ދޯހާ، ގަތަރު (ޑިސެމްބަރު 19) - ގަތަރު ފުޓްބޯޅަ އެސޯސިއޭޝަންގެ ޕްރޮގްރާމްތަކެއްގައި މަސައްކަތްކުރުމުގެ ގޮތުންނާއި އަލް ސާދަށް އިތުރު ކާމިޔާބީތަކެއް ހޯދަން ބޭނުންވާތީ ސްޕެއިނުގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް އަލް ސާދުގައި މަޑުކުރަން ނިންމާފައިވާ ކަމަށް އަލް ސާދުގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ މީޑިއާ އިން ރިޕޯޓްކޮށްފި އެވެ.
ހާއްސަ އިހުތިޔާރެއް ލިބޭގޮތަށް ކޮންޓްރެކްޓް އާކޮށް ޒަވީ އެންމެ ފުރަތަމަ އަލް ސާދުގައި މަޑުކުރަން ނިންމީ މި އަހަރު ޖުލައި މަހު އެވެ. އެއް އަހަރަށް އަލް ސާދާ އެކު ކޮންޓްރެކްޓް ހެދިއިރު އެ އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާއެއް ބުނާގޮތުން މުއްދަތު ހަމަވުމުގެ ކުރިން ޒަވީ އަށް ހާއްސަ އިހުތިޔާރެއްގެ ދަށުން އޭނާ ބޭނުންވާ ކްލަބަކަށް ވަކި މުއްދަތެއްގެ ނޯޓިސް އެއް ދީފައި ބަދަލުވެވޭނެ އެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާ މި މާއްދާ ހިމެނީ އަންނަ އަހަރު ބާސެލޯނާގެ އިންތިހާބަށް ފަހު އެ ޓީމަށް ބަދަލުވާން ބޭނުންވާތީ އެވެ.
އަންނަ މަހު ބާސެލޯނާގެ އިންތިހާބު ބާއްވަން ނިންމާފައިވާއިރު ޒަވީ އަކީ އިންތިހާބު ކާމިޔާބުކުރާނެ ކަމަށް ބެލެވޭ ކެންޑިޑޭޓް ވިކްޓަ ފޮންޓްގެ ޓީމުގެ މެމްބަރެކެވެ. ކަޓަލޫނިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފޮންޓް ބާސެލޯނާ ރައީސްކަމަށް އިންތިހާބުވެއްޖެނަމަ ޒަވީއާ އެ ޓީމު ހަވާލުކުރާނެ އެވެ.
އެހެން ނަމަވެސް އަލް ސާދުގައި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް ޒަވީ މަޑުކުރަން ނިންމުން ރަސްމީ ވުމާ އެކު އޭނާ އަށް ދެން އެންމެ އަވަހަށް ވެސް ބާސެލޯނާ އަށް ބަދަލުވެވޭނީ 2023 ވަނަ އަހަރު އެވެ. އެއީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް އޮތީ އެ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރުގައި ކަމަށްވުމުންނެވެ.
"އަހަރެންގެ ކޯޗިން ކެރިއަރުގައި ދެން އިން ހަރުފަތަށް ދާންވީ ވަގުތު ވެސް އަންނާނެ. އެކަމަކު މި ވަގުތަށް އަހަންނަށް އެންމެ މުހިއްމީ މި ޓީމުގައި މަޑުކޮށް މުހިއްމު މަސައްކަތްތަކެއް ކުރުން. އަދި ގަތަރުގެ އެ ހާއްސަ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް ދައުރެއް އަދާކުރުން،" ގަތަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް އަލް ސާދުގައި މަޑުކުރުމަށް އިޝާރާތްކޮށް ޒަވީ ބުންޏެވެ.
ޒަވީގެ އަލް ސާދުން ވަނީ ދާދި ފަހުން ގަތަރުގެ އަމީރް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަލް ސާދުގެ އޮފިޝަލަކު ވަނީ ޒަވީ ވީހާވެސް ދިގު މުއްދަތަކަށް އެ ޓީމުގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދ އެކަމުގައި ގޮތެއް ނިންމުމުގެ އިހުތިޔާރު އަބަދުވެސް އޮތީ ޒަވީ އަތުގައި ކަމަށް އޮފިޝަލް ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން ގަތަރު އެފްއޭ އިން އަންނަނީ 2022 ގެ ވޯލްޑް ކަޕް ޕްރޮމޯޓްކުރަން ޒަވީއާ އެކު އެއްބަސްވުމެއްގައި ސޮއިކުރަން މަޝްވަރާކުރަމުންނެވެ.