އެކުވެރިކަމުގެ މެޗެއްގައި މިރޭ މެލޭޝިއާއާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުން ރާއްޖެ 3-0 އިން ބަލިވެއްޖެ އެވެ.
މި މެޗަށް ނުކުތްއިރު ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލްގެ އަތަށް ލިބުނު އަނިޔާއަކާ ގުޅިގެން ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުނީ ޒުވާން ކީޕަރު ހުސެއިން ޝަރީފް އެެވެ. މިއީ ގައުމީ ޓީމުގައި އޭނާގެ ފުރަތަމަ މެޗެވެ. ރާއްޖޭގެ އެޓޭކް ލީޑުކުރަމުން ދިޔައީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި އަލީ ފާސިރު (ސެންޓޭ) އެވެ.
ކުއާލަމްޕޫރުގައި ކުޅުނު މި މެޗު ފަށައިގެން މެލޭޝިއާ އިން ކުރިއަށް ޖެހިގެން ރާއްޖޭގެ ފަހަތަށް ބާރުބޮޑުކުރި އެވެ. ގިނަ ކޯނަރުތަކެއް ހޯދައިގެން ލަނޑު ޖަހަން މަސައްކަތްކުރި ނަމަވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ. .
ވިއްސާރަތެރޭގައި ކުޅެމުންދިޔަ މި މެޗުގައި މެލޭޝިއާ އިން ލީޑުނެގީ 16 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން ޒަހުވާން ޖެހި ގޯލުންނެވެ. އޭރިއާތެރެއިން ޒަހުވާނަށް ލިބުނު ބޯޅައެއް އޭނަ ވަނީ ކީޕަރު ހުސެއިން އަށް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ ގައުމީ ޓީމަށް ޒަހުވާން ޖަހައިދިން 10 ވަނަ ގޯލެވެ.
މެލޭޝިއާ އިން ލީޑުނެގިތާ މިނިޓެއް ފަހުން ސެންޓޭ އަށް ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ހުސްކޮށްލާފައި ސެންޓޭ އަށް ދިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ އޭނާ ޖެހި ބޯޅަ މެލޭޝިއާގެ ކީޕަރު ފަރިޒާލް ވަނީ މަތަކޮށްފަ އެވެ. އެ ބޯޅަ ފޭދޫ އިއްބެ އަށް ދީގެން ޖަހަން ސެންޓޭ އަށް ފުރުސަތު އޮތެވެ.
މެޗުގެ ފުރަތަމަ 30 މިނިޓަށް ފަހު ރާއްޖޭން ކައުންޓަ އެޓޭކުގައި މެލޭޝިއާ އަށް ނުރައްކާކުރަން ފެށި އެވެ. ހަމްޕު އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް އެންމެ ރަނގަޅު ބޯޅަ ކުރިއަށް ޖައްސާލެވޭގޮތްނުވީ މެލޭޝިއާ ޑިފެންޑަރުން އެ ދެ ކުޅުންތެރިންނަށް ފައުލުކުރާތީ އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗުގެ 41 ވަނަ މިނިޓްގައި މެލޭޝިއާ އޭރިއާތެރެއިން އެ ޓީމުގެ ކުޅުންތެރިއަކު ފޭދޫ އިއްބެ އަށް ފައުލުކުރުމުން ޕެނަލްޓީ އަކަށް އެޕީލްކުރި ނަމަވެސް ރެފްރީ ނިންމީ ފައުލެއް ނުވާ ކަމަށެވެ. ސެންޓޭ ޖައްސާލި ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު ކީޕަރު ފަރިޒާލް ކައިރިން ނައްޓާލި ވަގުތު ފަހަތުން އައި ކުޅުންތެރިއަކު ފައިން ފޭދޫ އިއްބެ ފައިގައި ޖެހުނެވެ.
ދެ ވަނަ ހާފް ފަށައިގެން ރަނގަޅަށް ކުޅުނީ ރާއްޖޭންނެވެ. އަދި ފުރަތަމަ 15 މިނިޓް ތެރޭގައި ނަތީޖާ ހަމަހަަމަކުރަން ރަނގަޅު ދެ ފުރުސަތެއް ހޯދި އެވެ. ފޭދޫ އިއްބެ އަށް ލިބުނު ފުރަތަމަ ފުރުސަތުން އޭނާ ޖެހި ބޯޅަ ދަނޑިކައިިރިން ބޭރަށް ދިޔައިރު، ދެ ވަނަ ބޯޅަ ކީޕަރު ފަރިޒާލް ވަނީ މަތަކޮށްފަ އެވެ.
ރާއްޖެ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށްވީ މެޗުގެ 81 ވަނަ މިނިޓްގައި ސަފާވީ ރަޝީދު މެލޭޝިއާ އަށް ލީޑުފުޅާކޮށްދިނުމެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން ނުކުތް ސަފާވީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. މި ލަނޑު ޖެހުމުގެ ކުރިން ސަފާވީ ޖެހި ދެ ބޯޅައެއް ކީޕަރު ހުސެއިން ވަނީ ހުއްޓުވައިފަ އެވެ.
ދެ ވަނަ ހާފުގައި ރާއްޖޭން ވެސް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. ނާއިޒު ހަސަން (ދާދު)، އަހުމަދު ރިޒުވާން (ރިޒޭ)، އަސަދުﷲ އަބްދުﷲ، އަބްދުﷲ ޔާމީން، މުހައްމަދު ނާއިމް އަދި ކީޕަރު ހަސަން ތޮލާލް ޓޮޕްލަކް ވަނީ މި ހާފުގައި ކުޅެން ނިކުމެފަ އެވެ.
ރާއްޖެ އަށް ލަނޑެއް ޖަހައިދޭން ރިޒޭ އަށް ހުސްކޮށް ލިބުނު ފުރުސަތަކުން އޭނާ ޖެހި ބޯޅަ ކީޕަރު ފަރިޒާލް މަތަކުރިއިރު، ސަމޫހު އަލީ (ސަމުއްޓެ) ބޮލުން ޖެހި ބޯޅައެއް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މެޗުގެ އިތުރުވަގުތުގައި މެލޭޝިއާގެ ތިން ވަނަ ލަނޑު ޖެހީ މުހައްމަދު ސުމާރޭ އެވެ. އޭރިއާ ތެރެއިން ސުމާރޭ ވަނީ ކީޕަރު ތޮލާލަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ތެެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މިއީ ބަންގްލަދޭޝްގައި ސެޕްޓެމްބަރު މަހު އޮތް ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ފަހުން ރާއްޖޭން ކުޅުނު ފުރަތަމަ މެޗެވެ. މެލޭޝިއާ މި މެޗު ކުޅުނީ މި ހަފްތާގައި ފަށާ އާސިއާން ސުޒުކީ ކަޕަށް ތައްޔާރުވުމުގެ ގޮތުންނެވެ. ފީފާއިން އެންމެ ފަހުން ނެރުނު ރޭންކިންގައި މެލޭޝިއާ ދުނިޔޭގެ 169 ވަނައިގައި އޮތްއިރު ރާޢްޖެ އޮތީ 151 ވަނައިގަ އެވެ.