"މިހާރު އެވޯޑްސް" ގެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހާސިލްކޮށް އަލީ އަޝްފާގް (ދަގަނޑޭ)، ގިނަ ކުޅިވަރުތައް ހިމެނޭ ރާއްޖޭގެ ހަމައެކަނި ކުޅިވަރު އެވޯޑްސްގައި ދޭ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޓްރޮފީ ކެރިއަރުގައި ހަ ވަނަ ފަހަރަށް އޭނާގެ ތަށި ހަރުގަނޑަށް ލައިފި އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި އެވޯޑް ހަފުލާގައި ދަގަނޑޭއާ ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފުޓްބޯޅަ ކުޅެން 2001 ގެ ފަހުކޮޅު ފެށި ދަގަނޑޭ، ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މީގެ ކުރިން ހަވީރު ސްޕޯޓްސް އެވޯޑްސްގައި 2003، 2007، 2009، 2011 އަދި 2013 ގަ އެވެ. ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ދެން އެންމެ ގިނައިން ހޯދުނު ކުޅުންތެރިންނަށް ވެސް އެކަން ކުރެވިފައިވަނީ ދެ ފަހަރު އެވެ. އެއީ 1995 އާއި 2000 ގައި އާދަމް އަބްދުއްލަތީފް (ލައްޗޭ) އާއި 1999 އާއި 2001 ގައި އަލީ ޝިހާމް (ހުރާ އައްޔަ) އަދި 2014 އާއި 2015 ގައި އަސަދުﷲ އަބްދުﷲ އެވެ.

ސެންޓޭ (ވ) އަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އެންމެ މޮޅު ދެ ވަނަ ކުޅުންތެރިޔާގެ އެވޯޑް ދެއްވަނީ. --މިހާރު ފޮޓޯ: އިމޭޖަސް އެމްވީ
ސެންޓޭ (ވ) އަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އެންމެ މޮޅު ދެ ވަނަ ކުޅުންތެރިޔާގެ އެވޯޑް ދެއްވަނީ. --މިހާރު ފޮޓޯ: އިމޭޖަސް އެމްވީ

މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓާ އެކު އެސްޓީއޯ މާލޭ ލީގު ކާމިޔާބުކޮށް އަދި ފަހުން ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ދަގަނޑޭ އެއް ވަނަ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދީ ތަފާތު ބޮޑުކޮށް 1818 ޕޮއިންޓާ އެކު އެވެ. ދެ ވަނަ ހޯދި، ނިއު އަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) އަށް ލިބުނީ 1020 ޕޮއިންޓެވެ. އަދި ތިން ވަނަ އަށް ދިޔަ އީގަލްސްގެ އަހުމަދު ރިޒްވާން (ރިޒޭ) އަށް ލިބުނީ 1003 ޕޮއިންޓެވެ. މި ތިން އެވޯޑަށް ދެން ވާދަކުރީ ޓީސީ އަށް ކުޅުނު އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި މާޒިޔާގެ ނާއިޒް ހަސަން (ދާދު) އެވެ.

ދަގަނޑޭ ބުނީ މިދިޔަ އަހަރަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ވަރަށް ހާއްސަ އަހަރެއް ކަމަށާއި ނިއު ރޭޑިއަންޓާއި ޓީސީ އަށް ރަނގަޅު ކުޅުމެއް ދައްކައި މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަން ބޫޓު ލިބުމަކީ އެ ދެ ޓީމުގެ ފަރާތުން ލިބުނު އެހީތެރިކަމާ އެކު ހާސިލްކުރެވުނު ކަމެއް ކަމަށެވެ.

"އުއްމީދަކީ ކުރިއަށް އޮތްތަނުގައި ވެސް މި ގޮތަށް ދެމިހުރުން. އަދި ގައުމަށް ހިދުމަތްކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ކުރިއަށް އޮތްތަނުގައި ވެސް އުފަލާ އެކު ހިފާނަން. ހުރިހާ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ." މިހާރު ގްރީން ސްޓްރީޓްސް އަށް ކުޅެމުން އަންނަ ދަގަނޑޭ ބުންޏެވެ.

