މި އަހަރު ބާއްވާ ޔޫރޯ ފުޓުބޯޅަ މުބާރާތް ހާއްސަވާ އެންމެ ބޮޑު ސަބަބަކީ، ޔޫރޯ ފުޓުބޯޅަ މުބާރާތް ބާއްވަން ފެށިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ދިމާވާތީ އެވެ. މި ތާރީހީ މުބާރާތުގެ ހިޔާލު އުފަން ކުރި ސިކުނޑީގެ ވެރިޔަކީ، ޔޫއެފާގެ އެންމެ ފުރަތަމަ ސެކްރެޓަރީ ޖެނަރަލް ފްރާންސްގެ އޮންރީ ޑެލޫނޭ އެވެ.
ފުޓްބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި އެންމެ ފުރަތަމަ ފާހަގަވި ޑެލޫނޭ ފަހުންވީ ރެފްރީ އަކަށެވެ. އޭނާ ރެފްރީކަން ކުރުން ހުއްޓާލީ އާދަޔާ ހިލާފް ހާދިސާއަކާ ގުޅިގެންނެވެ. މެޗެއްގައި ރެފްރީކަން ކުރަނިކޮށް، އޭނާގެ މޫނު މަތީގައި ބޯޅައިން ޖެހި ތުނބުގައި އިން ކަށިގަނޑު އަނގައިގެ ތެރެއަށް ދިރުވައި ލެވުނެވެ. އެވެ. އެކަމާ ގުޅިގެން އޭނާގެ ދެ ދަތަށް ވެސް އަނިޔާވި އެވެ. އެ ހާދިސާ އަށް ފަހު ރެފްރީކަން ކުރުން ހުއްޓާލި އެވެ.
ރެފްރީކަން ކުރުން ހުއްޓާލުމަށް ފަހު ޑެލޫނޭ ދެން މަސައްކަތް ފެށީ ފުޓްބޯޅަ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގަ އެވެ. ފުޓްބޯޅަ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި އޭނާ މަސައްކަތް ފެށީ، ކުރިން އޭނާ ކުޅުނު ޑިއުކްސް ލޭކްގެ ރައީސް ކަމުގެ މަގާމުންނެވެ. އޭގެ ފަހުން ފްރާންސްގެ އިންޓަ ފެޑްރަލް ފުޓްބޯލް ކޮމިޓީގެ ޖެނަރަލް ސެކެޓްރީގެ މަގާމުގައި މަސައްކަތް ކުރި އެވެ. ފަހުން ފްރާންސްގެ ފުޓްބޯލް ފެޑްރޭޝަންގެ މެންބަރަކަށް އިންޓަ ފެޑްރަލް ކޮމިޓީ ވުމުން ފްރާންސް ފުޓްބޯލް ފެޑްރޭޝަންގެ ޖެނަރަލް ސެކެޓްރީއަކަށް 1919 ގައި އޭނާ އައްޔަން ކުރި އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ހިޔާލު، ޑެލޫނޭ ގެންގުޅެން ފެށީ އެހާ ހިސާބުން ފެށިގެންނެވެ. ޔޫރަޕްގެ ގައުމުތަކަށް ހުޅުވާލައިގެން ފުޓްބޯޅަ މުބާރާތެއް ބޭއްވުމުގެ ހިޔާލު، ޑެލޫނޭ އެންމެ ފުރަތަމަ ފާޅު ކުރެއްވީ 1920 ގަ އެވެ. އޭރު ޔޫއެފާ ވެސް ވުޖޫދު ނުވެ އެވެ. އެ މުބާރާތް ބޭއްވޭ ވަރުވީ، އޭނާ އަވަހާރަވިތާ ފަސް އަހަރު ފަހުންނެވެ.
ޔޫއެފާ 1954 ގައި އުފެދި އެ ޔޫނިއަންގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގައި ހުންނަވަނިކޮށް އޭނާ އަވަހާރަވީ، 1955 ގަ އެވެ. އޭނާގެ ބަދަލުގައި ޔޫއެފާގެ ޖެނެރަލް ސެކެޓްރީގެ މަގާމަށް އޭނާގެ ދަރިކަލުން ޕިއޭ ޑެލޫނޭ އައްޔަން ކުރި އެވެ. ބައްޕަގެ ނަމަށް ޔޫއެފާގެ ޓްރޮފީ ނިސްބަތް ކުރުމަކީ ޕިއޭ ޑެލޫނޭގެ ނިންމެވުމެކެވެ.
ޔޫއެފާގެ ހިންގުން ޕެރިހުން ސްވިޒަލޭންޑްގެ ނަޔޯ އަށް 1959 ގައި ބަދަލު ކުރުމުން ޕިއޭ ޑެލޫނޭ ނިންމެވީ ޕެރިހުގައި މަޑު ކުރާށެވެ. އެހެންވެ އޭނާ މަގާމުން އިސްތިއުފާ ދިނެވެ. ޖެހިގެން އައި އަހަރު ފްރާންސްގައި ޔޫރޯގެ ފުރަތަމަ މުބާރާތް ބޭއްވި އެވެ. އުމުރުން 99 އަހަރުގައި ޕިއޭ ޑެލޫނޭ އަވަހަރާވީ 2019 ގަ އެވެ.