މެޑްރިޑް (މެއި 5) – ބްރެޒިލްގެ ކުރީގެ ފޯވާޑް ރޮނާލްޑޯ ނަޒާރިއޯ ހިންގާ ސްޕެއިނުގެ ކްލަބް، ރެއާލް ވަލަޑޮލިޑުގެ މެޗުތައް ބަލަން ސީޒަން ޓިކެޓް ނަފާފައިވާ ސަޕޯޓަރުންނަށް ރިފަންޑް ދޭން ނިންމާފައިވާ ކަމަށް ކްލަބުގެ އޮފިޝަލަކު ބުނެފި އެވެ.
ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ފެތުރޭތީ ސްޕެނިޝް ލީގުގެ ކުޅުން މިދިޔަ މާޗް މަހު މެދުކަނޑާލާފައިވާއިރު އަލުން ފަށަން މަސައްކަތްކުރަނީ އަންނަ މަހު އެވެ. ސްޕެނިޝް ލީގު ހިންނާ އެލްއެފްޕީން ކްލަބްތަކާ އެކު ބޭއްވި ބައްދަލުވުމުގައި ވަނީ އަންނަ ހަފްތާގެ ތެރޭގައި ކްލަބްތަކުގެ ފަރިތަކުރުންތައް ފަށަން ފުރުސަތު ދޭން ސަރުކާރުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ބުނެފަ އެވެ. އަދި މިހާރު ޕްލޭން ކުރެވިފައި އޮތްގޮތުން ލަސްވެގެން ޖޫން މަހުގެ ދެ ވަނަ ހަފްތާގައި ސްޕެނިޝް ލީގު ފެށޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އަލުން ލީގު ފަށާއިރު ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މެޗުތައް ކުޅޭނީ ސަޕޯޓަރުން ނުވައްދަ އެވެ. ޔޫރަޕްގެ ގިނަ ކްލަބްތަކުން ސީޒަނުގެ އާމްދަނީ ހޯދުމުގައި އަމަލުކުރާ އެއް އުސޫލަކީ ކްލަބްގެ ސަޕޯޓަރުންނަށް ސީޒަން ޓިކެޓް ވިއްކައިގެންނެވެ. އެ ގޮތުން ވަލަޑޮލިޑުން ވެސް ވަނީ އެ ކްލަބްގެ ސަޕޯޓަރުންނަށް ސީޒަން ޓިކެޓް ވިއްކައިފަ އެވެ.
އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި ވަލަޑޮލިޑުގެ އޮފިޝަލަކު ބުނީ ސަޕޯޓަރުން ނުވައްދާ ކުޅޭ ކޮންމެ މެޗެއްގެ ޓިކެޓަށްވާ ފައިސާ ސަޕޯޓަރުންނަށް ލިބޭނެ ކަމަށާއި އޭގެ ތެރޭގައި ވަކި ވަކި ޓިކެޓް ނެގި ފަރާތްތަކުގެ އިތުރުން ސީޒަން ޓިކެޓް ނަގާފައިވާ ސަޕޯޓަރުން ވެސް ހިމެނޭނެ ކަމަށެވެ.
ސްޕެނިޝް ލީގުގެ 15 ވަނައިގައި މި ވަގުތު އޮތް ވަލަޑޮލިޑަކީ ސަޕޯޓަރުންނަށް ރިފަންޑެއް ދޭނެކަން އިއުލާނުކުރި ސްޕެއިނުގެ ފުރަތަމަ ކްލަބެވެ. ޖަރުމަނުގެ ބައެއް ކްލަބްތަކުން ވަނީ ސީޒަން ޓިކެޓް އޮންނަ ފަރާތްތަކަށް ރިފަންޑް ދޭން ކަނޑައަޅައިފަ އެވެ.
ސްޕެއިނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ރޮނާލްޑޯ ވަލަޑޮލިޑުގެ މެޖޯރިޓީ ހިއްސާދާރަކަށްވީ 2018 ވަަނަ އަހަރުގަ އެވެ. ފުޓްބޯޅަ ކެރިއަރު 2011 ވަނަ އަހަރު ނިންމާލި ރޮނާލްޑޯ ފަހަކަށް އައިސް ބޮޑަށް ފެންނަނީ އޭނާގެ ކުރީގެ ކްލަބް ރެއާލް މެޑްރިޑާއި ފީފާގެ އެމްބެސެޑަރެއްގެ ރޯލުންނެވެ. އޭނާ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ތިން ފަހަރު އަދި ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ ދެ ފަހަރު ހޯދައިފަ އެވެ. ރޮނާލްޑޯގެ ކެރިއަރުގައި ދެ ފަހަރެއްގެ މަތިން ކަކުލަށް ސީރިއަސް އަނިޔާތަކެއްވެ، މުހިއްމު އުމުރެއްގައި ޖުމްލަ ތިން ސީޒަން ގެއްލުނު ނަމަވެސް އޭނާ އަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފޯވާޑެވެ.