ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ކުޅުނު ފަހު މެޗުގައި، ފިލިޕީންސްއާ އެއްވަރު ކުރުމަށް ފަހު ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ބުނީ، ރަނގަޅަށް ތައްޔާރު ވެވުނުނަމަ ފިލިޕީންސް ބަލި ކުރެވޭނެ ކަމަށެވެ.

ނޮވެމްބަރު 2018 ގައި މެލޭޝިއާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، އޭރުގެ ގައުމީ ކޯޗު ޕީޓާ ޝެގަޓް ބުނެފައި ވަނީ ތައްޔާރުވާން އިތުރު އެއް ދުވަސް ލިބުނު ނަމަވެސް މެޗުން ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށެވެ. އޭގެ ކުރިން މަސައްކަތް ކުރި ކޯޗުން ކަމަށްވާ، ޑަރެންސް ސްޓްވާޓް އާއި ރިކީ ހާބަޓް އަދި ވެލިޒާ ޕޮޕޯފް އާއި އެންޑްރޭސް ކުރުސިއާނީ އާއި އިސްތަވާން އުރުބާނީ އަށް ވެސް ރާއްޖޭގެ ކޯޗުކަމުގައި ހުރެ އެންމެ ފަސޭހަ ޖަވަބަށް ވަނީ ބަހަނާގެ ލަފުޒުތަކެކެވެ.

ކޮލިފިކޭޝަން ފެށި ފަހުން ވެސް ކޯޗު ކޫޕްމަން ދެއްކި އެއް ވާހަކައަކީ ޕްރެކްޓިސް ކުރާނެ ދަނޑެއް ނުލިބި ހޮޓަލުގެ ބޯލް ރޫމެއްގައި ޕްރެކްޓިސް ކުރަން ނުވަ ދުވަސް ހޭދަ ކުރަން ޖެހުނު ވާހަކަ އެވެ.

ކްލަބު އީގަލްސްގެ ކޯޗު ޝާޒްލީ މުހައްމަދު (ޝާޒް) ބުނީ، ބަހަނާ ދެއްކުން ހުއްޓާލާފައި އަސްލު މައްސަލަ އަށް އެޑްރެސް ކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނިގޮތުގައި މައްސަލަ އަށް އެޑްރެސް ނުކޮށް މުބާރާތަށް ތައްޔާރުވާން ގައުމީ ޓީމަށް އެއް އަހަރު ދިނަސް ގައުމީ ޓީމު ވަރުގަދަ ނުވާނެ އެވެ.

ޝާޒް: އަސްލު މައްސަލަ އަށް އެޑްރެސް ކުރަން ބުނި.
ޝާޒް: އަސްލު މައްސަލަ އަށް އެޑްރެސް ކުރަން ބުނި.

އޭނާ ބުނީ ހުރިހާ ޓީމެއް ވެސް އުޅެނީ ޕެންޑެމިކެއްގެ ތެރޭގައި ކަމަށާއި އެ ގޮތަށް އުޅޭ އިރު އެކަމުގެ އަސަރު ކުޑަ ކުރެވޭނެ ގޮތަކަށް ރާއްޖެއިން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ، އޭއެފްސީ ކަޕްގައި ބެންގަލޫރާ ދެކޮޅަށް ކުޅެން ތައްޔާރުވާ އިރު އީގަލްސް އަށް ވެސް އުނދަގޫ ތަކެއް އެބަހުރި ކަމަށެވެ. ހަމަ އެ އުނދަގޫ ބެންގަލޫރަށް ވެސް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

"ހުރިހާ އެކްސްކިއުޒެއް ދައްކާފައި މިސާލަކަށް މޮޅުވި ނަމަ، އެއީ ދެން އީގަލްސް ޓީމު މޮޅުވެގެން ނޫނީ އަޅުގަނޑު މޮޅު ވެގެން ވީ ކަމެއް ނޫންތާ. އެ ހުރިހާ އެކްސްކިއުޒަކާ އެކު މޮޅުވެގެން ނުކުމެއްޖެއްޔާ ދެން އަޅުގަނޑުގެ މޮޅު ކަމެއް އޭގައި ނެތީ،" ޝާޒް ބުންޏެވެ.

