މޮސްކޯ (ޖުލައި 3) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ އަތުން 4-3 އިން މޮޅުވެ އިންގްލެންޑް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ. މިއީ ވޯލްޑް ކަޕް ތާރީހުގައި ޕެނަލްޓި ޖަހައިގެން އިންގްލެންޑް މޮޅުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ތިން ފަހަރު ވެސް އެ ޓީމު ވަނީ ޕެނަލްޓީގައި ބަލިވެފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު 30 މިނިޓްގެ ކުޅުން ނިމުނުއިރު ދެ ޓީމު އޮތީ، 1-1 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، އިންގްލެންޑުން ވަނީ ފަސް ޕެނަލްޓީ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ކޮލަމްބިއާ އަށް ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީ އެވެ.
މި މޮޅާ އެކު އިންގްލެންޑް ވަނީ 2006 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. އަދި މިއީ އެ އަހަރުގެ ފަހުން އިންގްލެންޑަށް ބޮޑު މުބާރާތެއްގެ ނޮކައުޓް މެޗެއްގައި ލިބުނު ފުރަތަމަ މޮޅެވެ. އަދި މިރޭގެ ނަތީޖާއާ އެކު އިންގްލެންޑުން ވަނީ ކޮލަމްބިއާ އަތުން ބަލިނުވުމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ.
މި މެޗަށް ނުކުތްއިރު ކޮލަމްބިއާގެ ތަރި ހަމޭސް ރޮޑްރިގޭޒް އަނިޔާގެ ސަބަބުން ނުކުޅެ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވުނު ޑެލެ އަލީ މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުމަކީ އިންގްލެންޑަށް ލިބުނު ހިތްހަމަޖެހުމެކެވެ.
އިންގްލެންޑްގެ އަވަސް ކުޅުންތަކާ އެކު މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން ކޮލަމްބިއާގެ ފަހަތަށް ބާރުބޮޑުވާން ފެށި އެވެ. އިންގްލެންޑްގެ ރަހީމް ސްޓާލިން އާއި ޖެސޭ ލިންގާޑުގެ ހަލުވި އެޓޭކްތައް ހުއްޓުވަން ކޮލަމްބިއާގެ ކުޅުންތެރިންނަށް ޖެހުނީ ފައުލުކުރާށެވެ.
މެޗުގެ 16 ވަނަ މިނިޓްގައި އިންގްލެންޑްގެ ކިއެރަން ޓްރިޕިއޭ ނަަގައިދިން ބޯޅައެއް އެ ޓީމުގެ ކެޕްޓަން ހެރީ ކޭން ބޮލުން ފޮނުވާލި ނަމަވެސް ދިޔައީ ގޯލާ ސީދާނުވެ އެވެ. އޭގެ ފަހުން ރަހީމް ސްޓާލިން ފޮނުވާލި ބޯޅައެއް ކޮލަމްބިއާގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.
ފުރަތަމަ ހާފުގައި ކޮލަމްބިއާގެ ރަޑަމެލް ފަލްކާއޯ އާއި ހުއަން ކުއަޑްރާޑޯ އަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އަދި ކުރީގައި ބޯޅަ ހިފެހެއްޓުމުގައި ވެސް އެ ކުޅުންތެރިން ވަނީ ނާކާމިޔާބުވެފަ އެވެ.
މެޗުގެ 35 ވަނަ މިނިޓްގައި އިންގްލެންޑުން ހިލޭ ޖެހުމެއް ފޮނުވާލަން އުޅުނު ވަގުތު ކޮލަމްބިއާގެ ވިލްމާ ބަރިއޯސް ވަނީ އިންގްލެންޑްގެ ޖޯޑަން ހެންޑަސަން ގައިގައި ބޮލުން ޖަހައިފަ އެވެ. އެ މަންޒަރު ބެލުމަށް ވީއޭއާރްގެ އެހީ ހޯދަން އިންގްލެންޑުގެ ކުޅުންތެރިން ވަނީ ރެފްރީ ގާތު އެދިފަ އެވެ. ވީއޭއާރް ރޫމުން އެންގި އެންގުމެއްގެ މައްޗަށް ރެފްރީ ވަނީ ބަރިއޯސް އަށް ރީނދޫ ކާޑެއް ދައްކައިފަ އެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ދެ ޓީމުން ވެސް ވަނީ ހަމަލާތައް އުފައްދައިފަ އެވެ. ކޮލަމްބިއާގެ ޖޮނަތަން ކިންޓޭރޯ ފޮނުވާލި ބޯޅަ އަމާޒުވީ އިންގްލެންޑުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް އަތަށެވެ. އަނެއްކޮޅުން އިންގްލެންޑުގެ ލިންގާޑު ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ކޮލަމްބިއާ އިން ދެ ވަނަ ހާފުގެ ކުރީކޮޅު ފުރަތަމަ ހާފަށް ވުރެން ރަނގަޅަށް ކުޅުނެވެ. އެކަމަކު އެ ޓީމަށް އެންމެ ބޮޑު އުނދަގުލެއް ކުރިމަތިވީ މެޗުގެ 57 ވަނަ މިނިޓްގައި އިންގްލެންޑަށް ލިބުނު ޕެނަލްޓީ އަކުން ކޭން ލީޑުނަަގައިދިނުމުންނެވެ. މި ޕެނަލްޓީ އަކީ ކޭން އަށް ކޮލަމްބިއާގެ ކާލޮސް ސަންޗޭޒް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީ ދިނުމުން ކޮލަމްބިއާ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. މި ފަހަރުގެ މުބާރާތުގެ ރަން ބޫޓު ރޭހުގެ ކުރީގައި ކޭން އުޅެނީ ހަ ގޯލާ އެކު އެވެ.
