ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނައިރު ދެކެނީ އެއީ ލީގުގެ ވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށާއި އަމާޒަކީ އެ ޓީމު އަތުން މަދުވެގެން ޕޮއިންޓެއް ވިޔަސް ހޯދުން ކަމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފި އެވެ.
މި ވަގުތަށް ބަލާއިރު ލީގުގެ ފޯމު ރަނގަޅީ ސަސް އެވެ. ފުރަތަމަ މެޗުން އީގަލްސް އަތުން ސަސް މޮޅުވިއިރު، ދެން ކުޅުނު ދެ މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބާ ވަނީ އެއްވަރުވެފަ އެވެ. ގްރީން ސްޓްރީޓްސް ފުރަތަމަ މެޗުން ވެލެންސިއާ އަތުން ބަލިވިއިރު، ދެ ވަނަ މެޗުން މާޒިޔާގެ އަތްދަށުވީ ބޮޑު ތަފާތަކުންނެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ ވަނީ އެއްވަރުވެފަ އެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނާދު ބުނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅެން ތައްޔާރުވާއިރު އެންމެ ބޮޑު ބޭނުމަކީ ހާލަތުގެ ގޮތުން ބަލިނުވެ ފަރުޖައްސާލުމަށް އިސްކަން ދިނުން ކަމަށެވެ.
"ގްރީން ސްޓްރީޓްސް އަކީ މި މުބާރާތުގައި ކުޅޭ އެންމެ ވަރުގަދަ އެއް ޓީމު. މެޗުތަކަކުން ބަލިވި ކަމުގައި ވިޔަސް އެއީ ލީގުގައި ވާދަކުރާ ވަރުގަދަ ޓީމެއް. އެކަން ދެނެތިބެގެން މި މެޗަށް ނުކުންނަނީ. ކުޑަމިނުން މެޗުން ބަލިނުވެ ނިންމާލަން މި ނުކުންނަނީ،" ނާދު ބުންޏެވެ.
"މެޗުން މޮޅުވާން އެންމެ ބޮޑަށް އުއްމީދުކުރަނީ. ދެން އެހެން ނަމަވެސް ބަލިނުވެ ސަލާމަތްވުން ވެސް އެއީ ވަރަށް ބޮޑަށް ބޭނުން ކަމެއް."
ދިގު ލީގެއްގައި ކުޅޭއިރު އަނިޔާގެ މައްސަލަތައް ކުރިމަތިވާނެކަން ގަބޫލުކުރަންޖެހޭ ކަމަށާއި އެހެން ނަމަވެސް ތިބި ކުޅުންތެރިންގެ ހިތްވަރާ އެކު ނަތީޖާ ނެރެވޭނެކަމަށް ނާދު ގަބޫލުކުރެ އެވެ. ސަސްގެ ސްޕެއިން ފޯވާޑް ވިކްޓަ ރޮޑްރިގޭޒްގެ ބޭނުން އެންމެ ރަނގަޅަށް ނުހިފޭ އެއް ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ ރަނގަޅު ޕްލޭމޭކަރެއް މެދުތެރެއިން ނެތުން ކަމަށާއި ދެން އޮންނަ ޓްރާންސްފާ މާކެޓްގައި އެ މަގާމާ މެދު ވިސްނަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ ސަސް މެޗަކުން ބަލިނުވެ އޮތްއޮތުމަކީ ވެސް ގްރީން ސްޓްރީޓްސް އިން މި މެޗަށް ސަމާލުވާން ޖެހޭ ކަމެއް ކަމަށެވެ. ފުރަތަމަ ދެ މެޗަށް ފަހު ގްރީން ސްޓްރީޓްސް އިން ތިން ވަނަ މެޗުގައި ޔުނައިޓެޑް ވިކްޓްރީ ކޮޅަށް ނަތީޖާ ނުނެރެވުނު ނަމަވެސް ގޯލު ޖެހުމުގެ އަމާޒުގައި 13 ވަރަކަށް ޝޮޓް ޖެހިފައިވުމުން އެއީ ޕޮޒިޓިވެއްގެ ގޮތުގައި ނަގާ ކަމަށް އޭނާ ބުންޏެވެ.
"ސަސްއާ ދެކޮޅަށް ނުކުންނައިރު ވަރަށް ކޮންފިޑެންޓްކޮށް އެ މީހުން އެ ތިބީ. މި ސީޒަނުގެ ޑާކްހޯސް ކަންނޭނގެ އެއީ. ރަނގަޅަށް ކުޅެމުން އީގަލްސް ވެސް ސަޕްރައިޒްކޮށްފައި އެ ހުރީ. ހަމަ ވަރަށް ކެއާފުލީ ނުކުންނަން މި ޖެހެނީ. މި ސީޒަނަށް ބަލާއިރު އެއްވެސް ޓީމެއް އަންޑައެސްޓިމޭޓެއް ނުކުރެވޭނެ ވަރަށް ސަޕްރައިޒިން ރިޒަލްޓްސް މި އަންނަނީ،" ނިސްތާރު ބުންޏެވެ.
ވަރަށް ދިގު ބްރޭކަކަށް ފަހު މި ފަހަރުގެ ސީޒަން ފަށައިގެން ކުރިއަށްދާއިރު އަނިޔާގެ މައްސަލަތައް ދިމާވާނެކަން އެނގޭ ކަމަށާއި ހުރިހާ ޓީމެއް ވެސް އެކަމާ ކުރިމަތިލާން ޖެހޭނެކަން ނިސްތާރު ފާހަގަކުރި އެވެ.
އަނިޔާގެ ސަބަބުން ސަސްގެ މޫސާ ހަސަން އަށް މިއަދުގެ މެޗުގައި ނުކުޅެވޭއިރު، ގްރީން ސްޓްރީޓްސް އިން ނުކުންނާނީ މުހައްމަދު ޖައިލަމް (އޮގީ) ނުލަ އެވެ.
ސަސް އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.