ވެޓްރަންސް ކަޕް: ޕޮލިސް ބަލިކޮށް ނިއު ސެމީއާ ގާތަށް

ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށްދާ ވެޓްރަންސް ކަޕްގައި މިއަދު ކުޅުނު މެޗުން ފަސޭހަކަމާ އެކު 4-0 އިން ޕޮލިސް ކްލަބް ބަލިކޮށް ނިއު ރޭޑިއަންޓް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.


މުބާރާތުގައި ފައިނަލުގެ ސީދާ ޖާގަ ހޯދާފައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވަމުން އަންނަ ކްލަބް ވެލެންސިއާ އެވެ. އަނެއް ޖާގަ ލިބޭނީ ދެ ވަަނަ އާއި ތިން ވަނައިގެ މެދުގައި ކުޅޭ ސެމީ މެޗުން މޮޅުވާ ޓީމަކަށެވެ. ދެ ވަނަ ބުރުގެ ތާވަލްގެ އެއް ވަނައިގައި ވެލެންސިއާ އޮތީ 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ނިއު އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ.

މާޒިޔާ ކުޅޭ ފަހު މެޗުގައި މާދަމާ ނުކުންނާނީ ސިފައިންނާ ދެކޮޅަށެވެ. ސިފައިންނަށް ސެމީގެ ޖާގައެއް ލިބޭނީ ބޮޑު ތަފާތަކުން މާޒިޔާގެ މައްޗަށް ކުރި ހޯދައިގެންނެވެ. ސިފައިން ތިން ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތް ޕޮލިސް ވަނީ ކަޓައިފަ އެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ކުޅުނު މެޗުގައި ނިއުގެ ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި ޓީމުގެ ކެޕްޓަން އަލީ ޝަމީމް (އައްޔަ) ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އޭގެ ތެރެއިން ދެ ލަނޑަކީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އައްޔަ ޕެނަލްޓީން ކާމިޔާބުކުރި ގޯލުތަކެކެވެ. ނިއުގެ އަނެއް ލަނޑު ޖެހީ އާދަމް ފަޒީހް (ފަޒިއްކޮ) އެވެ.

މެޗުގެ 45 އަހަރުން މަތީގެ ކުޅުންތެރިއަކަށް ހޮވުނީ ނިއުގެ އަބްދުﷲ ޝިފާއު އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އެންމެ ފަހުން ދެ ފަހަރު ވެސް ހޯދީ ނިއު އެވެ. ނިއު އިން އަމާޒުހިފާފައިވަނީ މި ފަހަރު މުބާރާތުގެ ތަށި މިލްކުކުރާށެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެލެންސިއާ އެވެ. އެ ޓީމު ވަނީ މި މުބާރާތުގެ ތަށި ހަތަރު ފަހަރު އުފުލާލައިފަ އެވެ. އޭގެ އިތުރުން ސޮކަ ވެޓެރަންސް އިން ވެސް ވަނީ މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.