ކުޅިވަރު / ޓީމް ޕްރޮފައިލް

ޓީމް ޕްރޮފައިލް: ޖަރުމަން

ޖަރުމަން ޓީމުގެ ބައެއް ކުޅުންތެރިން --- ފޮޓޯ: އޭއެފްޕީ

ޔޫރޯގައި އެންމެ ފުރަތަމަ ވާދަކުރީ 1972 ގައި

ޔޫރޯގައި ހޯދި އެންމެ ބޮޑު ކާމިޔާބު: ޔޫރޯގެ ޗެމްޕިއަންކަން 1972، 1980 އަދި 1996 ގައި ހޯދުން

ޔޫރޯގައި ވާދަ ކުރާ 13 ވަނަ ފަހަރު

މި ފަހަރުގެ ޔޫރޯ އަކީ، ބޮޑު މުބާރާތްތަކުގައި ޖަރުމަން ވާދަކުރާ ވިދިވިގެން 26 ވަނަ ފަހަރެވެ. ޔޫރޯގައި އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތީ ޖަރުމެނެވެ. ދުނިޔޭގެ ފުޓްބޯޅައިގައި ވެސް އެންމެ ނުފޫޒު ގަދަ ގައުމު، ޖަރުމަން މިފަހުން ހޯދި ނަތީޖާތައް ރަނގަޅެއް ނޫނެވެ. ބްރެޒިލްގައި 2014 ގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކޮށް، ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕާ ޗެމްޕިއަނެއްގެ ގޮތުގައި ކުރިމަތިލި ޓީމު، މުބާރާތުގެ ގުރޫޕް ސްޓޭޖުން ކަޓައިގެން ދިއުމަކީ، އެ ގައުމުގެ ފުޓްބޯޅަ އަނދަވަޅަކަށް ވެއްޓުމުގެ ސިގްނަލެވެ.

މިފަހަރު ޔޫރޯއަށް ފަހު ގައުމީ ޓީމުގެ ކޯޗްކަން ދޫކޮށްލާ ޔޯކިމް ލޯއާ އެކު، ޖަރުމަން ވެއްޓުނު ބޮޑު އަނދަވަޅުން ނެގުމަށް އޭނާއާ އެކު ކުރިއަށްދާން ޖަރުމަން އެފްއޭ އިން ނިންމުމުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

ފަހުން، ލޯއާ އެކު ޖަރުމަން ނަތީޖާތައް ރަނގަޅު ކުރި އެވެ. މިދިޔަ އަހަރު އެ ޓީމު ބަލިވީ އެންމެ މެޗަކުންނެވެ. ނަމަވެސް އެ މެޗުވީ 6-0 އިން ސްޕެއިން އަތުން ބަލިވި މެޗަށެވެ. އެއީ މިފަހުގެ ތާރީހްގައި އެންމެ ތަފާތު ބޮޑުކޮށް ޖަރުމަން ބަލިވި މެޗެވެ. މާޗް މަހު މެސެޑޯނިއާ އަތުން 2-1 ން ބަލިވުން ވީ ވެސް ޖަރުމަނަށް ކުރިމަތިވި އިތުރު ހިތްދަތި ކަމަކަށެވެ.

ކޮލިފައިވީ ގޮތް

ޖަރުމަން ކޮލިފައިވީ ގްރޫޕް ސީގެ އެއް ވަނަ ހޯދައިގެންނެވެ. އެ ގުރޫޕްގައި ދެން ހިމެނުނީ، ނެދަލެންޑްސް، ނޮދަން އަޔަލެންޑް، ބެލަރޫސް އަދި އެސްޓޯނިއާ އެވެ. ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗުން އެ ޓީމު މޮޅުވި އެވެ. ހޮލެންޑް އަތުން ބިލިވި އެވެ. ގުރޫޕްގެ އެއް ވަނަ ހޯދީ 21 ޕޮއިންޓާ އެކު އެވެ. ދެ ވަނަ ހޯދި ހޮލެންޑަށް 19 ޕޮއިންޓެވެ.

މުހިންމު ކުޅުންތެރިން

ޖަރުމަނަކީ ތަރިންގެ ޓީމެކެވެ. ޔޫރަޕްގެ އެންމެ ބޮޑެތި ކްލަބުތަކުގައި ޖަރުމަން ކުޅުންތެރިންގެ ނުފޫޒު ގަދަ އެވެ. މިފަހަރު ޔޫރޯގައި ޖަރުމަންގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ބަޔާން މިޔުނިކްގެ ފޯވަޑް ލިރޯއީ ސާނޭ އެވެ. ކޯޗް ލޯ، މިހާރު ކުޅުވާ އާ ސިސްޓަމްގައި ޓީމުގެ ވިންގުން އޭނާގެ ދައުރު ފެންނަނީ ބޮޑުކޮށެވެ. ހާއްސަކޮށް ބަޔާން މިޔުނިކްގައި އޭނާއާ އެކު ކުޅެމުން ގެންދާ ސާޖް ގެނެބްރީއާ ދެ ކުޅުންތެރިންގެ ކޮމްބިނޭޝަން އެކުވުމުން އިދިކޮޅު ޓީމުގެ ޑިފެންސް ހުޅުވަން ފަސޭހަ ވެގެންދެ އެވެ. އަދި އެ ދެކުޅުންތެރިންނާ އެކު ޗެލްސީގެ ޓިމޯ ވާނާ ވެސް އެޓޭކިންގައި މުހިންމު ދައުރެއް އަދާ ކުރެ އެވެ. މެދުކެނޑުމަކަށް ފަހު ޖަރުމަންގެ ސްކޮޑަށް ނެގި ތޯމަސް މުލާގެ ދައުރު ވެސް މިފަހަރު ޔޫރޯގައި ބޮޑުވާނެ އެވެ.

