ފުޓްބޯޅަ ސަޕޯޓަރުން އުއްމީދުކުރަނީ ދިވެހި ފުޓްބޯޅައިގެ ރަން ދުވަސްތައް އިއާދަވާނެ ދުވަހަކަށެވެ. އެކަމަށް އެކި ގޮތަށް އެކި ވިސްނުމުގައި ތަފާތު ޕްލޭންތައް ހަދައިފި އެވެ. ޕްލޭންތައް ކަރުދާހުން ބޭރުވެ ސިޔާސީ ބެނާތަކަށް ވެސް އަރައިފި އެވެ. އެކަމަކު އަދިވެސް ބޭނުންވި މަންޒަރު ފެންނާނެ ކަމުގެ އުއްމީދެއް ނެތެވެ. އެކަން ހާސިލްކުރަން ބަލާއިރު ކިތަންމެ ކުޑަ ކަމެއް އަތުން ދޫވިޔަސް މީހުންގެ ސިކުނޑީގައި ކުރެހޭ މަންޒަރު ތަފާތު ވެދާނެ އެވެ. މިސާލަކަށް ބަލާނަމަ، މަންޒަރު ބަލާ މީހުންނަށް ދަނޑުގެ ހާލަތުން ވެސް ވިސްނޭނެ ކަންތައްތައް ބައިވަރެވެ.
ނުވަ މަސް ދުވަހުގެ ބޮޑު މެދުކެނޑުމަކަށް ފަހު ދާދި ފަހުން މި ފެށި ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ މެޗާ ކުރިމަތިލިއިރު، ގިނަ ބަޔެއް އުއްމީދު ކޮށްގެން ތިބީ އެހާ ދުވަސް ފަހުން ފަށާއިރު އިންތިޒާމުތަކާ އެ ހުރިހާ ކަމެއް އެންމެ ކުޑަމިނުން ކުރިއަށް ވުރެ ރަނގަޅުވާނެ ކަމަށެވެ. އެފްއޭއެމްގެ ކޮންޓްރޯލްގައި ހުރި ކަމެއް ވިއްޔާ ކޮންމެ ވެސް ވަރަކަށް ރަނގަޅު މިސްރާބަކަށް ދާކަމުގެ ހެކިތަކެއް ފެންނަން ފެށި އެވެ. ސަޕޯޓަރުން ތިބި ދިމަ ދިމާލަށް ފޯކަސް ކޮށްގެން ފުޓްބޯޅައިގެ ފޯރިގެނެވޭނެ ގޮތްތަކަށް އެފްއޭއެމުން ވެސް ކުރިއަށް ވުރެން ރަނގަޅަށް މަސައްކަތް ފެށި އެވެ،
މި ސީޒަނުގައި އެފްއޭއެމުން އިސްވެ ދައުލަތުގެ މީޑިއާ ޕީއެސްއެމްއާ އެކު އެއްބަސްވުމެއް ހަދައި ރާއްޖޭގެ ފުޓްބޯޅަ މެޗުތައް ވަގުތުން ޓީވީން ދުރަށް ދެއްކީ ސޯޝަލް މިޑިއާގެ އެންމެން ފަރިތަ ޕްލެޓްފޯމް ފޭސްބުކް އިން ލައިވް ކުރާގޮތަށެވެ. ސީޒަން ފެށި މެޗުން ފެށިގެން ގިނަ ބަޔެއްގެ ކަޅި ދާދި ފަހަކާ ޖެހެންދެން ވެސް ހުއްޓެނީ އެއް ދިމާލަކަށެވެ. ދަނޑުގެ ވަށައިގެން އެ ހުރި ސިނޑިބަރިތަކުގައި ބަހައްޓާފައި ހުރި ޕާކު ހަދާ ސާމާނާއި އައުޓް ޑޯ ޖިމް ސާމާނުތަކަށެވެ. ސްޕޯޓްސް މިނިސްޓްރީން އެ ތަކެތި އެތަނުން ނެގުމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރަމުން އެބަދެ އެވެ. ސީޒަން ފެށިގެން ތިން ވަނަ ހަފްތާގެ މެޗުތައް މިއަދު ފަށާއިރު އަދިވެސް ގިނަ ސާމާނުތަކެއް އެ ހުރީ އެތަނުގަ އެވެ.
