އުފަން ދުވަސް: ސެޕްޓެމްބަރު 5، 1985

އިސްކޮޅު: 5 ފޫޓް 8 އިންޗި

ގައުމު: ކްރޮއޭޝިއާ

މަގާމު: މިޑްފީލްޑާ

ކްލަބު: ރެއާލް މެޑްރިޑް

ކުރީގެ ޔޫގޮސްލޭވިއާގައި އުފެދުނު އަހްލީ ހަނގުރާމައިގެ ތެރޭގައި، މޮޑްރިޗް އާއި އޭނާގެ އާއިލާ ރެފިއުޖީއަކަށް ވި އެވެ. އެ ހަނގުރާމަިއގެ ތެރޭގައި އޭނާގެ ކާފަ މަރުވި އެވެ. ހަނގުރާމައިގެ ނުރައްކަލުން އެއްތަނަށް އަނެއް ތަނަށް ހިޖުރަ ކުރި އާއިލާތަކުގެ ތެރޭގައި މޮޑްރިޗްގެ އާއިލާވެސް ހިމެނެ އެވެ.

މިއަދު އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ. ކްރޮއޭޝިއާގެ ފުޓްބޯޅައިގައި އެ ޓީމުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ މޮޑްރިޗެވެ. ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލަށް ކްރޮއޭޝިއާ ދަތުރު ކުރި އެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި އެވެ. އަދި އެ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް މޮޑްރިޗް ހޯދުމުން އޭނާ ވެފައި ވަނީ ކްރޮއޭޝިއާގެ ފުޓްބޯޅައިގެ ތާރީހްގައި އުފެއްދި އެންމެ މޮޅު ކުޅުންތެރިޔާއަށެވެ.

ކްރޮއޭޝިއާގެ ޑީނަމޯ ޒެގްރާބް ދޫކޮށް، ޓޮޓެންހަމްއަށް އޭނާ ބަދަލުވުމުގެ ޓްރާންސްފާ ޕީރިއަޑްގައި ހިނގި އޮޅުވާލުންތަކުގައި އޭނާ ބައިވެރިވި ކަމަށް ތުހުމަތުކޮށް ދައުވާވެސް އުފުލި އެވެ. އެކަމާ ގުޅިގެން ފާޑުކިއުން އަމާޒުވިޔަސް އެންމެ ފަހުގެ ވޯލްޑް ކަޕްގައި އޭނާ ދެއްކި ކުޅުމާއެކު ގައުމީ ބަތޮލެއްގެ ދަރަޖަ އޭނާއަށް ލިބުނެވެ.

ރެއާލް މެޑްރިޑަށް 2012 ވަނަ އަހަރު ބަދަލުވެ، އޭނާގެ އަސްލު ކުޅުން ދައްކަން ފުރުތަމަކޮޅު އުނދަގޫވި އެވެ. އޭރު ބެލެވުނީ މޮޑްރިޗްގެ ޓްރާންސްފާއަކީ ފްލޮޕެއް ކަމަށެވެ. ނަމަވެސް ފަހުން އެ ކްލަބުގެ އެންމެ ކާމިޔާބު މީޑްފީލްޑަރަށް އޭނާ ވި އެވެ. މިދިޔަ ދެތިން އަހަރު ރެއާލްގެ މިޑްފީްލްޑްގައި އެންމެ މުހިންމު ކުޅުންތެރިޔަކީ އޭނާ އެވެ. އުމުރުން 35 އަހަރު ވިޔަސް މިދިޔަ ސީޒަންގައިވެސް އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ކޮންޓްރެކްޓް އާ ކުރުމަށް ރެއާލްއިން ނިންމި އެވެ.

އުނދަގޫ ސީޒަންގައިވެސް އޭނާ ނިންމާލީ ބޮޑު އިންޖަރީއެއް ނެތި އެވެ. ކްރޮއޭޝިއާގެ ކެޕްޓަނެއްގެ ގޮތުގައި އޭނާގެ ދައުރު މިފަހަރުވެސް ބޮޑު ވާނެ އެވެ.