މެޑްރިޑް (އޮކްޓޫބަރު 26) - ތަޖުރިބާކާރު މިޑްފީލްޑަރު ޑޭވިޑް ސިލްވާގެ މޮޅު ކުޅުމާ އެކު ރެއާލް ސޮސިއެޑާޑް އިން 4-1 އިން ހުއެސްކާ ބަލިކޮށް ސްޕެނިޝް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ސޮސިއެޑާޑް އެއް ވަނަ އަށް އެރީ ހަތް މެޗުން 14 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތީ މި ސީޒަނުގެ ފުރަތަމަ ކްލަސިކޯ މެޗުން މޮޅުވި ރެއާލް މެޑްރިޑް އެވެ. އެ ޓީމަށް ހަ މެޗުން ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ގްރަނާޑާ އަށް ވެސް ވަނީ ހަ މެޗުން 13 ޕޮއިންޓް ލިބިފަ އެވެ.
ސޮސިއެޑާޑްގެ ރޭގެ މެޗުގައި ވެސް ވިދާލީ މެންޗެސްޓާ ސިޓީ ދޫކޮށް މި ފަހަރުގެ ޓްރާންސްފާގައި ސޮސިއެޑާޑަށް ބަދަލުވި ސިލްވާ އެވެ. ރޭގެ މެޗުގައި އޭނާ ވަނީ ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނުމުގެ އިތުރުން ސޮސިއެޑާޑްގެ މެދުތެރޭގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އުމުރުން 34 އަަހަރުގެ ސިލްވާ އަކީ 21 ވަނަ ގަރުނު ތެރޭގައި ސްޕެނިޝް ލީގުގެ އެއް މެޗެއްގައި ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ.
ސޮސިއެޑާޑްގެ ކޯޗު އިމަނޯލް އަލްހުއާސިލް ބުނީ ސިލްވާ އަކީ ކޮން ފެންވަރެއްގެ ކުޅުންތެރިއެއްކަން އެންމެނަށް ވެސް އެނގޭ ކަމަށާއި އޭނާގެ ފިޓްނަސް ހިފަހައްޓައިފިނަމަ މޮޅު ކުޅުން މުޅި ސީޒަނުގައި ވެސް ތަކުރާރުކުރެވޭނެ ކަމަަށެވެ.
ސްޕެއިނުގެ ފޯވާޑް މިކޭލް އޮޔާޒަބަލްގެ ގޯލުން ފުރަތަމަ ހާފުގައި ސޮސިއެޑާޑް ލީޑުނަގާފައިވަނިކޮށް ދެ ވަނަ ހާފްގެ ކުރީކޮޅުގައި ހުއެސްކާގެ ރަފާ މީރް ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ސޮސިއެޑާޑަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ ޕެނަލްޓީ އަކުން އޮޔާޒަބަލް އެވެ. އެ ޓީމުގެ ފަހު ދެ ގޯލު ޖެހީ ކްރިސްޓިއަން ޕޯޓޫ އަދި އަލެކްސަންޑަ އައިސާކް އެވެ.
ލީގުގައި އިއްޔެ އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުން ވަނީ 2-0 އިން ރެއާލް ބެޓިސް ބަލިކޮށްފަ އެވެ. އެތުލެޓިކޯގެ ގޯލުތައް ޖެހީ ލުއިސް ސުއަރޭޒް އާއި މާކޮސް ލޮރެންޓޭ އެވެ.