ކުޅިވަރުގެ ވަސީލަތްތައް ބެލެހެއްޓުމުގެ ޒިންމާ މި ވަގުތު އޮތީ ސްޕޯޓްސް މިނިސްޓްރީ އަތުގަ އެވެ. ކޮންމެ ސަރުކާރެއް އޮތަސް އެކި އިވެންޓްތައް ބާއްވާލަން ޖާގައިގެ ގޮތުން ތަނަވަސް ގަލޮޅު ދަނޑު ބޭނުންކުރާ ވާހަކަ އަކީ ތަކުރާރުކޮށް ދައްކައި އިވި ބާވެފައި އޮތް ވާހަކަ އެކެވެ. މި ސަރުކާރު އައި ފަހުން ގަލޮޅު ދަނޑު ބޭނުންކޮށްފައިވާ ކަންކަމަށް ބަލާއިރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ އުސޫލަށް ފެއްތުމަށް އިކޮނޮމިކް މިނިސްޓްރީން ކުރަމުން އައި މަސައްކަތް ހިމެނެ އެވެ. ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗެއް ބޭއްވި އިރާއި އޭއެފްސީ ކަޕް މެޗުތައް އޮތްއިރު ވެސް އެކަންކަން ކުރިއަށް ދިޔަ އެވެ. ކޮވިޑް-19 ގެ މުއްދަތުގެ ތެރޭގައި އެކި ބޭނުންތަކަށް ވެސް ބޭނުންކުރި އެވެ. މި ވަގުތަށް ބަލާއިރު އެ ބޭނުންހިފަމުން އެ ދަނީ ގުދަނެއްގެ އުސޫލުންނެވެ. ވަގުތީ ގޮތުން ތަނެއް ބޭނުންުކުރުމާއި އެތަނެއް ބިނާވެފައި އޮތް މަގުސަދުގެ ތެރެއިން ކުރާ ކަމެއްގެ ހަރަކާތްތައް ހިނގާއިރު ތަން އޮންނަން ޖެހޭ ހާލަތު ތަފާތެވެ.
މިދިޔަ އަހަރުން ފެށިގެން ގަލޮޅު ދަނޑުގެ ދެ ފަރާތެއްގެ ސިޑިބަރި އޮތީ ޕްލޭނިން މިނިސްޓްރީގެ ލަފާގެ މަތިން ބަންދުކޮށްފަ އެވެ. އެއީ އެ ދެ ސިޑިބަރި ބާވެފައި އޮތުމުން އެ ބޭނުންކުރަން އެންމެ ރައްކާތެރިނޫން ކަމަށް ނިންމައިފަ އެވެ. ކޮވިޑް-19 ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފުޓްބޯޅަ ސީޒަން ފަށަން ދިން ހުއްދައިގެ ތެރޭގައި އޮތް އެއް އުސޫލެއްގައިވާ ގޮތުން މެޗުތައް ބަލަން ދަނޑަށް ވަދެވެނީ ކުޅުންތެރިންނާއި އޮފިޝަލުންގެ ވަކި އަދަދަކަށެވެ.
ސަޕޯޓަރުން ނުވައްދައި ރާއްޖޭގެ ފުޓްބޯޅަ މެޗުތައް ކުޅޭ ވާހަކަ ދިވެހިންނަށް މާ ސީރިއަސް ކަމަކަށް ނުވާނެ އެވެ. އެކަމަކު ޓީވީ އާއި ޓެބްލެޓްތަކުން މެޗުތައް ލައިވްކޮށް ބަލާ މީހުން ވެސް ފޫހިވާ ގޮތަށް ނޫނީ ނެގެޓިވް ނަޒަރަކުން ބަލާ ގޮތަށް ކަންތައްތައް އޮތުމަކީ މި ވަގުތަށް ބަލާއިރު ދެރަވަރު ކަމެކެވެ.
