މިލިންދު ސޯމަން ހުސްފައިގައި ދުވަނީ: އޭނާ ޕްރޮމޯޓްކުރަނީ ހުސްފައިގައި ދުވުން.
18 ފެބުރުއަރީ 2019 - 12:31
އަންނަ މާޗު 8 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ މޯލްޑިވްސް އިންޓަނޭޝަނަލް މެރެތަންގައި އިންޑިއާ މަޝްހޫރު ފިލްމީ ތަރި، ސުޕަ މޮޑެލް އަދި ދުވުންތެރިޔާ މިލިންދު ސޯމަން ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އައި-ރަނާސް އަދި އޮބްޖެކްޓް ގުޅިގެން ބާއްވާ މި މެރެތަންގައި، ސޯމަން ދުވާނީ ފުލް މެރެތަން އާއި ފަސް ކިލޯމީޓަރުގެ ރޭހުގަ އެވެ. މީގެ އިތުރުން ރޭސް އެކްސްޕޯގައި، މާޗު 7 ވަނަ ދުވަހު އޭނާ ދުޅަހެޔޮ ސިއްހަތާ ބެހޭގޮތުން ޕްރެޒެންޓޭޝަނެއް ދޭނެ އެވެ.
މި މެރެތަން އަކީ ދިގު ރާސްތާ ދުވުމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ މަޝްހޫރުކޮށް ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. ރޭހުގެ ހުރިހާ ކަމެއް ވެސް ގުޅުވާލާފައިވަނީ ތިމާވެށި ހިމާޔަތްކުރުމާއި ރާއްޖޭގެ ގުދުރަތީ ރީތިކަމާ އެވެ. ރޭހުގެ ޓީޝާޓާއި މެޑަލް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ގުދުރަތީ ވެށްޓާއި ކަނޑުގެ ދިރުންތައް ސިފަވާގޮތަށެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް މެރެތަންގެ މެޑަލް (ކ) އައި ޓީޝާޓް.
ރޭސް ޑިރެކްޓަރު ހުސެއިން ޝުޖާއު ބުނީ ދުނިޔެ އަށް މަޝްހޫރު ސެލެބްރިޓީއެއް ރޭހުގެ އިންޓަނޭޝަނަލް އެމްބެސެޑަރަކަށް ހަމަޖެއްސީ ވެސް، މި އިވެންޓަކީ ރާއްޖެ ޕްރޮމޯޓްކުރުމުގެ ބައިނަލްއަގްވާމީ ހަރަކާތަކަށް ވުމާއި އަދި ސޯމަން އަކީ ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓްކުރުމުގައި ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަމުން އަންނަ މީހަކަށް ވާތީ ކަމަށެވެ.
މާޗު 8 ވަނަ ދުވަހުގެ މެންދަމު 2 ޖަހާއިރު މެރެތަން ފަށާއިރު ހާފް މެރެރަން ފަށާނީ ފަތިހު 5:30 ގަ އެވެ. އެއަށް 6:30 ގައި 10 ކިލޯމީޓަރު ދުވުން އޮންނާނެ އެވެ. ފަސް ކިލޯމީޓަރުގެ ދުވުން ފަށާނީ އެ ދުވަހުގެ ހަވީރު 4:30 ގަ އެވެ. ފަސް ކިލޯމީޓަރުގެ ދުވުން ފިޔަވައި އަނެއް ތިން ރޭހުގެ ޖާގަތައް މިހާރު ވަނީ ފުރިފަ އެވެ.
އަދި މާޗު 9 ވަނަ ދުވަހު އާއިލީ ތިން އިވެންޓަކާއި ނިމުމުގެ ރަސްމިއްޔާތު އޮންނާނެ އެވެ. އެގޮތުން ސީނިއާސް ޕަވާ ވޯކްގެ ނަމުގައި އުމުރުން ދުވަސްވީ މީހުންގެ ހިނގުމާއި ކުޑަކުދިންނަށް ހާއްސަކޮށްގެމް ކިޑްސްމައިލް 3.2 ކިލޯމީޓަރު، 1.6 ކިލޯމީޓަރު އަދި 800 މީޓަރު ދުވުމެއް އޮންނާނެ އެވެ. އެއަށް ފަހު ފިނިޝާ ޕާޓީ އާއި އެވޯޑިން ރަސްމިއްޔާ ފަށާނީ އެ ދުވަހު ހަވީރު 5 ޖަހާއިރެވެ.
Register – Maldives International Marathon
Maldives International Marathon is an annual running festival with running events enjoyable for everyone irrespective of their age and fitness level. Maldives International Marathons mission is to engage the communities of Maldives through running, and to promote an active and healthy lifestyle.
ޯމޯލްޑިވްސް އިންޓަނޭޝަނަލް މެރެތަންގައި ރަޖިސްޓްރޭޝަން ލިންކް.
