ބްރޭމަންގެ ވަގުތީ ޯޗް ކަމަށް ހަމަޖެއްސި ތޯމަސް ޝާފް
17 މެއި 2021 - 12:48
ބާލިން (17 މެއި) - ވާޑާ ބްރޭމަންގެ ކޯޗް ކަމުގައި ހުރި ފްލޯރިއާން ކޯފެލް އިއްޔެ އެ ޓީމުގެ ކޯޗުކަމުން ވަކި ކޮށް، ކްލަބުގެ ލެޖެންޑް ތޯމަސް ޝާފް ވަގުތީ ކޯޗަކަށް ހަމަޖައްސައިފި އެވެ.
ރެލިގޭޓް ވުމުގެ ބިރު ކުރިމަތިވެފައިވާ، ބްރޭމަންގެ ކޯޗްކަމާ ހަވާލުވާން ޝާފް އާ އެކު އެއްބަސްވީ 90 މިނެޓްގައި އެކަނި އެ ޓީމަށް ކޯޗް ކޮށްދިނުމަށެވެ. ލީގުގެ ފަހު މެޗުގައި، އަންނަ ހޯމަ ދުވަހު ބްރޫޝިއާ މޮންޗެންގްލެޖްބާކް އާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމަށް އިރުޝާދު ދޭނީ ޝާފް، 60 އެވެ.
ބްރޭމަންގައި ހަތަރު އަހަރު ހޭދަ ކުރި ފަހުން، އިއްޔެ ކޯފެލް، 38 އެ މަގާމުން ވަކި ކުރީ އައުގްސްބާގް އަތުން ބަލިވުމުން ރެލިގޭޝަންގެ ބިރު އެ ޓީމަށް ކުރިމަތި ވުމުންނެވެ. ބްރޭމަން އޮތީ 18 ޓީމު ވާދަކުރާ ބުންޑެސް ލީގާގެ 16 ވަނައިގައި ޑައިރެކްޓް ރެލިގޭޝަން އާ އެއް ޕޮއިންޓް ދުރުގަ އެވެ.
"އައުގުސްބާގް އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވި ފަހުން އަހަރެމެންނަކަށް ގަބޫލެއް ނުކުރެވުނު ފްލޯރިއާން ކޯފެލް އާއެކު އަހަރެމެންނަށް ލީގުގައި ދެމި އޮވެވޭނެ ކަމަކަށް،" ބްރޭމަންގެ ސްޕޯޓްސް ޑައިރެކްޓާ ފްރޭންކް ބޯމަން ބުންޏެވެ.
"އަހަރެމެން އުފާ ކުރަން ކްލަބަށް މިހާ ނާޒުކު ވަގުތެއްގައި ވެސް ތޯމަސް [ޝާފް] ކުލަބާ ހަވާލުވާތީ. އަހަރެމެން އުންމީދު ކުރަން އޭނާގެ ތަޖުރިބާ އާއެކު އެންމެ ފަހު މެޗަށް ކުޅުންތެރިން ތައްޔާރުކޮށް ކްލަބަށް ސަލާމަތް ވެވޭނެ ކަމަށް."
ޝާފް ވަނީ، 1999-2013 އަށް ބްރޭމަން އަށް ކޯޗް ކޮށްދީފަ އެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން 2003 ގައި ބުންޑެސް ލީގާ އާއި ޖަރުމަން ކަޕް ބްރޭމަންއަށް ހޯދައިދިނެވެ. ކުޅުނު ދުވަސް ވަރު ޑިފެންޑަރުގެ މަގާމަށް ކުޅުނު ޝާފް ކުޅުންތެރިޔެއްގެ ގޮތުގައި މުޅި ކެރިއާ ހޯދީ ބްރޭމަންގަ އެވެ. އޭނާ ވަނީ އެ ޓީމަށް 380 މެޗު ކުޅެ ލީގު ޗެމްޕިއަންކަން ދެ ފަހަރު ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy