ފުޓްބޯޅަ ކުޅެން ބޫޓެއް ގަންނަން ފިހާރައަކަށް ވަން އިރު، ފިހާރައިގައި ހުރި ޓީވީން ދައްކަމުން ދިޔައީ ބާސްކެޓްބޯޅަ މެޗެކެވެ. އެ ކުޅިވަރު ކުޅޭ ގޮތާއި ކުޅުންތެރިންގެ މޫވްމެންޓަށް ގެންނަ ބަދަލާއި ހޫކްސްގެ ތެރެއަށް ބޯޅަ ހޫރާލާ ގޮތް ކުއްލިއަކަށް މާ ޝައުގުވެރިވީ އެވެ. އޭގެ ފަހުން ބާސްކެޓް ބޯޅަ އަކީ، ކާމިޔާބު ކެރިއަރަކަށް ފަހު ބާސްކެޓް ކްލަބްތައް ހިންގައި ކޯޗުކޮށްދިނުމުގައި މިވަގުތު އެންމެ އިތުބާރު ބޮޑު، އަހްމަދު ނަޒީފަށް މާ ކަމުދާ ކުޅިވަރަކަށްވީ އެވެ.

މަޖީދިއްޔާގެ ސްކޫލްގެ ބާސްކެޓްބޯޅަ ޓީމުގައި އަމިއްލައަށް އެދިގެން ނަން ޖެހީ ވެސް އެ ހިސާބުންނެވެ. ނަމަވެސް ފުރަތަމަ އެކުލަވާލި ޓީމުން އޭނާއަށް ފުރުސަތެއް ނުލިބުނެވެ. ސްކޮޑަށް 12 ވަނަ އަށް ނެގި ކުޅުންތެރިޔާއަކީ ނަޒީފަށް ވުރެ ޓެކްނިކަލީ ދަށް ކުޅުންތެރިޔެކެވެ. އެކަމަކު އަލަށް ޝައުގުވެރިކަން އުފެދުނު ކުޅިވަރުގައި ފުރަތަމަ ފުރުސަތު ގެއްލުމުން އޭނާ އުންމީދު ކަނޑައެއްނުލި އެވެ.

"އެފަހަރު ސްކޮޑަށް ނޭރީމަ އެއް ރޭ ހިތަށް އެރީ ސްކޮޑަށް އަރާ ވަރު ކުރާނަމޭ،" ނަޒީފް ކިޔައި ދިނެވެ.

މަޖީދިއްޔާގެ ކޯޗަކަށް، މަޝްހޫރު ކޯޗް މުހައްމަދު ޝިޔާމް (ޝިޔާންޓޭ ކޯޗް) ހަވާލުވުން ވީ، ހަމައެކަނި މަޖީދިއްޔާ ޓީމަށް އައި ކުރިއެރުމަކަށް ނޫނެވެ. ނަޒީފްގެ ކެރިއަރުގައި ވެސް ބާސްކެޓްބޯޅައިގެ ބިންގާ އެޅުނު ސަބަބަކަށް ޝިޔާންޓޭ ކޯޗް ވި އެވެ. ކޯޗު ދެއްކި މަގުން ކުރިއަށް ގޮސް މިއަދު ބާސްކެޓްގެ "ރަތް ފިޔަގަނޑަށް" ނަޒީ ވުމުގައި ޝިޔާންޓޭ ކޯޗަށް ބޮޑު ކްރެޑިޓެއް އޭނާ ދެ އެވެ.

ނަޒީ، ހޫކްސްގެ ތެރެއަށް ބޯޅަ ވައްޓާލަން މަސައްކަތް ކުރަނީ --- ފައިލް ފޮޓޯ
ނަޒީ، ހޫކްސްގެ ތެރެއަށް ބޯޅަ ވައްޓާލަން މަސައްކަތް ކުރަނީ --- ފައިލް ފޮޓޯ

އޭނާ އިސްވެ ހިންގައި ކޯޗުކޮށްދޭ ކްލަބު "ރެޑް ވިންގްސް" ގައި ވެސް އޭނާ ދަމަހައްޓަން މަސައްކަތްކުރާ ސިފަ އާއި ޕްލޭންގައި ވެސް އެންމެ ބޮޑު ސަޕޯޓަރަކީ ޝިއާންޓޭ ކޯޗެވެ.

"އަޅުގަނޑުގެ އޭރުގެ ކުޅުންވެސް ޕޮލިޝްކޮށް މީހަކަށް ހަދައި ދިނީ ޝިއާންޓޭ ކޯޗު،" ނަޒީފް ބުންޏެވެ. "ކުޅުން ހުއްޓާލި ފަހުން ވެސް ކޯޗިންގައި ކުރިއަށް ދާން ނިންމީ ވެސް ކޯޗު ދިން ހިތްވަރުން."