ކުޅިވަރުގެ އިންފްރާސްޓްރަކްޗާ އެއްގައި ނޫނީ ސްޓޭޑިއަމެއްގައި ކުޅިވަރު ހަރަކާތެއް ހިނގާއިރު، އެ މާހައުލެއް ކުޅިވަރުގެ ފޯރިނެގޭ ގޮތަށް އޮންނަން ޖެހެ އެވެ. އެ ތަނެއް މީހުން ޝައުގުވެރިވާ ގޮތަކަށް އޮތުމަކީ އެ މާކެޓްކޮށް ވިޔަފާރި އުސޫލުން އެކަމެއް ކުރަން ވެސް މަގުފަހިވާނެ ކަމެކެވެ. މިސާލަކަށް ބަލާއިރު ކޮވިޑް-19ގެ ނުރައްކަލާ ހުރެ ދުނިޔޭގައި އަލުން ފުޓްބޯޅަ ފަށާފައި މި އޮތީ ސަޕޯޓަރުން ނުވައްދަ އެވެ. މިލިއަނުން ކްލަބްތަކަށް ވާ ގެއްލުން ފޫބައްދަން އެކި ކަންކަން ކޮށްފި އެވެ. ދަނޑުގެ ސަޕޯޓަރުން ތިބޭ ސިޑިތަކުގައި ސްޕޮންސަރުންގެ ބެނާ ދަމައިފި އެވެ. ސަޕޯޓަރުންގެ ފޮޓޯ ޖެހި ކަޓްއައުޓް ބޯޑު ޖަހައިގެންވެސް މާލީ މަންފާ ހޯދައިިފި. އެވެ. މިއީ މިސާލު ނަގަން ބަލާއިރު ރާއްޖޭގައި ވެސް ކުރެވިދާނެ ކަންކަމެވެ. އެކަމަކު ފެންނަނީ އެކަންކަމުގެ ބަދަލުގައި ގުދަނެއްގެ ގޮތުގައި ބޭނުންކުރެވޭ ތަނެއްގެ ގޮތުގަ އެވެ.
ޑިޖިޓަލް ޒަމާނަށް ބަދަލުވެ، އެހެން ބަދަލުތަކާ ދިމާލަން ވެސް ދާން ޖެހޭ
ފުރަތަމަ ޑިވިޝަނުގެ އެންމެ ފަހުގެ ދެ ޗެމްޕިއަނުންނާ ހަވާލުވެ ހުރި ދެ ކޯޗުން ވަނީ ދާދި ފަހުން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފުޓްބޯޅައިގެ ޕޮޒިޓިވް ވާހަކަތަކެއް ދައްކައިފަ އެވެ. އެއީ ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަަދު ޝާޒްލީ (ޝާޒް) އާއި މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. ދެ ކޯޗުން ވެސް ފާހަގަކުރި އެއް ކަމަކީ މެޗުތައް ސޯޝަލް މީިޑިއާ އިންނާއި ޓީވީން ފެންނާތީ ފުޓްބޯޅައިގެ ވާހަކަ ކުރިން ދައްކަމުން އައި އުސޫލުން މީހުންގެ ސުވާލުތައް ކުރިމަތިކުރުވާ ވާހަކަ އެވެ.
ނިޒާމްބެ ދެއްކި ވާހަކައިގައި އެންމެ ގަޔާވި ބަޔަކީ "ދެން ދާންޖެހޭނީ އެ ސަޕޯޓަރުންގެ ފޯކަސް ހުރި ދިމާލުން”ކަމެވެ. ހަގީގަތަކީ އެއީ އެވެ. ދެން ފުޓްބޯޅަ ޑިވެލޮޕްކުރުމުގައި ވިސްނަންވީ ސަޕޯޓަރުންގެ ނަޒަރުންނެވެ. މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުޅެވޭ ހޯމް އެންޑް އަވޭ ލީގަކަށް އެންމެން ވެސް ތިބީ ފެންބޮވައިގަނެފަ އެެވެ. އެކަމަކު އެންމެ ފުރަތަމަ ބޮންތިއަށް އެރުމުގެ ވިސްނުން ދޫކޮށް ހަރުފަތަކަށް ފަހު ހަރުފަތެއް ކުރިއަށް ދިއުމުގެ ވިސްނުން އިސްކުރަންވީ އެވެ.
މި ސީޒަނަށް ބަލާއިރު ވެސް ހެޔޮ ބަދަލުތަކެއް ފެންނަން ފަށައިފި އެވެ. ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މަސައްކަތް ހިނގައި ކުރިއަށްދިއުމުގެ ދޮރު ހުޅުވިއްޖެ އެވެ. އެފްއޭއެމުން އިސްވެ މެޗުތަކުގެ ސްޓެޓިސްޓިކްސް ނަގައި އެ ގޮތުން ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ބަލާއިރު ފަސޭހަތަކެއް ކޮށްދީފި އެވެ. މިއީ ފުޓްބޯޅައިގެ އެންމެން ވެސް ހެޔޮހިތުން އެދި ހުރި ކަމެކެވެ. އެކަމެއް ފުރިހަމަވުމުން އުފާކުރާ ވެސް ކަމެކެވެ.
