މީގެ އެއް އަހަރު ކުރިއަށް ބަލާއިރު ޒުވާން ކީޕަރު ހުސެއިން ޝަރީފަކީ ހަމައެކަނި ކްލަބާއި ގައުމީ ޓީމުގައި ޕްރެކްޓިސް ކުރަމުން އައި ކީޕަރެކެވެ. އެކަމަކު ފާއިތުވި ފަސް ވަރަކަށް މަސް ތެރޭ އެކަން މުޅިން ބަދަލުވެއްޖެ އެވެ. ފުރަތަމަ ކްލަބް ލެވެލްގައި މާޒިޔާގެ އެއް ވަނަ ކީޕަރުކަން ލިބި ގަވާއިދުން މެޗުތައް ކުޅުމުގެ ފުރުސަތު ފަހިވީ އެވެ. މިއަދު ފުރަތަމަ ފަހަރަށް އޭނާ ގައުމީ ޓީމުގެ ޖޯޒީގައި ނުކުންނާނީ މެލޭޝިއާއާ ދެކޮޅަށެވެ. އޭނާގެ ބަހުންނަމަ މިއީ ދެ ވަނަ ރަނުގެ ފުރުސަތެވެ.
މިދިޔަ މެއި މަހު ފަހުކޮޅުގައި މާޒިޔާ އިން އިޓަލީ ގޯލްކީޕަރު މައުރޯ ބޮއެޗިއޯ ދޫކޮށްލުމާ އެކު އެ ޓީމުގެ ގޯލު ބެލެހެއްޓުމުގެ ޒިންމާ އެޅުނީ އޭގެ ކުރިން ސީނިއާ ޓީމުގައި މެޗެއް ވެސް ނުކުޅެހުރި ކީޕަރު ހުސެއިންގެ ބޮލުގަ އެވެ. ލިބުނު ކޮންމެ ފުރުސަތެއްގެ ބޭނުންހިފައި އޭނާ އަންނަނީ ތަޖުރިބާ ލިބެމުން އަންނަ ވަރަަކަށް ކުޅުން ރަނގަޅުކުރަމުންނެވެ. ލިބުނު ފުރަތަމަ ރަނުގެ ފުރުސަތުގެ ބޭނުން އޭނާ ހިފައިފި އެވެ.
މިދިޔަ އަހަރުން ފެށިގެން ކީޕަރު ހުސެއިން އަންނަނީ ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުއްރަހީމްގެ ބެލުމުގެ ދަށުން ތަމްރީންތައް ހަދަމުންނެވެ. ސާފް ސުޒުކީ ކަޕު ކާމިޔާބުކުރި ޓީމުގެ ދެ ވަނަ ކީޕަރަކީ ހުސެއިން އެވެ.
މެލޭޝިއާއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގައި ސާފްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލް އެވެ. ފައިސަލްގެ އަތަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް މި މެޗުގައި ނުކުޅެވޭނެ އެވެ.
މެލޭޝިއާ އަށް ފުރުމުގެ ކުރިން އެ މެޗުގައި ކުޅޭނެ ފުރަތަމަ އެގާރައިގެ އެއް ޖާގަ ކީޕަރު ހުސެއިން އަށް ޔަގީންވެފައިވާ ކަމަށް ގައުމީ ކޯޗު ޕީޓަ ސެގާޓް ވަނީ ބުނެފަ އެވެ. ފައިސަލް ފިޓްކޮށް ހުރި ނަމަވެސް މި މެޗުގައި ކީޕަރު ހުސެއިން އަށް ފުރުސަތު ދިނުމުގެ ވިސްނުން ހުރި ކަމަށް ވެސް ބުންޏެވެ.
ކީޕަރު ހުސެއިން "މިހާރަ"ށް ބުނީ މިއީ ކެރިއަރުގެ އެންމެ ބޮޑު ފުރުސަތު ކަމަށާއި މީގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފަން ބޭނުންވާ ކަމަށެވެ.
"އިތުބާރު ހޯދުން މީގެ އެންމެ ބޮޑު ކަމަކީ. މި ފުރުސަތު ދިނީތީ ކޯޗަށް ޝުކުރު އަދާކުރަން،" ތ. ކިނބިދު އަށް އުފަން އުމުރުން 19 އަހަރުގެ ހުސެއިން ބުންޏެވެ.
"ވަރަށް އިންތިޒާރު މިއީ. އަސްލު ވަރަށް ކުޅޭހިތުން ހުންނަނީ ވެސް. ފުރުސަތެއްގެ އިންތިޒާރުގައި. މި ކަހަލަ މެޗުތައް ކުޅެލަން ލިބި އެކްސްޕީރިއަންސް ލިބިގެން ކުރިއަރާނީ. މިއީ މާޒިޔާގެ ފުރަތަމަ މެޗުގައި ވެސް ބުނިހެން ހަމަ ރަނުގެ ފުރުސަތެއް. ކެރިއަރުގައި މިހާތަނަށް މިއީ އެންމެ މުހިއްމު މެޗޭ ވެސް ބުނެވިދާނެ،" ހުސެއިން ބުންޏެވެ.
ފުރަތަމަ މެޗަށްވާތީ ޕްރެޝަރުތަކެއް ހުންނާނެ ކަމަށާއި އެކަމަކު މުޅި ޓީމުގެ އެހީގައި މިއީ ހަމަ ޗެލެންޖެއްގެ ގޮތުގައި ދެކިގެން ކުރިމަލާނެ ކަމަށް އޭނާ ބުންޏެވެ.
ދެ ވަނަ ކީޕަރަކަށް ގްރީން ސްޓްރީޓްސްގެ ކީޕަރު ލަބާން ޝަރީފް ގެންދިޔަ ނަމަވެސް އޭނާ ޖަލުން މިނިވަންވީ ޕެރޯލްގެ ދަށުން ކަމަށްވާއިރު، ގައުމުން ބޭރަށް ދަތުރުކުރުމަށް ނަގަން ޖެހޭ ހުއްދަތަށް ނުލިބޭތީ އޭނާ އަށް މި ފަހަރު ފުރުސަތު ނެތެވެ. ދެ ވަނަ ކީޕަރަކަށް ގެންދިޔައީ ސާފް ކާމިޔާބުކުރި ޓީމުގެ ތިން ވަނަ ކީިޕަރު ތޮލާލް ހަސަން (ޓޮޕްލަކް) އެވެ. ޔުނައިޓެޑް ވިކްޓަރީ އަށް ސީޒަން ނިމިފައިވާތީ ފިޓްކޮށް ހުރުމަށް ތޮލާލް އަންނަނީ އީގަލްސްއާ އެކު ޕްރެކްޓިހުގައި ބައިވެރިވަމުންނެވެ.
މެލޭޝިއާއާ ދެކޮޅަށް މިއަދު ރާއްޖެ ކުޅޭ މެޗު ފަށާނީ މާލެ ގަޑިން ހަވީރު 5:45 ގަ އެވެ.