"ބެންގަލޫރަކަށް ވެސް ނުހުންނާނެ މާ ބޮޑު ޗާންސްތަކެއް ހަމަ އެ މީހުންވެސް ޕެންޑެމިކެއްގެ ތެރޭގައި މި އުޅެނީ. ނެޝަނަލް ޓީމު ކުޅުނަސް އަނެއް ކޮޅުން ނުކުންނަ ޓީމަށް ވެސް ޕެންޑެމިކްގެ އަސަރު ކުރާނެ."

ޕެންޑެމިކް ނެތި ރަނގަޅަށް ޕްރެކްޓިސް ކުރަން ފުރުސަތު ލިބުނަސް އަދި ޕެންޑެމިކް ތެރޭގައި ޕްރެކްޓިސް ކުރަން ލިބުނަސް ހޯދާނީ އަނެއް ޓީމު ބަލި ކުރެވޭނެ ގޮތެކެވެ. ހަމަ އެގޮތަށް ޕެންޑެމިކެއްގައި ތެރޭގައި އުޅުނަސް އަދި ޕެންޑެމިކެއްގެ ތެރޭގައި ނެތަސް އަނެއް ޓީމުވެސް ބަލާނީ ރާއްޖެ ބަލި ކުރެވޭނެ ގޮތެކެވެ.

"ހުރިހާ ޓީމެއް ވެސް އުޅެނީ އެއް ޕެންޑެމިކްގެ ތެރޭގައި. އެހެންވީމަ ދެ ޓީމު ވެސް މި އުޅެނީ އެއް ބެޓަލްއެއްގެ ތެރޭގައި،" ޝާޒް ބުންޏެވެ.

ދުބާއީގައި ކުރިއަށް ގެންދިޔަ ގައުމީ ޓީމުގެ ޓްރޭނިންގެ ތެރެއިން ---- ފައިލް ފޮޓޯ: އެފްއެއެމް
ދުބާއީގައި ކުރިއަށް ގެންދިޔަ ގައުމީ ޓީމުގެ ޓްރޭނިންގެ ތެރެއިން ---- ފައިލް ފޮޓޯ: އެފްއެއެމް

މުބާރާތްތަކާއި ލީގު މެދުކަނޑާލަފައި ގައުމީ ޓީމު ޓްރޭން ކުރަން ހުސް ކުރިޔަސް ގައުމީ ޓީމު ވަރުގަދަ ވާނެ ފޯމިއުލާއެއް އެއަކުން ނުހޯދޭނެ ކަމަށް ޝާޒް ބުންޏެވެ. އޭނާ ބުނިގޮތުގައި ދުނިޔޭގެ އެއްވެސް ހިސާބެއްގައި ގައުމީ ޓީމަށް ތައްޔާރުވާން ލީގު މެދުކަނޑާލާފައި އެހާ ގިނަ މުއްދަތެއް ނުނަގަ އެވެ. އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ގައުމީ ޓީމުތައް ވަރުގަދަ ވަނީ އެ ގައުމުތަކުގެ ޑޮމެސްޓިކް ލީގު ވަރުގަދަ ވެގެން ނޫނީ އެ ތަންތާގެ ކުޅުންތެރިން ބޭރުގެ ލީގުތަކުގައި ކުޅެގެންކަން ޝާޒް ފާހަގަކުރި އެވެ.

"ޕެންޑެމިކް ނެތި އަދި ޓްރޭން ކުރަން ވަގުތު ލިބިގެން ޓްރޭން ކުރިޔަސް ބައިވަރު އުނދަގޫތައް ހުންނާނެ. މިސާލަކަށް ބުނަންޏާ އިންޖަރީ ވެސް ގިނަ ވެދާނެ. ޕެންޑެމިކެއްގެ ތެރޭގައި ވީމަ އިންޖަރީ މަދު ވެސް ވެދާނެ. މިފަހަރު ސީޒަންގައި ލީގުގެ ތިން ވަނަ ބުރު ކުޅެ އެފްއޭ ކަޕް ކުޅެ ޕްރެޒިޑެންޓް ކަޕް ކުޅުނު ނަމަ އިންޖަރީސް ގިނަ ވެދާނެ ޕެންޑެމިކް ތެރޭގައި ވެސް އެޑްވާންޓޭޖު އަދި ޑިސްއެޑްވާންޓޭޖް ވެސް ހުންނާނެ."

ގައުމީ ޓީމު ވަރުގަދަ ވަނީ ގިނަ ދުވަހު ޓްރޭން ކޮށްގެން ނޫން ކަމަށް ޝާޒް ބުންނެވެ. ޓީމު ވަރުގަދަ ވަނީ ލީގު ވަރުގަދަވެފައި، ކްލަބުތައް ވަރުގަދަވެފައި ކްލަބުތަކުގެ ކުޅުންތެރިން ކޮލިޓީ ރަނގަޅު ވެގެންކަން ޝާޒް ބުންޏެވެ.

"ދެން އެއަށް ވުރެ އިތުރަށް ގައުމީ ޓީމު ވަރުގަދަ ވާނީ ރާއްޖޭގެ ކުޅުންތެރިން ބޭރުގެ ލީގުތަކުގައި ކުޅެގެން،" ޝާޒް ބުންޏެވެ.

ގައުމީ ޓީމުގެ ޓްރޭނިންގެ ތެރެއިން ފައިލް ފޮޓޯ: އެފްއޭއެމް
ގައުމީ ޓީމުގެ ޓްރޭނިންގެ ތެރެއިން ފައިލް ފޮޓޯ: އެފްއޭއެމް

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއިގައި ކުޅުނު ކޮލިފިކޭޝަންގައި ސީރިއާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި، ޓީމުގެ ވާތު ބެކަށް ކުޅުވީ ސެންޓްރަލް މިޑްފީލްޑަރަކަށް ކުޅޭ އައިސަމް އިބްރާހިމް (ޓޯނީ) އެވެ. ޝާޒް ބުނީ ލެފްޓް ބެކަށް ކުޅޭ މޮޅު ކުޅުންތެރިން ރާއްޖޭގައި ތިބިއިރު އެ އޮޕްޝަންތަކުގެ ބޭނުން ހިފޭނެ ގޮތަށް ގައުމީ ޓީމު ޕޫލް އެކުލަވާލެވިދާނެ ކަމަށެވެ.

"ކުޅުންތެރިޔަކު އާންމުކޮށް ކުޅޭ ޕޮޒިޝަން ބަދަލު ކޮށްގެން މެޗެއް ކުޅެން ޖެހިދާނެ ކްލަބުގައި ނަމަ. އެއީ ކްލަބުގައި އޮޕްޝަންތައް މަދުވާނެ، އެކަމަކު ގައުމީ ޓީމަށް އެކި ކްލަބުތަކުން ކުޅުންތެރިން ގެންދާއިރު އޮޕްޝަންތައް ހުހެއް ނުވާނެ. ރާއްޖޭގައި ގައުމީ ޓީމު ނަގާއިރު މި ވަގުތު ބަލަން މިިއޮތީ ލީގުގައި މިއޮތް އަށް ޓީމަށް. ކޮންމެ ޓީމެއްގައި ތިބޭނެ އެ މަގާމަށް ކުޅޭ އަށް ކުޅުންތެރިން އެހެންވީމަ އެ މަގާމަށް ކުޅޭނެ އަށް ކުޅުންތެރިން ތިބޭނެ، ޝާޒް ބުންޏެވެ.

"މިސާލަކަށް މާޒިޔާގެ ލެފްޓް ބެކް ޔާމީން ވެސް ނެގޭނެތާ،" ޝާޒް ބުންޏެވެ.