ނިއު އަށް ކުޅުނު ރިހާމް އަބްދުލް ގަނީ (ބޮބީ) އާއި މާޒިޔާގެ ހުސެއިން ޝަރީފާ ވާދަކޮށް 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ 1627 ޕޮއިންޓާ އެކު އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.

މިހާރު އެވޯޑްސްގެ ޗީފް ޖަޖް ހުސެއިން މުހައްމަދު (ކ) 21 އަހަރުން ދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހަންނަ އަށް އެވޯޑް ދެއްވަނީ. --މިހާރު ފޮޓޯ: އިމޭޖަސް އެމްވީ
މިހާރު އެވޯޑްސްގެ ޗީފް ޖަޖް ހުސެއިން މުހައްމަދު (ކ) 21 އަހަރުން ދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހަންނަ އަށް އެވޯޑް ދެއްވަނީ. --މިހާރު ފޮޓޯ: އިމޭޖަސް އެމްވީ

ފުޓްބޯޅައިގައި ދެން ހިމެނޭ ރަންބޫޓު އެވޯޑް ދަގަނޑޭ ހޯދީ 42 ގޯލް ޖަހައިގެންނެވެ. މިއީ އޭނާ މި އެވޯޑް ހޯދި އަށް ވަނަ ފަހަރަށެވެ. މީގެ ކުރިން ހާސިލްކުރީ ހަވީރު ސްޕޯޓްސް އެވޯޑްސްގައި 2003، 2004، 2005، 2008، 2009، 2010 އަދި 2013 ގަ އެވެ.

ދަގަނޑޭ ރަން ބޫޓު ހޯދީ މިހާރު އެވޯޑުން ރަން ބޫޓު ދޭ ޕޮއިންޓް ސިސްޓަމަށް ބަލާއިރު 76 ޕޮއިންޓް ހަމަކޮށްގެންނެވެ. ނިއު އަށް އޭއެފްސީ ކަޕްގައި ޖަހައިދިން ހަ ގޯލަށް ވަނީ 18 ޕޮއިންޓް ލިބިފަ އެވެ. ނިއު އަށް މާލެ ލީގުގައި ޖަހައިދިން 14 ގޯލަށް 14 ޕޮއިންޓް ލިބުނުއިރު، ޓީސީ އަށް ދިވެހި ޕްރިމިއާ ލީގުގައި ޖަހައިދިން 22 ލަނޑަށް 44 ޕޮއިންޓް ލިބުނެވެ.

ސެންޓޭ (ވ) އަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އެންމެ މޮޅު ދެ ވަނަ ކުޅުންތެރިޔާގެ އެވޯޑް ދެއްވަނީ. --މިހާރު ފޮޓޯ: އިމޭޖަސް އެމްވީ
ސެންޓޭ (ވ) އަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އެންމެ މޮޅު ދެ ވަނަ ކުޅުންތެރިޔާގެ އެވޯޑް ދެއްވަނީ. --މިހާރު ފޮޓޯ: އިމޭޖަސް އެމްވީ

މިދިޔަ އަހަރު ދަގަނޑޭ ލަނޑު ޖެހުމުގެ ހާއްސަ މެޗުތަކަށް ބަލާއިރު އޭއެފްސީ ކަޕްގައި އިންޑިއާގެ ޗެމްޕިއަން އައިޒޯލް ކޮޅަށް ހެދި ހެޓްރިކް ފާހަގަކުރެވެ އެވެ. އޭގެ އިތުރުން ޕްރިމިއާ ލީގުގެ މުހިއްމު މެޗުތައް ޓީސީ ކޮޅަށް އަނބުރާލުމުގައި މުހިއްމު ދައުރެއް އަދާކުރި އެވެ. އޭގެ ތެރޭގައި ނިއު ރޭޑިއަންޓާއި އީގަލްސް އަދި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުތައް ހިމެނެ އެވެ.