އަދިވެސް ކުރަން ހުރި މަސައްކަތްތައް ވަކި މަދެއް ނުވެ އެވެ. މުޅި ދުނިޔެ އަށް ނޫނީ ރާއްޖެ މި އޮތް ދެކުނު އޭޝިއާ އަށް ބެލިޔަސް ފުޓްބޯޅަ ޕްރޮމޯޓްކުރުމަށް އެ މެޗުތައް ކުޅޭ ދަނޑު ސަަރަހައްދަކީ އެ ކަމާ ގުޅުންހުރި އިސްތިހާރުގެ ހަބެއްގެ ގޮތުގައި ބަދަލުކޮށްލަ އެވެ. އެ ވިސްނުމުގައި ރާއްޖޭގެ ފުޓްބޯޅަ ލީގު ޕްރޮމޯޓްކުރުމަށް ގަލޮޅު ދަނޑުގައި ވެސް މެޗުތައް އިސްތިހާރުކޮށް ބެނާ އާއި ޓީމުތަކުގެ ސްޕޮންސަރުންގެ ކަންކަން ކުރުން ފަދަ ކަންކަން ރޭވިދާނެ އެވެ.
ފުޓްބޯޅައިގެ އެކި ލެވަލްގެ މީހުން ތަފާތު ވިސްނުމުގައި ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި ގެއްލުނު ސަބަބުތަކުގެ ވާހަކަ ދައްކަ އެވެ. ސިޔާސީ ހިޔާލުތަފާތުވުންތަކާއި ބޭރުގެ ފުޓްބޯޅަ ދިވެހިންނަށް މާ ކަމުދާތީ ކަމަށް އެ މީހުން ކިޔަ އެވެ. މީގެ ތެރެއިން ބޭރުގެ ފުޓްބޯޅައިގެ ވާހަކަ އަށް ބަލާއިރު، އޭގައި ފާހަގަވާންޖެހޭ މުހިއްމު ކަންތައްތަކެއް އެބަހުއްޓެވެ. އެ ވިސްނުމަށް ބަލާއިރު ބަދަލުވާން ޖެހޭ މުހިއްމު ކަންކަން އެބަހުއްޓެވެ. ފަހުގެ ކެމެރާ ސިސްޓަމުން މެޗު ލައިވްކުރާ ގޮތަށް ދިވެހި ފުޓްބޯޅަ ބަދަލުވާން ޖެހޭ ވަގުތު އައިސް ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. ރަނގަޅު ރިއަލްޓައިމް ރީޕްލޭ ފަދަ ބަދަލުތައް އަންނަން ޖެހެ އެވެ.
ބޭރުގެ ފުޓްބޯޅަ މެޗުތައް ޓީވީން ދައްކާ ފެންވަރަށް އެއް ފަަހަރުން ދިވެހި ފުޓްބޯޅަ މެޗުތައް ދައްކައިނުލެވިދާނެ އެވެ. އެކަމަކު މަސައްކަތްތަކެއް ކުރެވިގެން ބަދަލަކާ ދިމާލަށް ދާނަމަ މެޗުތައް ދެއްކުން މިހާރަށް ވުރެ ފުރިހަމަވާން ޖެހޭ ވަގުތު މިއީ އެވެ. އެނގިފައިވާ ގޮތުގައި އެފްއޭއެމްގެ މީޑިއާ ޕްލޭނުގެ ތެރޭގައި މެޗުތައް ލައިވް ކުރުމުގައި މުސްތަގުބަލުގައި ބަދަލުތަކެއް ގެންނަން އޮތީ ވާހަކަ ދެކެވިފަ އެވެ.
ދިވެހި ފުޓްބޯޅައިގައި މި ވަގުތު މަދުވާ އެއް ކަމަކީ އާންމު މުޖުތަމައުއާ ފުޓްބޯޅަ ގުޅުވައިދޭ ހަރަކާތްތައް މަދުވުމެވެ. އެ ބަޔަކަށް ފޯކަސްކޮށް ދާދި ފަހުން ފެށި އެފްއޭއެމް ފައުންޑޭޭޝަންގެ ހަރަކާތްތައް ފެށުމުން އޭގެ ހެޔޮ ބަދަލު އައުމަކީ ފުޓްބޯޅަ އަށް ހަގީގަތުގައި ލިބޭނެ ކުރިއެރުމެކެވެ.