އެ ހިތްވަރުން ކުރިއަށް ގޮސް، ކޯޗިންގައި އޭނާ ވާސިލުވި ހިސާބަކީ، ދިވެހި އެހެން ކޯޗަކަށް ވާސިލު ނުވެވި އޮތް ހިސާބެކެވެ. ނޭޕާލްގައި 2016 ގައި ބޭއްވީ ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތް، ސާބާ ޗެމްޕިއަންޝިޕަކީ ނަޒީފްގެ ކޯޗިން ކެރިއަރުގައި އިންޓަނޭޝަނަލް ކާމިޔާބީއާ ހަމަށް ގެންގޮސްދިން މުބާރާތެވެ. ގައުމީ އަންހެން ޓީމު ގޮވައިގެން ސާބާ ޗެމްޕިއަންޝިޕްގެ ބްރޯންޒް މެޑަލް ރާއްޖެއަށް ހޯދައިދިނެވެ. ސަރަހައްދީ ބާސްކެޓް ބޯޅަ މުބާރާތެއްގައި ރާއްޖޭގެ އަންހެން ޓީމު ގޮވައިގެން ބްރޯންޒް މެޑަލްއަށް ވުރެ ދުރަށް އެހެން އެއްވެސް ކޯޗަކަށް އަދިވެސް ނުދެވެ އެވެ.

މިހާރު އޭނާގެ ހުރިހާ ވަގުތަކާއި ހަކަތައެއް ހުސްކޮށްފައި ވަނީ ރެޑްވިންގްސް އަށެވެ. ގިނަ ޒުވާން ކުޅުންތެރިންތަކަކާ އެކު އޭނާ ފެށި ޕްރޮޖެކްޓް، ބޭނުންވާ މިސްރާބަށް ގެންދިއުމުގައި ކެތްތެރިކަން އޭނާގެ ކިބައިގައި އެބަހުއްޓެވެ.

ނަޒީ (ކ) ބާސްކެޓް ކުޅުނު ދުވަސްވަރު މެޗެއްގައި
ނަޒީ (ކ) ބާސްކެޓް ކުޅުނު ދުވަސްވަރު މެޗެއްގައި

"އަޅުގަނޑަށް ފެންނަ ގޮތުގައ ދެ އަހަރު ތެރޭ ރާއްޖޭގެ ފިރިހެން ބާސްކެޓްގައި ޑޮމިނޭޓް ކުރާނެ ކްލަބަކަށް ރެޑްވިންގްސް ވާނެ،" ނަޒީފް ބުންޏެވެ. "އަދި މި ޓީމުގައި މިހާރު ތިބި ކުޅުންތެރިންގެ ޕްރައިމްއަށް އެހާ ހިސާބަށް ދާއިރު ވާސިލު ވާނެ."

ކްލަބު ބިނާކޮށް ޑޮމިނޭޝަން ދެމެހެއްޓުމަށް ނަޒީގެ ތަޖުރިބާ އަލެއް ނުވާނެ އެވެ. އަންހެން ބާސްކެޓް ހާއްސަކޮށް އޭނާ ފޯމްކުރި ކްލަބު، ސައިކްލޯން ބީސީ، މިދިޔަ ދެތިން އަހަރު ބާސްކެޓްގައި ގަދަ ކޮށްލީ "ނަގޫ ރޯޅި" ހާ ބާރު މިނުގަ އެވެ. އެއްވެސް މެޗަކުން ބަލި ނުވެ 2018 ވަނަ އަހަރު ބާސްކެޓް އަންހެން ހުރިހާ މުބާރާތެއް ސައިކްލޯން ކާމިޔާބު ކުރި އެވެ. އަދި އެ އަހަރު ގައުމީ މުބާރާތް ވެސް އެ ޓީމުން މިލުކު ކުރި އެވެ.

ސައިކްލޯން އޮތީ މިވަގުތު މަޑު ޖެހިފަ އެވެ. ނަމަވެސް ރެޑްވިންގްސް ފިޔަގަނޑު ފަޅައި ނަޒީ އުދެހެން ފެށީ މި ކުޅިވަރުގެ އެންމެ އުހަށް ދަތުރުކުރާށެވެ. މި މަހު ލޯންޗް ކުރި ރެޑްވިންގްސް ބީސީގެ ވެބްސައިޓަކީ، ބާސްކެޓްބޯޅައަށް ހާއްސަކޮށް މިވަގުތު ރާއްޖޭގައި ހިންގާ ހަމައެކަނި ވެބްސައިޓެވެ. ބާސްކެޓްބޯޅައަށް އޭނާ ގެންނަން ބޭނުންވާ ބަދަލުގެ ފެށުމުގެ ގޮތުގައި ސިފަކުރާ ވެބްސައިޓް ލޯންޗްކުރުމުގެ ހަފްލާގައި ބާސްކެޓްބޯޅައިގެ އެންމެންހެން ތަމްސީލުކުރި އެވެ. އެއީ މި ކުޅިވަރުގައި އޭނާއަށް އޮތް އިހްތިރާމް ފެނުނު ކަމެކެވެ.