ޖަރުމަންގެ ވިންގާ ސާނޭ 0ކ) --- ފޮޓޯ: އޭއެފްޕީ

ޖަރުމަންގެ ކޮންމެ މަގާމަކީ ވޯލްޑް ކްލާސް ކުޅުންތެރިން ތިބި ޑިޕާޓްމެންޓްތަކެވެ. މިޑްފީލްޑްގައި، ރެއާލް މެޑްރިޑްގެ މިޑްފީލްޑާ ޓޯނީ ކްރޫޒް، ޗެލްސީގެ މިޑްފީލްޑާ ކައި ހަވާޓްޒް އަދި މެންޗެސްޓާ ސިޓީގެ މިޑްފީލްޑާ ގުންޑޯގަން އެވެ. ޑިފެންސްގައި، ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ގައުމީ ޓީމަށް ނެގި މެޓް ހުމެލްސް އާއި ޗެލްސީގެ އެންޓޯނިއޯ ރޫޑިގާ އެވެ. ޑިފެންސިވް މިޑްފީލްޑަށް އާންމުކޮށް ކުޅޭ، ޔޯސުއާ ކިމިކް އަކީ ކަނާތު ބެކަށް ވެސް މޮޅަށް ކުޅޭ ކުޅުންތެރިޔެކެވެ. ގޯލް ކީޕަރުންގެ ގޮތުގައި ދުނިޔޭގެ ފެންވަރުގެ ދެ ކީޕަރުން ކަމަށްވާ، ކެޕްޓަން މެނައުލް ނޯޔާ އަދި ބާސެލޯނާގެ މާކް އެންޑްރޭ ޓާ ސްޓެގަން އެވެ.

ކޯޗު

މިފަހަރު ޔޫރޯގައި ފެންނާނެ ކޯޗުންގެ ތެރެއިން، އެއް ޓީމެއްގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރި އެއް ކޯޗަކަށް، ޖަރުމަންގެ ކޯޗު، ލޯ ވެގެންދާނެ އެވެ. ގައުމީ ޓީމުގައި މެދުކެނޑުމެއް ނެތި އޭނާ މަސައްކަތް ކުރަމުންދާތާ 17 އަހަރު ވީ އެވެ. އެންމެ ފުރަތަމަ ގައުމީ ޓީމުގެ އެސިސްޓެންޓްޓެއްގެ ގޮތުގަ އެވެ. އޭނާގެ ކުރިން ކޯޗަކަށް ހުރި ޔާގަން ކްލިންސްމަން ގައުމީ ޓީމުގެ ކޯޗުކަމާ 2004 ގެ ހަވާލުވެ އޭނާގެ އެސިސްޓެންޓަކަށް ލޯ ހަމަޖެއްސި އެވެ.

ޖަރުމަންގެ ކޯޗް ލޯ

އަމިއްލަ ގައުމުގައި 2006 ގައި ބޭއްވި ވޯލްޑް ކަޕްގެ ނާކާމިޔާބަށް ފަހު، ކްލިންސްމަން ނިންމީ އޭނާގެ ކޮންޓްރެކްޓް އާ ނުކުރުމަށެވެ. ޖަރުމަންގެ އެފްއޭ އިން ނިންމީ ހެޑް ކޯޗް ކަމަށް ލޯ ޕްރޮމޯޓް ކުރުމަށެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ދުނިޔޭގެ ޗެމްޕިއަންކަށް އަލުން ޖަރުމަން ހަދައިދިނެވެ. ޔޫރޯގައި އޭނާގެ ކޯޗުކަމުގެ ދަށުން ވާދަކުރި، ތިން ފަހަރު ވެސް އެންމެ ދަށް ވެގެން ސެމީ ފައިނަލާ ހަމައަށް ގެންގޮސް ދިނެވެ. އެހެން ނަމަވެސް އެންމެ ފަހުގެ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން ޖަރުމަން ކަޓައިގެން ދިއުމުން އޭނާ ހޫނު ފެނަށް ވެއްޓުނެވެ.

ލޯގެ ކޮންޓްރެކްޓް އަންނަ ވޯލްޑް ކަޕަށް ފަހު ހަމަވާން އޮތަސް، ލޯ ނިންމީ މި އަރުގެ ޔޫރޯ އަށް ފަހު ޓީމުން ވަކިވާށެވެ. ބަޔާން މިޔުނިކަށް ޗެމްޕިއަންސް ލީގުގެ އިތުރުން ބުންޑެސް ލީގާގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދައިދިން ހެންސީ ފްލިކް ޔޫރޯ އަށް ފަހު ޖަރުމަން ޓީމާ ހަވާލު ވާނެ އެވެ. ފްލިކް ވަނީ ޖަރުމަން ޓީމުގައި ލޯގެ އެސިސްޓެންޓެއްގެ ގޮތުގައި ކުރިން މަސައްކަތްކޮށްފަ އެވެ. އޭނާ އެސިސްޓެންޓް ކޯޗް ކަމުން ވަކިވީ، 2014 ގެ ވޯލްޑް ކަޕް ކާމިޔާބަށް ފަހު އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނާގަބާޑި

11 June 2021

ރަދީފް މަށަށް ރަނގަޅީ މި ޓީމަށް ސަޕޯޓް ނުކުރީޔާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454