ކުޅިވަރު / ބާސްކެޓް

ކާފަ އާއި ބައްޕަގެ ލެގެސީ ދަމަހައްޓަން ނުކުތީ އައިކް

ދިވެހި ކުޅިވަރުގެ ތާރީހުގައި ރިނބިދޫ އަހްމަދު ނާސިރުގެ އިތުރު ތާރަފެއް ބޭނުމެއް ނޫނެވެ. ދިވެހި ކުޅިވަރުގެ އެންމެ ހިދުމަތްތެރި ނަމަކަށް އޭނާ ވެގެންދާނެ އެވެ. ދިވެހި ފުޓްބޯޅަ އަށް އޭނާ ކޮށްދެއްވި ހިދުމަތް އަގުވަޒަން ކުރުމުގެ ގޮތުން އެފްއޭއެމް ވަނީ 2017 ވަނަ އަހަރު ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް އަރުވައިފަ އެވެ. ވިކްޓަރީ ސްޕޯޓްސް ކްލަބުން ދިވެހި ކުޅިވަރުގައި ރަސްކަން ކުރި ދުވަސްވަރު އެ ތާޖު އަޅުއްވައިގެން ހުންނެވީ ނާސިރެވެ. ކުޅިވަރުގައި ވިކްޓަރީ މަޑުޖެހިފައި އޮތަސް، ދިވެހި ކުޅިވަރުގައި ނާސިރު އުފެއްދެވި ނުފޫޒާއި ލެގެސީ ފަނޑެއް ނުވެ އެވެ.

ނާސިރުގެ ލެގެސީ ފަނޑުވިޔަ ނުދީ ދަމެހެއްޓަން ދެން ނުކުތީ ދަރިފުޅު ނީޝާމް ނާސިރެވެ. ދިވެހި ކުޅިވަރުގައި ޓީމު އިވެންޓަކުން އިންޓަނޭޝަނަލް މުބާރާތަކުން ރަން ވަނަ ހޯދި ފުރަތަމަ ޓީމުގައި ނީޝާމަކީ މުހިންމު ނަމަކެވެ. ގައުމީ ކްރިކެޓް ޓީމުން ހޯދި އިމާޖިން ނޭޝަން ކަޕަކީ، ޓީމު އިވެންޓަކުން ރާއްޖެއިން ހޯދި ފުރަތަމަ ޗެމްޕިއަނެވެ. އޭސީސީ ދެކުނު އިރުމަތީ އޭޝިއާގެ އިމާޖިން ނޭޝަންސް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ވަނީ 2005 އަދި 2006 ގައި ހޯދައިފަ އެވެ. އެހެން ކުޅިވަރަކުން ޓީމު އިވެންޓުގައި ތައްޓެއް ހޯދުމުގެ ކުރިން ކްރިކެޓުން އެކަން އޮތީ ހާސިލު ކޮށްފަ އެވެ. އެ ދެ ފަހަރު ވެސް ޓީމުގައި ނީޝާމްގެ ހިއްސާ އޮތެވެ. އޭގެ ފަހުން އޭނާ ވަނީ ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ. މިއަދު އޭނާ އަކީ ގައުމީ ޓީމުގެ ކޯޗެވެ.

ރިނބިދޫ ނާސިރާއި ދަރިފުޅު ނީޝާމްގެ ލެގެސީ ދަނީ ކުރިއަށެވެ. އެ އާއިލާގެ ލެގެސީ ފަނޑުވުމެއް ނެތެވެ. ކާފަ އާއި ބައްޕަގެ ލެގެސީ ކޮނޑަށް ނަގައިގެން ދިވެހ ކުޅިވަރަށް މި ފުންމާލީ އައިކް ނީޝާމް ނާސިރެވެ. ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތް، ސާބާ ޗެމްޕިއަންޝިޕަށް ތައްޔާރުވާ ދިވެހި ގައުމީ ޓީމަށް، އަލަށް ނެގި ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކީ އައިކް، 18، އެވެ.

ސްކޫލްގައި އުޅެނިކޮށް މީހަކު ބުނި އައިކް ހީނުވެޔޭ ފުޓްބޯޅަ ޓީމަށް ސެލެކްޓް ވާނެ ހެނެއް، ބާސްކެޓްބޯލް ޓްރައިކޮށްލިއްޔާ ކިހިނެއްހޭ ވާނީ

އައިކް އެންމެ ފުރަތަމަ ބޭނުންވީ ބާސްކެޓް ކުޅުންތެރިޔަކަށް ވާކަށެއް ނޫނެވެ. އޭނާ "ޓްރައި" ކޮށްލީ ވެސް ފުޓްބޯޅަ އަށެވެ. އެކަމަކު ސްކޫލްގެ ފުޓްބޯޅަ ޓީމަށް އޭނާ އަރާނެހެން ހީނުވެޔޭ މީހަކު ބުނި ހިސާބުން އައިކްގެ ހިޔާލު ބަދަލުވީ އެވެ. ދެން އެ މީހަކު އައިކް އަށް ދެއްކީ ސްކޫލްގެ ބާސްކެޓް ޓީމުގެ ޓްރެއަލް އެވެ.

ޒިލާ އާއި އައިކް

"ސްކޫލްގައި އުޅެނިކޮށް މީހަކު ބުނި އައިކް ހީނުވެޔޭ ފުޓްބޯޅަ ޓީމަށް ސެލެކްޓް ވާނެ ހެނެއް، ބާސްކެޓްބޯލް ޓްރައިކޮށްލިއްޔާ ކިހިނެއްހޭ ވާނީ،" އައިކް ކިޔައިދިނެވެ.

"އޭނާ ބުނި އައިކްގެ ބާސްކެޓްބޯލް ސިފަތަކެއް ހުރެޔޭ. އޭރު ވެސް ހުންނާނީ އިސްކޮޅުން ދިގުކޮށް. އެހެންވެ ކަންނޭނގެ އެހެން އެ ބުނީ."

އޭރު ބުނިބުނުމަށް ކުޅިވަރު ބަދަލުކޮށް ބާސްކެޓްގައި ކުރިއަށްދާން ނިންމި ނިންމުން ވީ ވެސް އައިކް އަށް ހުޅުވުނު ތަނަވަސް ދޮރަކަށެވެ. އިސްކޮޅުގައި ހަ ފޫޓް ތިން އިންޗި ހުންނަ އައިކް ބާސްކެޓްގެ ތެރެއަށް ވަދެ ހަމަޖެހިލިއަސް އޭނާ ގަބޫލު ކުރާ އެހެން ކަމެއް އެބައޮތެވެ. އެއީ ކޮންމެ ކުޅިވަރަކުން ކުރިއަށްދާން ހުރި ކުއްޖަކަށް ވިއަސް އެންމެ މުހިންމު ސިފައަކީ ޑިސިޕްލިން އާއި ކޮމިޓްމެންޓެވެ.

މަޖީދިއްޔާ ސްކޫލް ޓީމާއެކު، އިންޓަ ސްކޫލް މުބާރާތް ދެ ފަހަރެއްގެ މަތިން ކާމިޔާބު ކުރި އެވެ. ދެ ވަނަ ފަހަރަކީ އައިކްގެ ހުނަރު ސާބިތުކޮށްދިން އަހަރެކެވެ. މަޖީދިއްޔާ ޓީމާއެކު ދެ ވަނަ އަހަރު މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެތެރޭގައި އޭނާ ހިމެނުނެވެ. އެ ޓީމުގައި އައިކް ދެމެހެއްޓި ނުފޫޒު ބޮޑެވެ.

އޭރު ވެސް އޮތީ އުމުރުފުރާތަކުގެ ގައުމީ ޓީމުގެ ދޮރު ހުޅުވިފަ އެވެ. ބަންގްލަދޭޝްގައި 2018 ގައި ބޭއްވި، ސާބާ 18 އަހަރުން ދަށުގެ މުބާރާތުގައި ޒުވާން ގައުމީ ޓީމުގައި ހިމެނުނެވެ. އެ މުބާރާތުން ރާއްޖެ އަށް ކާމިޔާބެއް ނުލިބުނެވެ. އެކަމަކު މެޗަކަށް ފަހު މެޗެއް ދިވެހި ޓީމުން ކުރިއެރުން ހޯދި އެވެ. އޭގެ ކުރިން 2017 ގައި 16 އަހަރުން ދަށުގެ ގައުމީ ޓީމާއެކު ނޭޕާލްގައި އޮތް މުބާރާތުގައި ކުޅެނެވެ.

ބައްޕަ އަކީ ވަރަށް ބޮޑު އިންސްޕްރޭޝަނެއް

ކާފަ އާއި ބައްޕަ އަކީ ކްރިކެޓްގެ ދެ ހިދުމަތްތެރިންނެވެ. ގޭތެރޭގައި ކާފަ އާއި ބައްޕަ ހޯދި ތަށިތައް އެންމެ ގިނައިން ހުރީ ކްރިކެޓްގައި ހޯދި ކާމިޔާބުތަކުންނެވެ. ހާއްސަކޮށް ބައްޕަ، ނީޝާމް އަކީ ކްރިކެޓްގެ އިސް ނަމަކަށް ވާއިރު އައިކް ކްރިކެޓުން ކުރިއަށް ނުދާން ނިންމީ ކޮންޓެކްޓް ހައި ކުޅިވަރަކުން ކުރިއަށް ދާން ބޭނުންވާތީ އެވެ. ރާއްޖޭގައި ކުޅޭ ކުޅިވަރުތަކުގެ ތެރެއިން ބާސްކެޓް އެއީ އެންމެ ކޮންޓެކްޓް ހައި އެއް ކުޅިވަރެވެ.

ބައްޕަ އަކީ ވަރަށް ބޮޑު އިންސްޕަރޭޝަނެއް. އެއީ ދުވަހަކު ވެސް ބައްޕަ ގަޑިއެއް ނުޖެހޭނެ. ވަރަށް ހާޑް ވޯކިން ޑިސިޕްލިން، މިހާރު ވެސް ކޯޗުކޮށްދޭން ދާއިރު ވެސް ބައްޕަ ބަރާބަރު ގަޑިއަށް ޕްރެކްޓިސް ފަށާނެ

އައިކް ބޯޅަ ވައްތާލަން މަސައްކަތް ކުރަނީ ---

"އެކަމަކު ބައްޕަ އަކީ ވަރަށް ބޮޑު އިންސްޕަރޭޝަނެއް. އެއީ ދުވަހަކު ވެސް ބައްޕަ ގަޑިއެއް ނުޖެހޭނެ. ވަރަށް ހާޑް ވޯކިން ޑިސިޕްލިން، މިހާރު ވެސް ކޯޗުކޮށްދޭން ދާއިރު ވެސް ބައްޕަ ބަރާބަރު ގަޑިއަށް ޕްރެކްޓިސް ފަށާނެ،" އައިކް ކިޔައިދިނެވެ.

"ކާފަ މިހާރު ވެސް ބަލަހައްޓާނެ ޓްރޮފީތައް. ގޭގައި މިހާރު ވެސް ފެންނަން ހުންނާނެ ކާފަގެ ޓްރޮފީތައް ވަރަށް ގިނަ ސްޕޯޓްސްތަކުން ހޯދި ޓްރޮފީތައް ހުންނާނެ."

ބޭރުގެ އެކްސްޕޯޝާ

އައިކް އަށް ބާސްކެޓްބޯޅައިން ލިބުނު އެންމެ ބޮޑު އެއް ފުރުސަތަކީ މެލޭޝިއާގެ ސުބަން ޖަޔާ ބާސްކެޓްބޯޅަ ކްލަބު (އެސްޖޭބީސީ) އިން ލިބުނު ފުރުސަތެވެ.

މެލޭޝިއާގައި އޯ ލެވްލް ހަދަމުން ދިޔައިރު، އެ ކްލަބުގެ އެކެޑަމީގެ ޓްރެއިނިން އަށް އޭނާ ނުކުތެވެ. އެސްޖޭބީސީ އާއެކު ކުޅުނު ޕްރެކްޓިސް މެޗުތަކުގައި އައިކް އަށް ލިބުނު އެކްސްޕޯޝާ ބޮޑުވި އެވެ. އެކެޑަމީ ޓީމުގައި އެންމެ ހުނަރުވެރި ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނުނެވެ. އެހެންވެ އެކެޑަމީގެ ކޯޗުންގެ ފަރާތުން އޭނާ އަށް ލިބުނު ސަމާލުކަން ބޮޑުވި އެވެ. ހަމަޖެހިފައި އޮތީ އެ ކްލަބާއެކު ރަސްމީ މުބާރާތްތަކުގައި ވެސް ކުޅޭ ގޮތަށެވެ. ނަމަވެސް މެލޭޝިއާގެ މުބާރާތްތައް ނުފެށި އުޅެނިކޮށް ކޮވިޑް-19 ގެ ބަލި މަޑުކަން އައިސް އެ ގައުމުގައި ތަޅުއެޅުވި އެވެ. ކުޅިވަރު ހުއްޓުނީ އެވެ. ހާއްސަކޮށް ޖޫނިއާ ލެވަލްގެ ކުޅިވަރު މުބާރާތްތައް ހުއްޓުނީ އެވެ. މެލޭޝިއާގެ ޖޫނިއާ މުބާރާތުގައި ކުޅެން އުންމީދު ކޮށްގެން ހުރި އައިކް އަށް ވެސް ޖެހުނީ ލޮކްޑައުންގައި ގޭގައި އޮންނާށެވެ.

ރާއްޖޭގެ އެންމެ ބޮޑު ކްލަބުން ލިބުނު ފުރުސަތު

މިދިޔަ އަހަރު އެނބުރި ރާއްޖެ އައިސް ދެން އައިކް އަށް ހުޅުވުނީ ރާއްޖޭގެ އެންމެ ބޮޑު ކްލަބުގެ ފުރުސަތެވެ. ކިންގްސް ބާސްކެޓްބޯޅަ ކްލަބަށް މި އަހަރު ފެބްރުއަރީ މަހު އޭނާ ވަނީ ސޮއި ކޮށްފަ އެވެ. އޭގެ ކުރިން ވެސް ދެ ވަނަ ޑިވިޝަންގައި ވުލްވްސް ބާސްކެޓްބޯޅަ ކްލަބަށް ކުޅެ ދެ ވަނަ ޑިވިޝަންގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. ވުލްވްސްގައި އައިކް އަށް އިރުޝާދު ދިނީ ކިންގްސްގެ ކެޕްޓަން އަހްމަދު ފިރާޝް (ފިރާ) އެވެ.

ކިންގްސްގެ ޓީމު ބިނާވެފައި އޮތީ ސީނިއާ ގިނަ ކުޅުންތެރިންގެ މައްޗަށެވެ. ގައުމީ ބާސްކެޓް ޓީމުގައި ވެސް އެންމެ ނަގާކިޔަން ތިބީ ކިންގްސްގެ ކުޅުންތެރިންނެވެ. އެ ކްލަބުގައި ރާއްޖޭގެ ޓޮޕް ޑިވިޝަންގައި ކުޅުމުގެ ފުރުސަތު ހޯދުމަކީ އުނދަގޫ ކަމެކެވެ. އެއީ ކްލަބުގައި ބިނާވެފައި އޮތް ވާދަވެރި ކަމުގެ ސަބަބުންނެވެ.

ދާދު، ދޮވެމި އިބްރާހިމް ޝަފީގް އަދި އައިކް ކިންގްސް އަށް ސޮއި ކުރުމަށް ބޭއްވި ހަފުލާައި

"ކިންގްސް އަކީ ވަރަށް ބޮޑު އޮޕަޗިއުނިޓީއެއް. ވަރަށް އެކްސްޕީރިއަންސް ކުޅުންތެރިންތަކާއެކު ޓްރޭނިން ހެދުމުގެ ފުރުސަތު ލިބޭ،" އައިކް ބުންޏެވެ.

"ދެން ޒިލާ އަކީ އައިކް ވަރަށް ފޮލޯ ކުރި ލޯކަލް ކުޅުންތެރިޔެއް. ޒިލާ އާއެކު ޓްރޭން ކުރަން ފުރުސަތު ލިބުން އެއީ ވެސް ކިންގްސްއާ ގުޅުމުން ލިބުނު ހިތްހަމަޖެހުމެއް."

ސީނިއާ ގައުމީ ޓީމުގެ ފުރުސަތު މާ ހާއްސަ

ސީނިއާ ގައުމީ ޓީމުގެ ފުރުސަތު އަދި މާ ބޮޑެވެ. ގައުމީ ސްކޮޑް އިއުލާން ކުރި ފަހުން އެމްބީއޭއިން ގުޅާފައި ގައުމީ ޓީމުގެ ޕްރެކްޓިހަށް ނުކުންނަން ބުނުމުން ލިބުނު އުފާވެރިކަން ބޮޑެވެ.

އެމްބީއޭގެ ޖެނަރަލް ސެކެރެޓްރީ ވިޝާމް ރަޝީދު (ވިޒުއްޕެ) ގުޅާފައި ގައުމީ ޓީމުގެ ޕްރެކްޓިހަށް ނުކުންނާށޭ ބުނުމުން، އައިކްގެ ހިތް އަވަސްވީ އެވެ.

"ވަރަށް ސަޕްރައިޒްވި. ހީނުކުރަން ސީނިއާ ޓީމަށް ނުކުންނަން މިހާ އަވަހަށް ފުރުސަތު ލިބިދާނެ ކަމަކަށް،" އޭނާ ބުންޏެވެ.

"އެހެންވެ ކޮންމެ ވެސް ވަރަކަށް ޝޮކްވި. ގައުމީ ޓީމުގައި ތިބޭނީ އައިކްމެންނަށް ވުރެ މާ އެޑްވާންސް ކުޅުންތެރިން."

ކިންގްސްގެ ނައިބް ރައީސް އިއްބެ އާއި އާއިކް

ގައުމީ ކޯޗް އިލްޔާސް އިބްރާހިމް (އިއްލެ) އަށް އޮތީ ދުރުސަރާސްތާ ޓާގެޓެކެވެ. އެކަމަކު މިވަގުތު އޭނާގެ ކުރިމަތީގައ އޮތީ ސާބާ ޗެމްޕިއަންޝިޕެވެ. އެ މުބާރާތަށް ތައްޔާރުވާން އޮތް ކުރު މުއްދަތުގައި ކުއްލިއަކަށް ގައުމީ ޓީމަށް ބޮޑު ބަދަލެއް ގެނެވޭކަށް ނެތެވެ. އެކަމަކު އިއްލެ ބުނިގޮތުގައި ސާބާ ޗެމްޕިއަންޝިޕަށް ފަހު މަޑުމަޑުން ބަދަލު ކުރަމުން އާ ޖީލަށް ފުރުސަތު ދެމުން ގެންދާނެ އެވެ.

އައިކްގެ ފަރުދީ ޓާގެޓެއް މިހާރު ވެސް އެބައޮތެވެ. ދިވެހި ބާސްކެޓްގައި ޑޮމިނޭޓިން ފިގާއަކަށް ވުން އެއީ އޭނާގެ ކާފަ ރިނބިދޫ ނާސިރު އާއި ބައްޕަ ނީޝާމް ކުޅިވަރުގައި ދެމެހެއްޓި ލެގެސީ އެވެ. އެހަހިސާބަށް ވާސިލުވުމުގެ އުންމީދު އައިކްގެ އެބައޮތެވެ. ސްޕޯޓްސްމަނެއްގެ ކެރެކްޓާ އާއި ސިފަތައް އޭނާ ހުރީ ދަސްކޮށް ބިންވަޅު ނަގައިފަ އެވެ.

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިނގސް

04 September 2021

ބާސްކެޓް އެސޯސިއޭސަން އިން ނުކުރެ އޭ ނެޓް އަޅުވާލަން ، ލޮލް

The name is already taken The name is available. Register?

ރާހަތު

03 September 2021

ރިނބުދޫ މީހުން މޮޚުވާނެ ރީތިވާނެ. ބަލާލަބަ މިސާލަކަށް މަރިޔަމް ނިޝާ އަދި ނާއިޒް ޙަސަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454