މި އަހަރުގެ އެފްއޭ ކަޕް ވެސް ކެންސަލްކޮށްފި

ފުޓްބޯޅަ ސީޒަން ދިގުލައިދާތީވެ އެކަމަށް ހައްލެއް ހޯދުމަށް ކްލަބްތަކާ ކުރި މަޝްވަރާތަކަށް ފަހު މި އަހަރު އެފްއޭ ކަޕް ނުބާއްވަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.


މި ނިންމުމާ އެކު ފުރަތަމަ ޑިވިޝަނަށް މި އަހަރު ކުރިއަށްދާނީ ދެ މުބާރާތެވެ. އެއީ އެސްޓީއޯ މާލޭ ލީގާއި ދިވެހި ޕްރިމިއާ ލީގެވެ. ސީޒަން ދިގުވާތީ މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. މި ފަހަރު ސީޒަން ދިގުލައިގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ ސާފް ސުޒުކީ ކަޕަށް ވަގުތު ދޭން 70 ދުވަހަށް ލީގު މެދުކަނޑާލުމުންނެވެ.

އެފްއޭއެމުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސީޒަން ދިގުލައިގެން ދާތީ އެކަމާ ކްލަބްތަކާ އެކު އިއްޔެ ބޭއްވި މަޝްވަރާތަކަށް ފަހު އެފްއޭ ކަޕް ނުބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި މި ނިންމުމާ އެކު އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ޖާގަ ލިބޭނީ މި އަހަރުގެ ޕްރިމިއާ ލީގުގެ އެއް ވަނަ އާއި ދެ ވަނަ ޓީމަށް ކަމަށް އެފްއޭއެމުން ވަނީ ކަނޑައަޅައިފަ އެވެ.

މިއީ މިދިޔަ ހަތަރު އަހަރު ތެރޭ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ އެފްއޭ ކަޕް ކެންސަލްކުރި ދެ ވަނަ ފަހަރެވެ. އެގޮތުން 2015 ވަނަ އަހަރު މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދަން ގަލޮޅު ދަނޑުގެ ވިނަގަނޑު މަތީގައި އެޅި ޕްރޮޓެކްޓަރެއްގެ ސަބަބުން ވިނަ ގަނޑު ހަލާކުވެ، ފުޓްބޯޅަ ކަލަންޑަރަށް ބޮޑު ބަދަލެއް ގެންނަން ޖެހުނެވެ.

އެ ފަހަރު އެފްއޭ ކަޕް ކެންސަލް ކުރުމަށް ފަހު ޕްރިމިއާ ލީގުގައި ކުޅުނު އަށް ޓީމުގެ މެދުގައި ޕްރެޒިޑެންޓްސް ކަޕް ބޭއްވީ ހދ. ކުޅުދުއްފުއްޓާއި ސ. ހިތަދޫގަ އެވެ. ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުޅުނު ފައިނަލްގައި ނިއު ރޭޑިއަންޓް ބަލިކޮށް އެ ފަހަރު ތަށި އުފުލާލީ މާޒިޔާ އިންނެވެ.

މި ފަހަރުގެ ސީޒަން ހުޅުވާ ޗެރިޓީ ޝީލްޑް މެޗު ވެސް ވަނީ ކެންސަލްކޮށްފަ އެވެ. އެފްއޭއެމުން ފުރަތަމަ ޝީލްޑް މެޗު އެންމެ ފުރަތަމަ ފަސްކުރީ އޭރު އިއުލާންކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެންނެވެ. ފަހުން ޝީލްޑް މެޗު ކަންސަލްކުރަން ނިންމި އެވެ. އެއީ ކަލަންޑަރަށް ބަދަލެއް ގެނެވިއްޖެ ނަމަ ގައުމީ ޓީމްތަކަށާއި ކްލަބްތަކަށް ގެއްލުންވެދާނެތީ ކަމަށް އެފްއޭއެމުން އޭރު ބުންޏެވެ. މިއީ ކަޕް ވިނާސް ކަޕު ބޭއްވުން ހުއްޓާލުމަށް ފަހު 2009 ވަނަަ އަހަރު ޗެރިޓީ ޝީލްޑް މެޗު ބާއްވަން ފެއްޓި ފަހުން އެ މެޗު ނުކުޅެ ސީޒަން ފެށި ފުރަތަމަ ފަހަރެވެ.