އެތައް އަހަރެއް ވަންދެން ކަމެއް އެއް ގޮތަކަށް އޮވެ ބަޔަކު އަޅައިނުލުމަކީ އެކަން އެ ގޮތަށް ތާ އަބަދަށް އޮންނަން އެންމެނަށް ރަނގަޅުވުމެއް ނޫނެވެ. ކުޅިވަރުގެ ކަންކަމުގައި ބަދަލުތައް އަންނަން ޖެހޭ ކަމަށް އެންމެ އެއްބަސްވެ އެވެ. ކުޅިވަރު ތެރޭގައި މި އޮތް ދިވެހިން އެންމެ ގަޔާވާ އަދި އެންމެ ކުޅޭހިތްވާ ފުޓްބޯޅަ އަށް ވެސް ހެޔޮ ބަދަލުތަކެއް އަންނަން ޖެހެ އެވެ. އެ ގޮތުން ދަނޑުގެ ކަންކަން ވެސް ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް އުސޫލުގެ ތެރެއިން އޮންނަންވާނެ އެވެ. ބެލެނިވެރި ފަރާތަކީ މިނިސްޓްރީ ކަމުގައި ވިޔަސް އެކަށީގެންވާ ކަންކަމަށް ތައްޔާރުވާން ވަގުތު ދީފައި ވިޔަސް ދަނޑު އެފްއޭއެމް އަށް ހަވާލުކުރެވިދާނެ އެވެ.
މި ދުވަސްވަރަކީ ކުޅިވަރާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައި އޭގެ ވާހަކަ ކުޅިވަރުގެ އެކި ފަންތީގައި ދައްކަމުން އަންނަ ވަގުތެކެވެ. އިސްލާހު ހުށަހަޅައިގެން ކުރަން ޖެހޭ އެންމެ މުހިއްމު ކަމެއްގެ ގޮތުތައި ގިނަ ބަޔަކު އެއްބަސްވާ ކަމަކީ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ނިޒާމެއް ކަނޑައެޅުމާއި ސަރުކާރުގެ ބަޖެޓަށް ލުއިވާނެ ގޮތަކަށް ކުޅިވަރުން އާމްދަނީ ހޯދައި ކުޅިވަރު އިންޑަސްޓްރީ ވަރުގަދަ ކުރުމެވެ. އެ ފަދަ ކަންކަމުގެ މަސައްކަތް ކުރަމުން އަންނައިރު ބަދަލު އަންނަން ޖެހޭ ކަންކަމުގެ ތެރޭގައި ގަލޮޅު ދަނޑު ހިމެނެ އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލަކީ މުޅި ރާއްޖެ އަށް ހުޅުވާލެވިފައިވާ ލީގެވެ. އެކަމަކު މި ވަގުތަށް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެކަން ކުރަން ބޭނުންވާ ކަންތައްތައް ފުރިހަމަވަންދެން މިހާރުން މިހާރަށް ވެސް ކުރަން ޖެހޭ މަސައްކަތްތައް ވަގުތުތަކެއް ނުދަނީސް ފޯކަސް ކޮށްގެން ރަނގަޅު ކުރުމެވެ . އެ ގޮތުން ބޮޑު ފޯކަސް އެއް މި ވަގުތު ފުޓްބޯޅައިގައި މި އޮތީ ގަލޮޅު ދަނޑަށެވެ. އެ ތަނުން ފުޓްބޯޅައިގެ މަންޒަރުތައް ފެންނަން ޖެހޭނީ ސަޕޯޓަރުންނާއި ކުޅުންތެރިން ވެސް ހިތްއެދޭ ގޮތްގޮތަށެވެ. ކަންކަން ރަނގަޅު ކުރަން ބަލާއިރު ވަގުތު އޮއްވައި ކުޑަ މަސައްކަތްތަކެއް ކޮށްލުން އެއީ ވެސް ފުޓްބޯޅައާ މެދު ގިނަ މީހުން ޕޮޒިޓިވް ނަޒަރަކުން ދެކޭނެ ކަމެކެވެ.