04 ނޮވެމްބަރ 2020 - 06:36
ކާޑިފް، ވޭލްސް (ނޮވެމްބަރު 4) - ގެވެށި އަނިޔާއެއްގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ސުވާލުކުރަމުންދާތީ ވޭލްސްގެ ކޯޗު ރަޔާން ގިގްސް މަސައްކަތުން އެކަހެރިކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް ވޭލްސް (އެފްއޭޑަބްލިއު) އިން ނިންމައިފި އެވެ.
އާދިއްތަ ދުވަހުގެރޭ ގިގްސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭނާގެ ލޯބިވެރިޔާ އަށް ހަމަލާ ދިނުމުގެ ތުހުމަތުގަ އެވެ. އުމުރުން 46 އަހަރުގެ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ގިގްސް ފަހުން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. އެކަމަކު މައްސަލަ ތަހުގީގު ކުރަމުންދާތީ ގިގްސް އަށް ވަނީ ފުލުހުން އެންގި ކޮންމެ ގަޑިއެއްގައި ޖަވާބުދާރީވާން ފުލުސް އޮފީހަށް އަންނަން އަންގައިފަ އެވެ. ގިގްސް ވަނީ ތުހުމަތުތަކަށް އިންކާރުކޮށް ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.
އިއްޔެ އެފްއޭޑަބްލިއު އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގިގްސްއާ އެކު ބޭއްވުނު މަޝްވަރާތަކަށް ފަހު މި ވަގުތަށް ނިންމާފައިވަނީ ވޭލްސްގެ ކުރިއަށް އޮތް މެޗުތަކުގައި ގިގްސް ޓީމާ ދުރުގައި ހުރުމަށެވެ. އެ ގޮތުން މި މަހު 12 ވަނަ ދުވަހު އެމެރިކާއާ އެކު ވޭލްސް ކުޅޭ އެކުވެރިކަމުގެ މެޗާއި ޔުއެފާ ނޭޝަންސް ލީގުގައި އަޔަލެންޑާއި ފިންލެންޑާ ދެކޮޅަށް ކުޅޭ މެޗުގައި ގިގްސް އެ ޓީމަށް ކޯޗުކޮށެއް ނުދޭނެ އެވެ.
"މި ތިން މެޗުގައި ޓީމަށް ކޯޗުކޮށްދޭނީ އެސިސްޓަންޓް ކޯޗު ރޮބާޓް ޕޭޖް. އޭނާ އަށް ގިގްސް އެހީވާނެ،" އެފްއޭޑަބްލިއު އިން ނެރުނު ބަޔާނެއްގައިވެ އެެވެ.
އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ގިގްސް އޭނާގެ ލޯބިވެރިޔާ ކޭޓް ގްރެވިލް، 30، އަށް އަނިޔާ ކުރަމުންދާތީ މެންޗެސްޓާ ފުލުހުންނަށް ރިޕޯޓްކުރީ ކޭޓް އަމިއްލަ އަށެވެ. ގެވެށި އަނިޔާގެ މައްސަލައެއްގެ ގޮތުގައި މައްސަލަ ބަލަމުން އަންނައިރު، މި މައްސަލަ ސާބިތުވެއްޖެނަމަ ގިގްސް އަށް ވޭލްސްގެ ކޯޗުކަން ގެއްލޭނެ އެވެ.
ވޭލްސްގެ ކޯޗުކަމަށް ގިގްސް ހަމަޖެއްސީ 2018 ވަނަ އަހަރު އެވެ. ޔުނައިޓެޑަށް 700 އަށް ވުރެން ގިނަ މެޗު ކުޅެދީފައިވާ ގިގްސް ވަނީ އެ ޓީމާ އެކު 13 އިނގިރޭސި ޕްރިމިއާ ލީގާއި ދެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި ފަހުން އެ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރުމުގެ އިތުރުން ވަގުތީ ކޯޗެއްގެ ގޮތުގައި ހެޑް ކޯޗެއްގެ ޒިންމާ ވެސް އުފުލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔުނައި
04 November 2020
މި ހަމަ މިހާރުގެ ޔުނައިޓެޑް ޓީމްވެސް ކުޅޭ ކުޅުން ތަޅާ އަނިޔާ