ކުޅިވަރު / ކްލަބް އީގަލްސް

ހަންނަ: އިތުބާރު ހޯދައި، ތަފާތު ދައްކަނީ!

އީގަލްސްގެ ޒުވާން ފޯވާޑް ހަންނަ: މި ފަހަރު ގައުމީ ސްކޮޑުން ވަނީ ޖާގަހޯދާފައި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މީގެ ހަތަރު އަހަރު ކުރިއަށް ބަލާއިރު ހަސަން ރާއިފް އަހުމަދު (ހަންނަ) އަކީ ހަމައެކަނި އައްޑޫގެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިއެކެވެ. މިދިޔަ ދެ އަހަަރަށް ބަލާއިރު އޭނާ ކްލަބް އީގަލްސްގައި ދައްކަމުން އައި ކުޅުމުގެ ސަބަބުން ގިނަ ބަޔެއްގެ ލޯ އަމާޒުވި އެވެ. އީގަލްސްގައި މި ސީޒަނުގައި މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި އުމުރުން 20 އަހަރުގެ ހަންނަ ގިނަ މެޗެއްގައި ފުރަތަމަ އެގާރައިގައި ހިމެނި އަންނަނީ ތަފާތު ދައްކަމުންނެވެ.

އީގަލްސް އަށް ހަންނަގެ ކުޅުން ފެނުނީ 2015 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި އޭނާގެ އުފަން ރަށް ކަމަށްވާ ހިތަދޫގެ ޓީމަށް ކުޅެނިކޮށެވެ. އީގަލްސް އިން އެ ފަހަރު ހަންނަ ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އެކަމަކު ޖެހިގެން އައި 2016 ވަނަ އަހަރު ހަންނަ ވަނީ ޓީސީ ސްޕޯޓްސް ކްލަބްގެ ޓަރަޔަލްގައި ބައިވެރިވެފަ އެވެ. އެހެން ނަމަވެސް އޭނާ ފަހުން ނިންމީ އީގަލްސް އަށް ސޮއިކުރާށެވެ. އޭރު އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) އަށް ހަންނަގެ ކުޅުން ކަމުދިޔުމުން އެ ޓީމުގެ މެނޭޖްމަންޓުން ވަނީ އޭނާއާ އެކު ދިގު މުއްދަތުގެ ކޮންޓްރެކްޓެއް ހަދައިފަ އެވެ.

2016 ވަނަ އަހަރުގެ މެޗެއްގެ ތެރެއިން އީގަލްސްގެ ރާއިފް (ވ) އަތުން ބޯޅަ ހޯދަން ޓީސީގެ މުރުތަލާ މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އީގަލްސް އިން 2016 ވަނަ އަހަރުގެ ސީޒަނުގައި ކުޅުނުއިރު ހަންނަ އަށް ފުރުސަތު ލިބުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ލިބޭ ކޮންމެ ފުރުސަތެއްގައި އޭރު ވެސް ހަންނަ ދިޔައީ މޮޅު ކުޅުމެއް ދައްކައި އެ ޓީމުގެ ކޯޗު ސާންތީގެ އިތުބާރު ހޯދަމުންނެވެ.

އޭނާ އަށް އެންމެ ގިނަ ފުރުސަތު ލިބުނީ 2016 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕުންނެވެ. އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން އީގަލްސް އިން ހޯދިއިރު، ގިނަ މެޗުތަކުގައި ހަންނަ ވަނީ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. އީގަލްސް އިން އެ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި ފޯމުގައި ގޮސް ވަނީ ޕްރެޒިޑެންޓްސް ކަޕް ތަށި ވެސް އުފުލާލައިފަ އެވެ. އެއީ އީގަލްސްގެ ތާރީހުގައި އެ ޓީމަށް ލިބުނު ބޮޑު ކާމިޔާބީ އެވެ. އެ މެޗުގައި ވެސް ހަންނަ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ހަންނަ އެ އަހަރު ނިންމާލީ ރަނގަޅު ފޯމެއްގައި ހުރެ އެވެ.

މިދިޔަ އަހަރު އީގަލްސް އިން ރަނގަޅަށް ފެށި ނަމަވެސް ފަހު ވަގުތު މާލޭ ލީގުގެ ގަދަ ހަތަރަކުން ކެޓުމުން ދިވެހި ޕްރިމިއާ ލީގުގެ ފުރުސަތު އެ ޓީމަށް ގެއްލުނެވެ. އީގަލްސް އިން ނިންމީ މިދިޔަ އަހަރުގެ އެފްއޭ ކަޕްގައި އެ ޓީމުން ޒުވާން ޓީމެއް ނެރޭށެވެ. އެއީ ޔޫތު ޗެމްޕިއަންޝިޕްގެ ތަށި މިލްކުކުރުމަށް ޓާގެޓްކޮށްގެންނެެވެ. އީގަލްސް އިން ޔޫތު ތަށި ޖެހިޖެހިގެން ތިން ފަހަރު ހޯދިއިރު، އޭގެ ތެރެއިން ފަހު ދެ ފަހަރު އެ ޓީމަށް މުބާރާތް ކާމިޔާބު ކޮށްދިނުމުގައި ހަންނަގެ ދައުރު ބޮޑެެވެ.

އީގަލްސްގެ ކޯޗުކަމާ މި ސީޒަނުގައި މޯހަން ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ޝުކުރު އަދާކުރީ ސާންތީ އަށެވެ. އެއީ ރަނގަޅު ޓީމެއް ބިނާކޮށްފައި އޮތުމުންނެވެ. ހަންނަ ފަދަ ހުނަރުވެރި ކުޅުންތެރިންނަށް ފުރުސަތު ދީ އެ ކުޅުންތެރިން ބޮޑެތި މެޗުތަކަށް ހާނުވާފައިވާތީ އެވެ. މޯހަން ވަނީ އޭނާގެ ކޯޗުކަމުގައި މި ސީޒަނުގައި އީގަލްސް އިން ކުޅުނު ގިނަ މެޗުތަކުގައި ހަންނަ އަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ. މުހައްމަދު އާރިފް (ބަކާ) ވެސް އީގަލްސް އަށް ކުޅެމުން އަންނައިރު، ދަނޑުމަތީގައި ހަންނަ އަށް އެންމެ ގިނަ ފަހަރަށް އެހީތެރިވެދެމުން އަންނަ އެއް ކުޅުންތެރިއަކީ ބަކާ އެވެ.

މިިދިޔަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ހަންނަ (ކ) މާޒިޔާ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިހާރު އެވޯޑްސް އިން އެސްޓީއޯ މާލޭ ލީގުގެ ދެ ބުރުގައި ވެސް ހޮވި ޒުވާން ފަސް ކުޅުންތެރިންގެ ތެރޭގައި ހަންނަ ހިމެނެ އެވެ. ސަބަބަކީ މާލޭ ލީގުގެ ދެ ބުރުގައި ވެސް އޭނާ ދެއްކި މޮޅު ކުޅުމާއި މުހިއްމު ވަގުތުތަކުގައި ޖެހި ގޯލުތަކެވެ. މި ސީޒަނުގެ މެޗަކަށް ފަހު ހަންނަ ބުނީ އޭނާގެ އުއްމީދަކީ މި ގޮތުގައި ކުރިއަށް ދިއުން ކަމަށެވެ.

އީގަލްސް އަށް އެންމެ ފަހުން ކޯޗުކޮށްދިން ދެ ކޯޗުން ކަމަށްވާ ސާންތީ އާއި މޯހަން އަކީ ރާއްޖޭގެ ފުޓްބޯޅައިގެ ދެ ތަޖުރިބާކާރުންނެވެ. ދެ ކޯޗުންގެ އިތުބާރު ވެސް ހަންނަ މިވަނީ ހޯދައިފަ އެވެ. އޭނާ އަށް މި ދެ ކޯޗުން ވެސް ފުރުސަތު ދެނީ އޭނާ އޭގެ ބޭނުން ހިފައި ތަފާތު ދައްކާތީ އެވެ.

ގައުމީ ޓީމުގައި އައްޑު އަށް ނިސްބަތްވާ ހަލުވި ކުޅުންތެރިންވަނީ މިދިޔަ އަހަރުތަކުގައި ވެސް ކުޅެފަ އެވެ. އަހުމަދު ނާޝިދު (ނައްޓޭ) މިދިޔަ އަހަރުތަކުގައި ކުޅުނުއިރު، މި ފަހަކަށް އައިސް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވެސް ވަނީ ލިބޭ ފުރުސަތުތަކުގައި މޮޅު ކުޅުމެއް ދައްކަން ފަށައިފަ އެވެ. މި ފަހަރު ސާފް ޗެމްޕިއަންޝިޕަށް ނަގާ ސްކޮޑުގައި ހަންނަގެ ނަން ހިމަނާފައިވާ ކަމަށް "މިހާރު" އަށް ވަނީ އެނގިފަ އެވެ. މިއީ ހަންނަގެ ކެރިއަރުގައި ކުރިއަށްދާން އޭނާ އަށް ލިބުނު ރަނުގެ ފުރުސަތެކެވެ. ހަންނަ ހުރީ މި ފުރުސަތުގެ ބޭނުން ހިފައިގެން ކުރިއަށްދިއުމުގެ އަޒުމުގަ އެވެ.

2 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 0%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިޝާ

30 July 2018

ވަރަށް ހެންޑް ސަމް .... އޯ.އެމް.ޖީ

The name is already taken The name is available. Register?

ފާގަ ހަސަނާ

29 July 2018

ހައްނަ ރޭގަނޑު ހޭލާނުހުރެ ޑިސިޕްލިން ކޮށް ބަސް އަހައިގެން ކުރިއަށް ދީތި... ހައްނަ ގެ ކޮއްޓު މާއި ނެއްޓުން ވަރަށް ހިއްގައިމު...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454