ރަން ބޫޓު ރޭހުގައި ދެ ވަނަ އަށް ދިޔައީ ކްލަބް އީގަލްސްގެ ރިޒޭ އެވެ. ސީޒަނުގައި ޖުމްލަ 33 ގޯލު ޖެހި ރިޒޭ އަށް ލިބުނީ 62 ޕޮއިންޓެވެ. މާލޭ ލީގުގައި ޖެހި ހަތަރު ގޯލަށް ރިޒޭ އަށް ލިބުނީ ހަތަރު ޕޮއިންޓެވެ. އަދި ޕްރިމިއާ ލީގުގައި ޖެހި 29 ގޯލަށް 58 ޕޮއިންޓް ލިބުނެވެ.

އެންމެ މޮޅު ތިން ވަނަ ކުޅުންތެރިޔާގެ އެވޯޑް ހޯދި ރިޒޭ. --މިހާރު ފޮޓޯ: އިމޭޖަސް އެމްވީ
އެންމެ މޮޅު ތިން ވަނަ ކުޅުންތެރިޔާގެ އެވޯޑް ހޯދި ރިޒޭ. --މިހާރު ފޮޓޯ: އިމޭޖަސް އެމްވީ

އެންމެ ފަހުން 2017 ގައި 24 ގޯލް ޖަހައިގެން ރަން ބޫޓު ހާސިލްކުރި ސެންޓޭ މި ފަހަރު ތިން ވަނަ އަށެވެ. މިދިޔަ ސީޒަނުގައި އޭނާ ވަނީ 28 ގޯލު ޖަހައި 54 ޕޮއިންޓް ހޯދައިފަ އެވެ. ގައުމީ ޓީމާއި އޭއެފްސީ ކަޕްގައި ޖެހި ހަ ގޯލަށް 18 ޕޮއިންޓް ލިބުނު އިރު މާލޭ ލީގުގައި ޖެހި އަށް ގޯލަށް އަށް ޕޮއިންޓް ލިބުނެވެ. އަދި ޕްރިމިއާ ލީގުގައި ޖެހި 14 ގޯލަށް ވަނީ 28 ޕޮއިންޓް ލިބިފަ އެވެ.

ރަން ބޫޓު ހޮވާއިރު ޕޮއިންޓް ސިސްޓަމަށް ބަލަން ނިންމީ މުބާރާތްތައް ގިންތިކޮށް އެކި ފެންވަރުގެ މުބާރާތްތަކުގައި ކުޅުންތެރިންގެ ވާދަވެރިކަން މަތި ކުރުމުގެ ގޮތުންނެވެ. ބައިނަލްއަގުވާމީ ލެވެލަށް ބަލާއިރު ވެސް ރަން ބޫޓު ދޭއިރު ޕޮއިންޓް ސިސްޓަމަށް ބަލާ އެކި އުސޫލުތަކެއް އޮވެ އެވެ.

މިހާރު އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އެވެ. މީޑިއާ ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ވީމީޑިއާ އެވެ. އެވޯޑް ފަރުމާކޮށްދީ އަދި ބްރޭންޑްކޮށްދީ މީގެ އިތުރުން އެވޯޑާ ގުޅޭ މާކެޓިންގެ ގިނަ މަސައްކަތްތަކެއްކޮށްދެނީ އެޑްވަޓައިޒިން ޕާޓްނަރު، ތިންކް އެޑްވަޓައިޒިން އިންނެވެ. އަދި އެސޯސިއޭޓް ޕާޓްނަރުންނަކީ ރެއިންބޯ، ދަ ކިޗަން، ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، މެޓަލް ސައިންސް، ބީއެޗްއެމް އަދި ޕްރިންޓް ލެބް އެވެ.