ގާހިރާ (ނޮވެމްބަރު 22) - އަންނަ އަހަރު ޓޯކިޔޯގައި އޮންނަ އޮލިމްޕިކްސްގައި ވާދަކުރާ މިސްރު ޓީމަށް ކުޅެން ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު ނިންމާފައިވާ ކަމަށް އެ ގައުމުގެ ފުޓްބޯލް އެސޯސިއޭޝަން (އެފްއޭ) އިން ބުނެފި އެވެ.
އެފްރިކާގެ 23 އަހަރުން ދަށުގެ މުބާރާތުން މިސްރަށް ފުރުސަތު ލިބުމާ އެކު އެ ޓީމަށް ވަނީ އަންނަ އަހަރުގެ އޮލިމްޕިކްސްގެ ޖާގަ ކަށަވަރުވެފަ އެވެ. އޮލިމްޕިކްސްގައި 23 އަހަރުން ދަށުގެ ކުޅުންތެރިން ކުޅޭއިރު، ސީނިއާ ތިން ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް އޮވެ އެވެ.
މިސްރު އެފްއޭ އިން ބުނީ އުމުރުން 27 އަހަރުގެ ސަލާހު އަންނަ އަހަރުގެ އޮލިމްޕިކްސްގައި ސީނިއާ ކުޅުންތެރިންގެ ޖާގައިގެ ތެރެއިން ކުޅެން ނިންމާފައިވާ ކަމަށެވެ.
"ސަލާހު އޮތީ އަނގަބަހުން އަހަރެމެން ގާތުގައި މިސްރު ޓީމަށް އޮލިމްޕިކްސްގައި ކުޅޭނެ ކަމަށް ޔަގީންކަން ދީފައި. އެންމެ ފަހުން ގައުމީ ޓީމުގައި ހުރި ވަގުތު އޭނަ އޮތީ އެ ޔަގީންކަން ދީފައި. މިސާލަކަށް ބަލާ މެސީ އާއި ނޭމާ ފަދަ ކުޅުންތެރިން ވެސް ވަނީ އޮލިމްޕިކްސްގައި ގައުމީ ޓީމަށް ކުޅެފައި. ސަލާހު ބޭނުންވޭ މިސްރަށް ކާމިޔާބެއް ހޯދައިދޭން،" މިސްރު އެފްއޭގެ އޮފިޝަލަކު މީޑިއާ އަށް ބުނެފައިވެ އެވެ.
މި ސީޒަން ފެށުމުގެ ކުރިން އެފްރިކަން ކަޕް އޮފް ނޭޝަންސް އޮތުމުން ސަލާހަށް ލިވަޕޫލްގެ ޕްރީ ސީޒަން ޕްރެކްޓިސްތަކުގައި ބައިވެރިވެވުނީ ފަހުންނެވެ. އަންނަ އަހަރު އޮލިމްޕިކްސް ނިމޭނީ އޮގަސްޓް ނުވަ ވަނަ ދުވަހު އެވެ. އެހެންކަމުން ސަލާހު އޮލިމްޕިކްސް އަށް ގޮސްފިނަމަ ޖެހިޖެހިގެން ދެ ވަނަ އަހަރު އޭނާ އަށް ޕްރީ ސީޒަން ގެއްލޭނެ އެވެ.
"އަހަރެމެންނަށް ހިއެއްނުވޭ ސަލާހު އެދިއްޖެނަމަ ލިވަޕޫލުން ފުރަގަސްދޭނެހެން. މީގައި ސަލާހު ގޮތެއް ނިންމާނީ،" މިސްރުގެ އޮފިޝަލް ވިދާޅުވި އެވެ.
ހަތާވީސް އަހަރަށް ފަހު މިސްރަށް މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕުން ފުރުސަތު ހޯދައިދިން ސަލާހު އަކީ މި ވަގުތު ދުނިޔޭގެ ނިސްބަތުން ބެލިޔަސް ފާހަގަކޮށްލެވޭ ކުޅުންތެރިޔެކެވެ. އެކަމަކު ފަހަކަށް އައިސް މިސްރު އެފްއޭއާ އޭނައާ ދެމެދު ގިނަ ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ.
ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކުން ފަރުވާ ހޯދަމުން އަންނަ ސަލާހަށް މާދަމާ އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅެވުމުގެ ފުރުސަތު އަދި ނުގެއްލޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.