ތިން ފޯވާޑުންގެ ހެޓްރިކާ އެކު ކްލަބް އޭދަފުށި 13-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން މިއަދު ހަވީރު ފުރުސަތު ހޯދައިފި އެވެ.
އެފްއޭއެމްގެ މެމްބަރު ކްލަބްތަކަށް ހުޅުވާލައިގެން ކުޅޭ މި މުބާރާތުގެ ސެމީ ފައިނަލުގައި ޓީސީ ވާދަކުރާނީ ކްލަބް އީގަލްސް އާއި ވިލިމާލެ ޔުނައިޓެޑް މާދާމަރޭ ކުޅެ މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ގެ ކޯޗުކަމުގައި ވާދަކުރާ ކްލަބް އޭދަފުށީގައި ތިބީ ސައްތައިން ސައްތަ އޭދަފުށީ ކުޅުންތެރިންނެވެ. އަދި ގިނައީ ވެސް 23 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.
ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ބޭއްވި މި މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު އޭދަފުށީ ޓީމު ކޮޅަށް ޓީސީން ހެޓްރިކް ހެދި އެ ރަށަށް އުފަން އިޝާން އިބްރާހިމް (ސައްޓު) އާއި ސެއިންޓް ވިންސެންޓުގެ ފޯވާޑް މެލްކޮމް ކޮނޭލިއަސް ސްޓެވާޓް އަދި ހަތަރު ލަނޑު ޖެހި އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އިސްމާއިލް އީސާ ދެ ގޯލް ޖެހިއިރު އަނެއް ގޯލް ޖެހީ އަހުމަދު ފައްރާހު (ފައްރަ) އެވެ.
މި މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ސައްޓު ވަނީ ފުރަތަމަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އަދި 10 ވަނަ މިނެޓާއި 13 ވަނަ މިނެޓުގައި އަނެއް ދެ ގޯލް ޖަހައި ހެޓްރިކް ފުރިހަމަކުރި އެވެ. މިއީ ބެލެވޭ ގޮތުގައި ރާއްޖޭގެ މެޗެއްގައި އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަދި މެޗެއް ފަށައިގެން އެންމެ އަވަހަށް ހެދި ހެޓްރިކެވެ. އަދި މިއީ އެއް މެޗެއްގައި ތިން ކުޅުންތެރިޔަކު ހެޓްރިކް މަދު މެޗުތަކުގެ ތެރެއިން މެޗަކަށް ވާނެ އެވެ.
ފުރަތަމަ ހާފު ޓީސީ ނިންމާލީ ހަތް ލަނޑުގެ ލީޑަކާ އެކު އެވެ. އެކަމަކު މި ހާފުގެ ފަހުބައިގައި އަދި ދެ ވަނަ ހާފުގެ ކުރީކޮޅު އޭދަފުށީ ޓީމުން ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅުކުރި އެވެ. ޓީސީން ދެ ވަނަ ހާފުގައި ޖެހި ހަ ގޯލުގެ ތެރޭގައި ދަގަނޑޭ ޖެހި ދެ ޕެނަލްޓީ ހިމެނެ އެވެ. އޭގެ ތެރެއިން ފުރަތަމަ ޕެނަލްޓީ އަކީ 55 ވަނަ މިނެޓުގައި، ދަގަނޑޭ ގޯލަށް ފޮނުވާލި ބޯޅައިގައި އޭދަފުށީގެ އިސްމާއިލް ޝަރީފް އަތްލުމުން އޭނާ އަށް ވަނީ ރަތްކާޑެއް ދައްކައި ރެފްރީ ދިން ޕެނަލްޓީއެކެވެ. އެއާ އެކު އެ ޓީމުން ދެ ވަނަ ހާފުގެ ބޮޑުބައި ކުޅުނީ އެކަކު މަދުކޮށެވެ.
ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ ބުނީ ނަތީޖާއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި އެކަމަކު އޭނާ އުފާވަނީ ގިނަ ގޯލްތަކެއް ޖެހުމަށް ވުރެ، ރަނގަޅަށް ކުޅެ މޮޅުވުމުން ކަމަށް ބުންޏެވެ. އަދި އޭއެފްސީ ކަޕާ ކުރިމަތިލާއިރު މި ނަތީޖާ އިން ހިތްވަރު ލިބޭނެ ކަމަށް ޝާޒްލީ ބުންޏެވެ.
އެ ޓީމުން މި މެޗަށް ނުކުތީ އޭއެފްސީ ކަޕަށް ތައްޔާރުވާން ގަތަރުގައި ހެދި ތަމްރީންތަކަށް ފަހު އެވެ. އޭގެ ފައިދާ މިއަދުގެ މެޗުގައި، ޓީމުގެ ކޮމްބިނޭޝަން ކުޅުމުން ފާހަގަވި ކަމަށް ޝާޒްލީ ބުންޏެވެ.
އޭދަފުށީ ޓީމުގެ އޮފިޝަލް އަބްދުލްމަޖީދު ހަސަން ބުނީ މި ޓީމުން މި މުބާރާތުގައި ބައިވެރިވުމަކީ ވެސް ކުރިއެރުމެއް ކަމަށާއި ތަފާތުބޮޑުކޮށް ބަލިވި އެއް ސަބަބަކީ ކުރީކޮޅު ލަނޑުތަކެއް ވަނުން ކަމަށެވެ. އެއާ އެކު ޓީމުގައި ތިބި އާ ކުޅުންތެރިންނަށް، އަމުދުން ގަލޮޅު ދަނޑުގައި އަލަށް ކުޅުނުއިރު ނަތީޖާ ނުހިފެހެއްޓުނީ ކަމަށް އޭނާ ބުންޏެވެ.
"ފަހު ހާފުގައި ރަނގަޅަށް މަސައްކަތްކުރި. އެކަމަކު އެކަކު މަދުވުމުން ތަފާތު ބޮޑުވީ،" އޭދަފުށީ ޓީމުން 1992 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރިއިރު ކެޕްޓަންކަން ކުރި މަޖީދު ބުންޏެވެ.