 47 ޕޮއިންޓާ އެކު އެވެ. ޕޮއިންޓް ސިސްޓަމަށް ބަލައިގެން މި ފަހަރު ރަންބޫޓް ހޮވިއިރު މާލޭ ލީގާއި މިނިވަން ޗެމްޕިއަންޝިޕްގައި ޖަހާ ލަނޑަކަށް ކޮންމެ ކުޅުންތެރިޔަކާށް ވެސް ލިބުނީ އެއް ޕޮއިންޓް ލިބުނެވެ. ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގައި ޖަހާ ގޯލުތަކަށް ދެ ޕޮއިންޓް ލިބުނުއިރު ގައުމީ ޓީމާއި ކްލަބް ލެވެލްގެ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ޖަހާ ކޮންމެ ގޯލަކަށް ތިން ޕޮއިންޓް ލިބުނެވެ.
މިދިޔަ އަހަރުގެ އެންމެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދީ މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ނާއިޒް ހަސަން (ދާދު) އެވެ. އޭނާ މަގާމް ހޯދީ ކްލަބް ގްރީންސްޓްރީޓްސްގެ އިބްރާހިމް ރިޒުހާން (ރިޒްކޯ) އާއި މާޒިޔާގެ ސަމޫހު އަލީ (ސަމުއްޓެ) އާ ވާދަކޮށްގެންނެވެ.
އަމިއްލަ ސަބަބަކާ ގުޅިގެން ދާދު އަށް ރޭގެ ހަފުލާ އަށް ހާޒިރުނުވެވުމުން އެވޯޑާ ހަވާލުވީ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. އެވޯޑް ދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަޒުރޫގެވެ.