މިދިޔަ އަހަރު ނޮވެމްބަރު މަހު ދިވެހި ޕްރިމިއާ ލީގުގެ ފަހު މެޗުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެނިކޮށް މާޒިޔާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ)ގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއިން ރަނގަޅުވެ، ކުޅުމަށް އެނބުރި އަންނަން ތައްޔާރަށް ހުރި ކަމަށް އޭނާ ބުނެފި އެވެ.

އުމުރުން 26 އަހަރުގެ އެންޑީގެ ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވެ އޭނާ ފުރަތަމަ މަސައްކަތްކުރީ އަށް މަސްތެރޭގައި ކުޅުމުގެ ތެރެއަށް އައުމަށެވެ. އެކަމަކު ރިހެބިލިޓޭޝަން ކަންތައްތައް ކުރިއަށް ދިއުމާއި ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ދެ މަހަށް މެދުކަނޑާލުމުން އޭނާ ކުޅުމަށް އަންނަން ކުރި އިންތިޒާރު އިތުރަށް ދިގުވި އެވެ.

"މިިދިޔަ ޖުލައި މަހުން ފެށިގެން ޓީމާ އެކު ޖޮގިން އަށް ނިކުމެފިން. އެކަމަކު އަސްލު ރަނގަޅަށް ޕްރެކްޓިސް ފެށީ ގައުމީ ޓީމުގެ ކުޅުންތެރިން ސާފްގެ ޓްރެއިނިން ކޭމްޕް އަށް ފުރިފަހުން. އިންޝާﷲ މިހާރު ފިޓް. ދިވެހި ޕްރިމިއާ ލީގު ދެން ފަށާއިރު ފެންނާނެ،" އެންޑީ "މިހާރަ"ށް ބުންޏެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ކަކުލަށް ލިބުނު އަނިޔާ އަށް ފަހު މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ކުޅުމަށް އެނބުރި އައީ މި އަހަރު މެއި މަހުގަ އެވެ. އޭނާގެ ބޭނުންކުރުމުގައި މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ވަނީ ވަރަށް ސަމާލުވެފަ އެވެ. އެއީ ބޮޑު އިންޖަރީ އަކަށް ފަހު ކުޅުމަށް އެނބުރި އައުމުން ކަމަށް އޭރު އިންމަ ބުންޏެވެ. އެެހެން ކަމުން އެންޑީ އަށް ވެސް ފުރުސަތު ދޭނީ އެ ކަހަލަ ގޮތަކަށް ކަމަށް ބެލެވެ އެވެ.

"ކުޅުމަށް އެނބުރި އަންނާނެ މެޗެއް ސީދާ ކަނޑައަޅާނީ ކޯޗު. އެއީ ކޯޗުގެ ނިންމުމެއް. ޓްރެއިނިންގައި ކަންތައްތައް ރަނގަޅަށް ދަންޏާ ކޯޗު ފުރުސަތުދޭނެ،" އެންޑީ ބުންޏެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގައި ބެންގަލޫރުގެ ޑެނިއަލް (ވ) އަަތުން ބޯޅަ ހޯދަން އެންޑީ މަސައްކަތްކުރަނީ. –ފޮޓޯ: ނިޝާން އަލީ/ މިހާރު
މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގައި ބެންގަލޫރުގެ ޑެނިއަލް (ވ) އަަތުން ބޯޅަ ހޯދަން އެންޑީ މަސައްކަތްކުރަނީ. –ފޮޓޯ: ނިޝާން އަލީ/ މިހާރު

އެންޑީ އަކީ 2011 ވަނަަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުން ވިދާލި ކުޅުންތެރިއެކެވެ. ގައުމީ ފުޓްބޯޅަ ޓީމުން ޑްރަގޯ މަމިޗްގެ ކޯޗުކަމުގައި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖު ކަޕުގެ ސްކޮޑުގައި ހިމެނި ޓީމުގެ ފުރަތަމަ އެގާރައިން ވެސް ފުރުސަތު ހޯދި އެންޑީ އަކީ މިދިޔަ ހަތަރު ވަރަކަށް އަަހަރު މާޒިޔާ އާއި ގައުމީ ޓީމުގައި ގަވައިދުން ކުޅެމުން އައި ކުޅުންތެރިއެކެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ މިދިޔަ މާޗް މަހު ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ހަވާލުވި ފަހުން އެންޑީ ހުރީ އަނިޔާގަ އެވެ. އެހެން ކަމުން ކުޅުމަށް އެނބުރި އައިސް އަލުން ގައުމީ ޓީމުން ފުރުސަތު ހޯދުމަކީ ވެސް އެންޑީގެ އަމާޒެކެވެ.

"ވަރަށް ބޭނުންވި މި ފަހަރުގެ ސާފްގައި ކުޅެން. އެކަމަކު އަނިޔާގައި ހުރުމުން އެކަންނުވި. ޓީމަށް މަރުހަބާ ކިޔަން ކާމިޔާބަށް. މަސައްކަތްކުރާނަން އަލުން ގައުމީ ޓީމަށް އަރަން. އިންޝާﷲ ވަރަށް މަސައްކަތްކުރާނަން،" ހދ. ނޮޅިވަރަމް އަށް އުފަން އެންޑީ ބުންޏެވެ.

އެންޑީ ވަނީ އަނިޔާގައި ހުރިއިރު މާޒިޔާގެ ފަރާތުން އޭނާ އަށް ލިބުނު އެއްބާރުލުމަށް ޝުކުރުއަދާކޮށްފަ އެވެ.

ލީގުގައި ދެން އެންމެ އަވަހަށް މާޒިޔާ ކުޅޭ މެޗުގައި މެޗުގައި އަންނަ ބުދަ ދުވަހުގެރޭ ނުކުންނާނީ ވިކްޓަރީއާ ދެކޮޅަށެވެ.