ވިކްޓްރީ އަކީ އެފްއޭއެމް ވުޖޫދަށް އައުމުގެ މާކުރިން ފެށިގެން ހިންގަމުން އަންނަ ކްލަބެއް ކަމަށާއި ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވީ ނަމަވެސް ކްލަބް އެއް ވަނަ ޑިވިޝަނުގައި ހިފެހެއްޓުމަށް ކުރަން މަސައްކަތް ކުރާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި މިހާރު ވާދަކުރާ އެންމެ ޒަމާންވީ ކްލަބް ސަސްޕެންޑްކުރީ އެ ކްލަބުން ކުޅުންތެރިންނާއި ކޯޗުންނަށް ނުދީ ހުރި މުސާރަ ދޭށާއި ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަކުރަން އެފްއޭއެމުން ދިން މުއްދަތުގައި އެކަންކަންކޮށްފައިނުވާތީ އެވެ.
އެ މައްސަލައިގައި ވިކްޓްރީން ބަސް މި ބުނީ އެ ކްލަބުން ބުނި ގޮތުގައި ވޭތުވެދިޔަ ބައި ގަރުނެއްހާ ދުވަހު ރާއްޖޭގެ ފުޓްބޯޅަ މުބާރާތްތަކުގެ އެންމެ ކާމިޔާބު ކްލަބުގެ ގޮތުން އެ ކުޅިވަރަށް ހިދުމަތްކުރުމުގައި ދެމި ތިއްބާ ދިވެހި ޕްރިމިއާ ލީގުން ސަސްޕެންޑްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބުމުން ކްލަބުގެ ކުރިމަގު ބައްޓަން ކުރާނެ ގޮތުގެ މައުލޫމާތު ކްލަބުގެ މެމްބަރުންނާއި ސަޕޯޓަރުންނަށް ދިނުމަށް ހުކުރު ދުވަހު ނެރުނު ނޫސް ބަޔާނެއްގަ އެވެ.
ވިކްޓްރީން ބުނީ ރާއްޖޭގެ ބަދަލުވަމުންދާ އިޖްތީމާއީ މާހައުލާއި ފުޓްބޯޅައިގެ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ރާއްޖޭގެ ކްލަބްތަކުގެ މާލީ ހިންގުމާއި އިދާރީ ވައްޓަފާޅި ހަމަކުރެވެމުން ނުދާތީ ރާއްޖޭގައި ޒަމާންވީ ކުޅިވަރު ކްލަބްތަކުގެ މާލީ އަދި އިދާރީ ހިންގުންވަނީ އަތްނުފޯރާފަށަށް ފަހަތަށް ގޮސްފައި ކަމަށެވެ.
"މިގޮތުން ކްލަބްތަކަށް ލިބޭ ފައިސާ އާއި ނުބައްދަލު މިންވަރަށް ކްލަބްތަކުން ކުރަންޖެހޭ ހަރަދު އިތުރުވުވުމުން އަހަރުން އަހަރަށް އިތުރުވަމުންދާ ދަރަނީގެ މިންވަރު ވަނީ ކްލަބްތަކުގެ މާލީ ގާބިލީއްޔަތައް ނުކަތާވަރުވެފަ އެވެ. މިފަދަ ކޮންމެ ހާލަތެއްގައި ކްލަބްތަކުން ގެންނަ އިސްލާހީ ފިޔަވަޅަށް ވެފައިވަނީ އެ ކްލަބެއްގެ ހިންގާ ބޯޑް ބަދަލުކޮށް ފައިސާވެރި ކޮންމެވެސް ފަރާތަކާ ކްލަބް ހަވާލުކުރުމެވެ،"
އެކަމަކު ވިކްޓްރީން ދެކޭ ގޮތުގައި އެއީ ވަގުތީ ހައްލަކަށްވެ ކްލަބްތަކުގެ ޒަމާންވީ ދަރަނި ދަރަނީގެ ގޮތުގައި ދެމިއޮވެ ކުޅިވަރު ސީޒަންތައް ނިމިގެންދަނީ އެވެ. އެހެންވެ ވިކްޓްރީން ދެކޭ ގޮތުގައި ކްލަބަށް ދެމެހެއްޓެނެވި ބަދަލެއް ގެނެވޭނީ އެ ކްލަބުގެ މިހާރުގެ ދަރަންޏާއި ކުރިމަތިލުމާ އެކު ދުރުރާސްތާ ޕްލޭނެއް އެކުލަވާލާ ޒަމާނަށް އެކަށީގެންވާ ގޮތަށް ކްލަބުގެ ހިންގުން ބަދަލުކޮށް އެއް ކުޅިވަރަށް ވުރެ ގިނަ ކުޅިވަރުގައި ވާދަކުރެވޭނެ ގޮތަކަށް ކްލަބުގެ ހިންގުމުގެ ނިޒާމް ބައްޓަންކޮށްގެންނެވެ.
އެއާ އެކު ވިކްޓްރީން ބުނީ ފުޓްބޯޅައިގެ ހަރަކާތްތަކުން އެ ކްލަބް ސަސްޕެންޑްކުރި ނަމަވެސް އެ ކްލަބް އެއް ވަނަ ޑިވިޒަނުގައި ހިފެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި އަދި އެފްއޭއެމުން ވަކި ގޮތަކަށް އަމާޒުކޮށްގެން ދަތިކުރުމުގެ އަމަލުތަކުގެ ތެރެއިން އެއް ވަނަ ޑިވިޒަނުގެ ފުޓްބޯޅައިން ބޭރުވާން ޖެހިއްޖެ ހާލަތެއްގައި ވެސް ކްލަބުން ދިވެހި ފުޓްބޯޅައަށް ދެމުންދާ ހިދުމަތް މެދުކެނޑުކެއްމެތި ކުރިއަށްގެންދާނެ ކަމަށެވެ.
