މާޒިޔާ އިން އެ ޓީމުގެ އިޓަލީގެ ގޯލްކީޕަރު މައުރޯ ބޮއެޗިއޯއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް ފަހު އޭނާ ފޮނުވާލައިފި އެވެ.

އުމުރުން 28 އަހަރުގެ ބޮއެޗިއޯ ވަނީ އެސްޓީއޯ މާލޭ ލީގުގައި މެޗަކަށް ފަހު މެޗެއް ކުޅުން ރަނގަޅުކޮށްފަ އެވެ. އެކަމަކު އެންމެ ފަހުން ކުޅުނު ބައެއް މެޗުތަކުގައި އޭނާގެ ފަރާތުން ގޯސްތަކެއް ފެނުނެވެ.

ލީގުގައި އެންމެ ފަހުން މާޒިޔާ ކުޅުނު މެޗުގައި އީގަލްސް އަތުން 1-0 އިން ބަލިވިއިރު، އެ މެޗުގައި އީގަލްސް އިން ލަނޑު ޖެހުމުން ކީޕަރު މައުރޯ ވަނީ މާޒިޔާގެ ބެންޗަށް އިޝާރަތްކޮށް އަތްތިލަބަޑި ޖަހައިފަ އެވެ. ބެލެވޭ ގޮތުގައި އެއީ އެ ޓީމުގެ ކޯޗުންނާ އުފެދިފައިވާ ހިޔާލު ތަފާތުވުމެއްގެ ސަބަބުންނެވެ. އޭގެ ކުރިން ޓީސީ ސްޕޯޓްސް ކްލަބާ އެއްވަރުވި މެޗުގައި އެ ޓީމުން ފޮނުވާލި ޕެނަލްޓީއެއް މައުރޯ މަތަކުރީ ކުރިއަށް ޖެހިހުރެ ކަމަށް ބުނެ، އެ މެޗުގެ ރެފްރީ އަލުން ޕެނަލްޓީ ޖަހަން ދިނުމުން މައުރޯ ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އެ މެޗަށް ފަހު ވެސް އޭނާ ހިތްހަމަ ނުޖެހުން ފާޅުކުރުމަށް ދިއުމުން ހުއްޓުވީ އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ގޮހެވެ.

އީގަލްސް އަތުން ބަލިވި މެޗަށް ފަހު މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ އެ ޓީމުގެ ކުޅުންތެރިންގެ އެޓިޓިއުޑް މައްސަލަތަކެއް އުޅޭ ކަމަށާއި އެކަން ބެލުމަށް ފަހު ދިމާވެގެން އުޅޭ މައްސަލަ ހައްލުކުރާނެ ކަމަށެވެ.

މައުރޯ ވަނީ މީގެ ކުރިން އިޓަލީގެ ނޮޗެރީނާ، ރެނާޓް، ބާރީ، ލެއްކޯ، ޕްރޯ ސެސްޓޯ، އަދި ސަވޯނާ އަށް ކުޅެފަ އެވެ. އިޓަލީގެ ކްލަބްތަކަށް ކުޅުމަށް ފަހު އޭނާ ދެން ފެނުނީ މަލްޓާ އާއި ވަނުއަޓޫ އަދި މޮންގޯލިއާ ލީގުގަ އެވެ.

މާލޭ ލީގުގައި މާޒިޔާ އަށް ބާކީ ހަތަރު މެޗު އޮތްއިރު، މި މެޗުތަކުގައި އެ ޓީމުގެ ގޯލު ބަލަހައްޓާނީ ޒުވާން ގޯލްކީޕަރު ހުސެއިން ޝަރީފް އެވެ. މާޒިޔާ އަށް ދެން ޓީމަށް އާ ކީޕަރެއް ގެނެވޭނީ އަންނަ މަހު ހުޅުވޭ ޓްރާންސްފާ މާކެޓްގަ އެވެ.

މާޒިޔާއިން ކީޕަރު މައުރޯ ފޮނުވާލިއިރު، ނިއު ރޭޑިއަންޓުން ވަނީ ގެނައި ސްޕެއިނުގެ ފޯވާޑް ގުއިލެމް މާޓީ ފޮނުވާލައިފަ އެވެ. އަދި އީގަލްސް އިން ވަނީ އެ ޓީމަށް ކުޅޭ މިސްރުގެ ޑިފެންޑަރު މަހުމޫދު ސައީދު ވެސް ދޫކޮށްލައިފަ އެވެ.