މި އިވެންޓުގެ އިންޓަނޭޝަނަލް އެމްބެސެޑަރު ސޯމަން އަކީ ފިލްމީ ތަރިއެއްގެ ގޮތުގައި މަޝްހޫރުވި ނަމަވެސް އޭނާ އަކީ އެންމެ ކުޑައިރުން ފެށިގެން އެތުލީޓެކެވެ. އެގޮތުން އޭނާ ވަނީ 1984 އިން ފެށިގެން ޖެހިޖެހިގެން ހަތަރު އަހަރު އިންޑިއާގެ ގައުމީ ފެތުމުގެ ޗެމްޕިއަންކަން ހޯދައި 1984 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އިން ރިހި މެޑެއްޔެއް ހޯދައިފަ އެވެ.
އޭގެ ހަތަރު އަހަރު ފަހުން މޮޑެލް ކުރަން ފެށި ސޯމަން 1995 ވަނަ އަހަރު އަލީޝާ ޗިނާއީގެ "މޭޑް އިން އިންޑިއާ" ވީޑިއޯ ލަވަ ކުޅުމާ އެކު ވަރަށް ބޮޑަށް މަޝްހޫރުވެގެންދިޔަ އެވެ. އެ ހިސާބުން އޭނާ ޓީވީ ސިލްސިލާތަކާއި ބޮލީވުޑްގެ ފިލްމްތައް ކުޅެން ފެށި އެވެ.
ފިލްމީ ކެރިއަރަށް މަޑުޖެހިލުމެއް ގެނައުމަށް ފަހު ސޯމަން މީގެ ހަޔެއްކަ އަހަރު ކުރިން އަނެއްކާ ވެސް ކުޅިވަރުގެ ތެރެއަށް ވަދެ ވަރުގަދަ ދުވުންތެރިއަކަށްވީ އެވެ. އޭނާ ވަނީ އިންޑިއާގެ އެންމެ ބޮޑު އެއް ދުވުމުގެ ހަރަކާތް ކަމަށްވާ ޕިންކެތޮން 2012 ވަނަ އަހަރު ތައާރަފްކޮށްފަ އެވެ. އުރަމަތީގެ ކެންސަރުގެ ހޭލުންތެރިކަން އިތުރުކުރުމާއި އަންހެނުންގެ މެދުގައި ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓްކުރުމަށް ފެށި މި އިވެންޓް ފުޅާވެ މިހާރު މިއީ އަންހެނުން ބާރުވެރިކޮށް އާއިލާތަކާއި މުޖުތަމައު އަދި ގައުމަށް އަންހެނުންނަކީ މިހާ މުހިއްމު ބަޔެއްކަން އަންގައިދީ ވިސްނައިދިނުމުގެ ބޮޑު ހަރަކާތެކެވެ. އައި ރަނާސް އިން ވަނީ ޕިންކެތޮން މިދިޔަ އަހަރު ރާއްޖެ އަށް ތައާރަފްކޮށްފަ އެވެ.
ސޯމަން ވަނީ 2017 ވަނަ އަހަރު އަލްޓްރަތަންގައި ވެސް ދުވެފަ އެވެ. މިއީ ތިން ދުވަހުގެ ތެރޭ 520 ކިލޯމީޓަރު ކަޑައްތުކުރަން ޖެހޭ ދުވުމާއި ބައިސިކަލް ދުއްވުމުގެ އިވެންޓެކެވެ. އޭނާ އަކީ އެ އިވެންޓް ހުސްފައިގައި ފުރިހަމަ ކުރި ހަމައެކަނި ބައިވެރިޔާ އެވެ. ސޯމަން އަކީ ހުސްފަޔާ ދުވުން ޕްރޮމޯޓްކުރުމުގެ ޗެމްޕިއަނެއް ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޭްރިޒާ
18 February 2019
މަޝްހޫރު ތަރިއެއްނޫން އެއީ ކަމުދާ އެއްވެސް ފިލްމެއްގަނޫޅޭނެ ކަލޭމެން ކޮންތާކުން ހޯދާޚަބަރެއް ތަ ތިޔައީ މިސަރުކާރުގެ ކަމެއްގަ ބައިވެރިވާ ކޮންމެ މީހަކީވެސް މަޝްހޫރު ކަމުވޮށި ވެގެންވާ މީހަކަށް ހަދަން ޖެހޭބާ
އަރޫ
19 February 2019
ކަސޯޓީތަކުގަ އުޅެނީ ދޮންފޫޑުކައިފަ ތިބޭ ފިރިހެނުން، އެއީ މިއުޅޭ ދިވެހި އަންހެނުންނަށް ރީތިވާ މީހުންނަކީ
ފޮނިމިލިންދު
18 February 2019
މީވަރަށް ފޮނި މީހެއް. މީނަ މަށާ ދިމާވި
ވަކުންޖު
18 February 2019
އުމުރުން 50 މަތީގަ އުޅޭއިރުވެސް މިސޮރު ހާދަ ފިޓޭ.