ފުޓްބޯޅައިގައި ވެސް ހުނަރު ސާބިތުކޮށްދޭން ބޭނުން: ބޯލްޓް

ސިޑްނީ، އޮސްޓްރޭލިއާ (އޮކްޓޫބަރު 11) - ފުޓްބޯޅައިގައި ވެސް ހާސިލްކުރަން ބޭނުންވާ ކަންތައްތަކެއް އެބަހުރި ކަމަށާއި މި ކުޅިވަރުގައި ވެސް އޭނާގެ ހުނަރު އެބަހުރިކަން ސާބިތުކޮށްދެވޭނެ ކަމަށް މަޝްހޫރު ދުވުންތެރިއާ އަދި މިހާރު އޮސްޓްރޭލިއާ ލީގުގެ ސެންޓްރަލް ކޯސްޓް މެރިނާސްގެ ފޯވާޑް އުސެއިން ބޯލްޓް ބުނެފި އެވެ.


މީގެ ކުރިން ގިނަ ފުޓްބޯޅަ ކްލަބްތަކާ އެކު ޓްރަޔަލްތަކެއްގައި ބައިވެރިވި ނަމަވެސް އެއްވެސް ކްލަބަކުން ރަސްމީ ސިފައެއްގައި ބޯލްޓަށް ކުޅުމުގެ ފުރުސަތު ނުދެ އެވެ. އޭނާ އެންމެ ފަހުން ބައިވެރިވީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑްގެ ޓްރަޔަލްގަ އެވެ.

ބޯލްޓް ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މިދިޔަ އޮގަސްޓް މަހު މެރިނާސް ކުޅުނު މެޗުގައި ކުޅެފަ އެވެ. އުމުރުން 32 އަހަރުގެ ބޯލްޓް މަސައްކަތްކުރަނީ އޭ ލީގުގައި މި ފަަހަރު ވާދަކުރާ މެރިނާސް ޓީމުގައި ހިމެނުމެވެ.

މި ސީޒަނަށް ތައްޔާރުވުމަށް މެރިނާސް މާދަމާ ކުޅޭ މެޗުގައި ސައުތު ވެސްޓް ޔުނައިޓެޑާ ކުޅޭނެ އެވެ. އެ މެޗުގައި ބޯލްޓަށް ފުރަތަމަ އެގާރައިން ފުރުސަތު ދޭން މެރިނާސްގެ ކޯޗު މައިކް މުލްވޭ ވަނީ ނިންމައިފަ އެވެ.

މެރިނާސްގެ މެޗެއްގެ ތެރެއިން ބޯލްޓް (ކ) ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.

"އަހަރެން ފުރަތަމަ އެގާރައިގައި ހިމެނުމަކީ މި ކުރަމުން އައި މަސައްކަތަށް ލިބިގެންދިޔަ އެންމެ ބޮޑު ހިތްވަރު. ބޭނުންވަނީ މި ފުރުސަތުގެ ބޭނުން ހިފަން. ފުރަތަމަ އެގާރައިން ފުރުސަތު ލިބުމަކީ ރަނގަޅު މިސްރާބުގައި އަހަރެން ހުރި ކަމުގެ ހެއްކެއް،" އަށް ފަހަރު އޮލިމްޕިކް ރަން މެޑަލް ހާސިލްކޮށްފައިވާ ބޯލްޓް ބުންޏެވެ.

ސަތޭކަ މީޓަރުގެ ދުވުމުގެ ދުނިޔޭގެ ރެކޯޑް އޮންނަ ބޯލްޓް ބުނީ މާދަމާގެ މެޗަކީ އޭނާގެ ހަޔާތުގެ އެންމެ ބޮޑު މެޗު ކަަމަށެވެ.

"ކުޑަ އިރުއްސުރެން އަހަރެން ބޭނުންވި ފުޓްބޯޅަ ކުޅުންތެރިއަކަށްވާން. މިއީ އަހަންނަށް ލިބޭނެ ބޮޑު ފުރުސަތަށް ވެދާނެ. މިއީ ދެން އަހަރެންގެ ކެރިއަރުގައި ކުރިއަށްދާނެ ގޮތެއް ކަނޑައެޅޭނެ މެޗޭ ވެސް ބުނެވިދާނެ. އަހަރެން މިހުރީ މި ފުރުސަތަށްޓަކައި ކެތްމަދުވެފައި،" ބޯލްޓް ބުންޏެވެ.

ފާއިތުވި އަހަރުތަކުގައި އޮސްޓްރޭލިއާގެ ފުޓްބޯޅައިގައި މަޝްހޫރު ކުޅުންތެރިން މަދުވުމަކީ އެ ލީގު ޕްރޮމޯޓް ކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. އޮސްޓްރޭލިއާ ފުޓްބޯޅައިގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާ އިން ރިޕޯޓްކުރާ ގޮތުގައި ބޯލްޓަށް މެރިނާޝް އިން ފުރުސަތު ދޭން އޭ ލީގުން ވެސް ބޭނުންވެ އެވެ.