"ވިކްޓްރީ ސްޕޯޓްސް ކްލަބަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ވުޖޫދަށް އައުމުގެ މާކުރީއްސުރެ 1971 ވަނަ އަހަރުން ފެށިގެން ސަރުކާރުގައި ރަޖިސްޓްރީކޮށްގެން ހިންގަދަމުންދާ ކްލަބެކެވެ. މާލޭގެ ގަލޮޅުން އުފެދިގެން މުޅި މާލެއަށް އަމާޒުވި މި ކްލަބުގެ ހަރަކާތްތަކުގެ ތެރެއިން ތަމްރީނުވެ އުފެދުނު ބައިނަލްއަގްވާމީ އެތަކެއް ތަރިންނެއް މުޅި ދިވެހިރާއްޖެ އަށް ހިދުމަތްތައްކޮށްފައިވާއިރު، ކުރިމަގުގައި ގަލޮޅުގެ ރައްޔިތުންގެ ބައިވެރިވުމާއި ތާއީދާ އެކު ކްލަބުގެ ހިންގުން ހަރުދަނާކޮށް ކުޅިވަރުގެ އުފެއްދުންތެރި ކާމިޔާބު ކްލަބެއްގެ މަގާމަށް ވާސިލްވެވޭނެ ކަމުގެ އިތުބާރު ތިޔަ އެންމެ ފަރާތްތަކަށް ދެމެވެ،" ބަޔާން ނިންމާލާފައިވެ އެވެ.
އެފްއޭއެމުން ވިކްޓްރީ ސަސްޕެންޑްކުރީ، އެ ޓީމުން ލީގު މެޗުތަކަށް ހާޒިރުނުވާ މައްސަލަ އާއި ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ މުސާރަ ނުލިބިގެން އެ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަ އާއި ކްލަބް ލައިސަންސްއާ ގުޅޭ ގޮތުން ހަމަކުރަން ޖެހޭ ލިޔެކިޔުންތައް ހަމަކޮށްފައިނުވާތީ އެކަންކަމާ ގުޅޭ ގޮތުން އިންޒާރު ދިނުމަށް ފަހު އެވެ.
ވިކްޓްރީއާ އެކު ރާއްޖޭގެ ފުޓްބޯޅައިގެ މަތީ ފަޑީގައި އޮތް ޒަމާންވީ ކްލަބް ނިއު ރޭޑިއަންޓުން ވެސް ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދޭތީ އެފްއޭއެމްގެ އެކްސްކޯ އިން މިދިޔަ އަހަރު އެ ކްލަބް ސަސްޕެންޑްކުރި އެވެ. އަދި ފަހުން ކޮންގްރެސް އިން ވަނީ އެ ސަސްޕެންޝަން ދަމަހައްޓަފައިފަ އެވެ. އެކަމަކު ނިއު އިން ތުހުމަތުކޮށްފައިވަނީ އެ އަދަބަކީ އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން ދިން އަދަބެއް ކަމަށެވެ. ނިއު ސަސްޕެންޑްކުރުމުން އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލައާ ވިކްޓްރީން ހަވާލުވެ އެ މައްސަލަ އެފްއޭއެމް އަށް ހުށަހެޅި އެވެ. އެކަމަކު ބައެއް ކްލަބްތަކުން ނަން އަނބުރާ ނެގުމުން އެ ވޯޓް ނެގޭ ގޮތެއް ނުވި އެވެ. އެ ވޯޓް ނަގަން އުޅުނީތީ އެ ކްލަބަށް އެފްއޭއެމުން ދަތިކުރަމުން އަންނަ ކަމަށް އެ ޓީމުން ވަނީ މީގެ ކުރިން ވިކްޓްރީން ތުހުމަތުތަކެއް ކޮށްފަ އެވެ.
ފައިސާގެ މައްސަލަތަކުގައި ބޮޑު ދެ ކްލަބެއް ސަސްޕެންޝަނުގައި އޮތްއިރު އެހެން ވަރަށް ގިނަ ކްލަބްތަކާއި އެފްއޭއެމަށް ވެސް ވަނީ ފައިސާގެ މައްސަލަ ދިމާވެފަ އެވެ. ބައެއް ކްލަބްތަކުން ކުޅުންތެރިންނަށް މުސާރަ ނުދެވިގެން ޕްރެކްޓިސް ވެސް ހުއްޓާލި އެވެ. އަދި އެފްއޭއެމުން ފައިސާ ނުދޭތީ ވީޓީވީން ލީގު މެޗުތައް ދެއްކުން ވެސް ހުއްޓާލި އެވެ. އެކަމަކު މިހާރު އެ ފައިސާ ދައްކާފައިވާ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ގައުމީ ޓީމުގެ ދަތުރުތަކަށް އެފްއޭއެމުން އޭސް ޓްރެވްލްސް އިން ނެގި ޓިކެޓްތަކަށް ފައިސާ ނުދީގެން އެ ކުންފުނިން ވަނީ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ.