މިދިޔަ ސީޒަނަށް މާޒިޔާ ޓީމު ވަރުގަދަކުރީ ޒުވާން ނަން މަޝްހޫރު ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިގެންނެވެ. ތިން އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން އެ ކުޅުންތެރިންގެ ސޮއި ހޯދުމަށް ފަހު މި ސީޒަނުގެ ކުރިން މާޒިޔާ އިން ދިވެހި ކުޅުންތެރިންނަށް މާ ބޮޑަށް ފާރަނުލި ނަމަވެސް ބޭނުންވި އެއް ކުޅުންތެރިއަކީ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު އުމެއިރު އެވެ. އެއީ އެ ޓީމުގައި އުމެއިރަށް މުހިއްމު ރޯލެއް ކުޅެވޭނެ ކަމުގެ ޔަގީންކަން ކްލަބްގެ މެނޭޖްމަންޓަށް ވެސް އޮތުމުންނެވެ.
މިއީ އުމެއިރު މާޒިޔާ އަށް ބަދަލުވި ތިން ވަނަ ފަހަރެވެ. އޭނާ އެންމެ ފުރަތަމަ މާޒިޔާ އަށް ކުޅުނީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން 2015 ވަނަ އަހަރު ޕީޕަލްސް ކަޕަށް ފަހު މާޒިޔާ އަށް ބަދަލުވެ، އެ ޓީމަށް ތިން ސީޒަނުގައި ކުޅެދިނުމަށް ފަހު އެ ޓީމާ ވަކިވީ އެވެ. އުމެއިރު ވަނީ މާޒިޔާގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ގިނަ މެޗުތަކެއްގައި ކުޅެފަ އެވެ. އުމެއިރު މާޒިޔާ އަށް މި ފަހަރު ސޮއިކުރީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ޑިފެންޑަރެއްގެ ގޮތުގައި ކެރިއަރު ފަށައި ފަހުން އެޓޭކުގައި ވެސް ތަފާތު ދެއްކި އުމެއިރަކީ މާޒިޔާގައި އޭނާ ކުޅުނު ކޮންމެ ފަހަރަކު ވެސް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. މި ސީޒަނުގެ ޕްރީ ސީޒަނުގައި ވެސް މާޒިޔާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި ކުޅުންތެރިއަކީ އުމެއިރު އެވެ. އެ ފޯމު އޭނާ އަންނަނީ ސީޒަނުގައި މިހާތަަނަށް ކުޅުނު މެޗުތަކުގައި ތަކުރާރުކުރަމުންނެވެ.
"އުމެއިރަކީ ރާއްޖޭގެ މިހާރުގެ ބޯޅައިގައި ކޮންމެ މަގާމަކަށް ލިޔަސް އެންމެ ރަނގަޅަށް ކުޅޭނެ ކުޅުންތެރިޔާކަން އޭނަގެ ކެރިއަރުގައި ދައްކައިފި. އޭނާ ފެށީ ސެންޓްރަލް ޑިފެންޑަރެއްގެ މަގާމުން. މިއަދު އެ ކުޅެނީ އެޓޭކިން ތާޑުގައި. އޭނަ އެބަހަރި ސެންޓްރަލް ސްޓްރައިކަރަކަށް ކުޅެފައި. މިޑްފީލްޑަރަކަށް ކުޅެފައި. އަރިމަތިން ކުރިއަށް ފަހަތަށް ކުޅެފައި. ދަނޑުމަތީގައި މިހާރު އޭނަ ނުކުޅޭ މަގާމަކީ ގޯލު ކަންނޭނގެ. އޭނަ އެހެން ހުރިހާ މަގާމަކަށް ކުޅެފި. އެ ތަފާތު އޭނަ ކިބައިގައި އެބަހުރި،" އުމެއިރުގެ ބޭނުންހިފޭނެ ގޮތްތަކާ މެދު މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުންޏެވެ.
ޗެރިޓީ ޝީލްޑް މެޗުގައި އީގަލްސް އަތުން މާޒިޔާ ބަލިވި މެޗުގައި އުމެއިރު ކުޅެން ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެ މެޗުގައި އޭނާ އަރައި ދެއްކި ކުޅުމުން ލީގުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް އުމެއިރު ފުރަތަމަ އެގާރައިގައި ހިމެނި އެވެ. ޔުނައިޓެޑް ވިކްޓްރީ އަތުން މާޒިޔާ 4-0 އިން މޮޅުވިއިރު އުމެއިރު ވަނީ ގޯލެއް ޖެހުމުގެ އިތުރުން ގޯލެއް ޖަހަން ފުރުސަތެއް ތަނަވަސްކޮށްދީފަ އެވެ. ލީގުގައި މާޒިޔާ ކުޅުނު ދެ ވަނަ މެޗުގައި ގްރީން ސްޓްރީޓްސް އަތުން 7-1 އިން މާޒިޔާ މޮޅުވި މެޗުގައި ލަނޑެއް ނުޖެހުނު ނަމަވެސް ދެ ގޯލު ޖަހަން އުމެއިރު ވަނީ ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ކުޅުނު ކޮންމެ ޓީމެއްގައި ކަހަލަ ގޮތަކަށް އުމެއިރު ވަނީ ކެޕްޓަންކަން ކޮށްފަ އެވެ. އޭނާ އެންމެ ފަހުން ކުޅުނު ގްރީން ސްޓްރީޓްސްގައި ވެސް މިދިޔަ ސީޒަނުގެ ފަހު ކޮޅުގައި އޭނާ ވަނީ ކެޕްޓަންކަން ކޮށްފަ އެވެ. އުމެއިރުގެ ލީޑަޝިޕް ކޮލިޓީ އަކީ އޭނާ އަށް އިރުޝާދުދޭ ކޮންމެ ކޯޗެއް ވެސް ފާހަގަކުރާ ކަމެކެވެ. މާޒިޔާ އަށް 2017 ވަނަ އަހަރުގައި އުމެއިރަށް ކޯޗުކޮށްދިން މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ ވެސް އެންމެ ފާހަގަކުރާ އެއްކަމަކީ މެޗު ތެރޭގައި އެ ބަދަލުވާ ހާލަތްތަކުގެ ތެރޭގައި ކޯޗު ކިޔައިދޭ ގޮތަށް ޓީމު ކުޅުވުމުގައި އުމެއިރު އަދާކުރާ މުހިއްމު ދައުރެވެ.
މާޒިޔާގެ އެޓޭކުގައި ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސަކޮ) ނުލައި ދެން ތިބީ އެހާ ސީނިއާ ކުޅުންތެރިންނެއް ނޫނެވެ. މި ސީޒަނުގައި މާޒިޔާ އިން އުމެއިރު ގެނައި އެއް ބޭނުމަކީ އެޓޭކުގައި ތަޖުރިބާގެ ބޭނުންހިފައި ތަފާތު ދެއްކޭނެ އެހެން ކުޅުންތެރިއަކު އިތުރުކުރުމެވެ. ނިޒާމްބެ ބުނީ އުމެއިރުގެ ކިބައިން މާޒިޔާގެ އެޓޭކުގައި އެ ތިބި ކުޅުންތެރިންނަށް ގިނަ ކަންތައްތަކެއް ދަސްކުރެވިދާނެ ކަމަށެވެ.
"އޭނަގެ އެކްސްޕީރިއަންސަށް ބަލާއިރު އޭތި ވަރަށް ރަނގަޅަށް ކުޅުންތެރިންނާ ހިއްސާކުރާކަން ފާހަގަކުރެވޭ. އަނެއްކޮޅުން އެ ކުޅުންތެރިން އެންކަރޭޖް ކުރަން އެ ކުރާ މަސައްކަތް އެއީ އެކްސްޕީރިއަންސް ކުޅުންތެރިއެއްގެ ފަރާތުން އެންމެ ބޭނުން ކަންތައް. އެ ކަންތައް ފެންނާތީ އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އުއްމީދުކުރަނީ ދެން ތިބި ކުޅުންތެރިން އެ އެކްސްޕީރިއަންސްގެ ބޭނުންހިފައި އޭނާގެ ކިބައިން އެއްޗެއް ދަސްކުރާނެކަމަށް،" ނިޒާމްބެ ބުންޏެވެ.
އުމެއިރު ވަނީ މާޒިޔާއާ އެކު 2011 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕާއި 2016 ވަނަ އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އިތުރުން 2017 ވަނަ އަހަރުގެ އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މާޒިޔާ އިން މި ސީޒަނުގައި ހުރިހާ މުބާރާތަކަށް އަމާޒުހިފާފައިވާއިރު، އެ ޓީމުން އެކަން ހާސިލްކުރަން ކުރާ މަސައްކަތުގައި އުމުރުން 32 އަހަރުގެ އުމެއިރަށް މުހިއްމު ރޯލެއް އަދާކުރެވިދާނެކަން އޭނާ މި އަންނަނީ ކުޅުމުގެ ފެންވަރަށް ބަލާއިރު ސާބިތުކޮށްދެމުންނެވެ.