އޭގެ ފަހުން ކޮލަމްބިއާ އޭރިއާ ތެރެއިން ޕެނަލްޓީއެއް ހޯދަން އިންގްލެންޑުގެ ހެރީ މެގުއާ ޑައިވްކުރި ކަމަށް ބުނެ އޭނާ އަށް ކާޑު ދައްކަން ކޮލަމްބިއާ ކުޅުންތެރިން ވަރަށް ބޮޑަށް އެޕީލްކުރި އެވެ. އެ ވަގުތު ރެފްރީއާ ދިމާލަށް ފަލްކާއޯ ނުރުހުންވެ ބުނި އެއްޗެއްގެ ސަބަބުން ރެފްރީ ވަނީ އޭނާ އަށް ރީނދޫ ކާޑު ދައްކައިފަ އެވެ.
މެޗުގެ ފަހު ވަގުތު ދެ ޓީމުން ވެސް ދިޔައީ އަަވަސް ކުޅުމަކާ އެކު އެޓޭކުކުރަމުންނެވެ. މެޗުގެ 81 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަ ކުރަން ކޮލަމްބިއާގެ ކުއަޑްރާޑޯ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އިންގްލެންޑުގެ ކައިލް ވޯކާ އަތުން ހެދުނު ގޯހެއްގެ ސަބަބުން ކޮލަމްބިއާ އިން ކުރި އެޓޭކެއްގައި އޭރިއާ ތެރެއިން މުޅިން ހުސްކޮށް ކަހަލަ ގޮތަކަށް ކުއަޑްރާޑޯ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
އޭގެ ފަހުން އޭރިއާ ތެރެއިން ފަލްކާއޯ ބޮލުން ޖެހި ބޯޅައެއް ހުރަސްދަނޑިމަތިން ދިޔައިރު، އޭރިއާ ބޭރުން ޖެހި ޝޮޓުގެ ބާރެއް ނެތުމުން ކީޕަރު ޕިކްފޯޑް ވަނީ އެ ބޯޅަ ފަސޭހައިން އަތަައް ނަަގައިފަ އެވެ.
ކޮލަމްބިއާ އިން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ތެރޭގައި ލަނޑު ޖަހަައިގެންނެވެ. ލިބުނު ކޯނަރަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ގޯލަށް ވައްދާލީ ޔެރީ މިނާ ބޮލުން ޖަހަ އެވެ. އޭނާ ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ އިންގްލެންޑުގެ ޓްރިޕިއޭ ބޮލުގައި ޖެހިފަ އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ޔެރީ މިނާ ޖެހިޖެހިގެން ލަނޑު ޖެހި ތިން ވަނަ މެޗެވެ. އަދި މިއީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އެއް މުބާރާތެއްގައި ބޮލުން ތިން ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިއާ އެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރަން މަސައްކަތްކުރީ ކޮލަމްބިއާ އިންނެވެ. އެ ގޮތުން ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ލުއިސް މުރިއެލް އާއި ކާލޮސް ބައްކާ ވަނީ ހަމަލާތަކެއް ފޮނުވާލައިފަ އެވެ.
އިންގްލެންޑުން ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކުރި އެވެ. އެ ޓީމުގެ ޑެނީ ރޯސް ފޮނުވާލި ބޯޅަ ދަނޑިކައިރިން ބޭރަށް ދިޔައިރު، ކޯނަރަކުން އެރިކް ޑަޔާ ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
ޕެނަލްޓީގައި އިންގްލެންޑުގެ ކޭން، މާކަސް ރަޝްފޯޑް، ޓްރިޕިއޭ އަދި ޑަޔާ ޖެހި ޕެނަލްޓީތައް ކާމިޔާބުވިއިރު، އެ ޓީމުގެ ޖޯޑަން ހެންޑަސަން ޖެހި ޕެނަލްޓީ ކޮލަމްބިއާގެ ކީޕަރު ޑޭވިޑް އޮސްޕީނާ ވަނީ މަތަކޮށްފަ އެވެ. ކޮލަމްބިއާ އިން ފަލްކާއޯ، ކުއަޑްރާޑޯ އަދި މުރިއެލް ޕެނަލްޓީ ކާމިޔާބުކުރިއިރު، މަޓެއަސް އޮރީބޯ ޖެހި ޕެނަލްޓީ އަމާޒުވީ ހުރަސްދަނޑިއަށެވެ. އަދި ބައްކާ ޖެހި ޕެނަލްޓީ އިންގްލެންޑުގެ ކީޕަރު ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.
ކުއާޓާ ފައިނަލް މެޗުތައް:
އުރުގުއޭ - ފްރާންސް (6 ޖުލައި، 19:00)
ބްރެޒިލް - ބެލްޖިއަމް (6 ޖުލައި، 23:00)
އިންގްލެންޑް - ސްވިޑަން (7 ޖުލައި، 19:00)
ރަޝިއާ - ކްރޮއޭޝިއާ (7 ޖުލައި، 23:00)