ދަރިއެއް ނުލިބުމުގެ މޮޅިވެރިކަމުން ލިޒީ ހިތްވަރު ހޯދީ ފުޓްބޯޅައިން. ގައުމީ ޖޯޒީގައި ކީޕަރުގެ އަންގި އަތަށް މަހައިގެން އެތައް ފަހަރަކު ރާއްޖޭގެ ގޯލް އޭނާ ދިފާއުކޮށް ދީފި.
10 ސެޕްޓެމްބަރ 2021 - 11:21
ބާއްޖަވެރި ކައިވެންޏަކަށް އެދިގެން ފެށި ހަޔާތުގެ ދަތުރުގެ ނިމިގެން ދިޔައީ އެހެންވެދާނެ ކަމަށް އާމިނަތު ލީޒާ ހީކޮށްފައި ވެސް ނެތް ގޮތަކަށެވެ. ކައިވެންޏަށް ހަތަރު އަހަރު ފަހުން ދަރިޔަކު ލިބެން އުޅޭކަމުގެ ފޮނި އިހްސާސް ކުރެވުނަސް، ބަނޑަށް ހަތަރު މަހުގައި ދަރިފުޅު އެބޯޓްވީ އެވެ. އެހާހިސާބުން އޭރުގެ ފިރިމީހާ އޭނާއާ މަޑުމަޑުން ދުރުވާން ފެށި އެވެ. ލިޒީ އަށް ވެސް އެކަން ފާހަގަ ކުރެވެން ފެށި އެވެ. އެންމެ ފަހުން އެ ޒަވާޖީ ހަޔާތުގައި މާ ދުރަށް އޭނާ އެއްލާލީ އެވެ.
ދިރިއުޅުމަށް ބިންދާލި ވަރުގަދަ ދެ ރާޅުން ވެސް އޭނާގެ ހަތަރު އުދަރެސް ބެދުނަކަ ނުދިނެވެ. އޭނާ އިތުރު ކައިވެންޏެއް، މީގެ ފަސް އަހަރު ކުރިން ކުރި އެވެ. އެކަމަކު އަދިވެސް ދެ ވަނަ ކައިވެންޏަށް ވެސް އަދި ދަރިޔަކު ނުލިބެ އެވެ. އެ މޮޅިވެރިކަމުން ލީޒީ، 34، ހިތްވަރު ހޯދާ އެއް ކަމަކީ ފުޓްބޯޅަ އެވެ. ގައުމީ ޖޯޒީގައި ކީޕަރުގެ އަންގި އަތަށް މަހައިގެން އެތައް ފަހަރަކު ރާއްޖޭގެ ގޯލް އޭނާ ދިފާއުކޮށް ދީފި އެވެ. ފުޓްބޯޅައިން ދެ މެޑަލް ރާއްޖެ އަށް ހޯދައިދިނެވެ.
ގައުމީ ޓީމަށް އޭނާ ކުޅެން ފެށީ ވެސް މަލާމާތާއި ފުރައްސާރައިގެ މައްޗަށް ގަދަވެ ގަނެގެންނެވެ. ކުޅިވަރު ހަޔާތުގައި އޭނާ އެންމެ ފުރަތަމަ ބަލި ކުރީ ދަނޑުބޭރުން އޭނާ އަށް ކުރި ފުރައްސާރަ އާއި މާލާމާތެވެ. އަންހެނަކަށް ވީތީ ފުޓްބޯޅަ ނުކުޅެވޭނެއޭ ބުނެ ކުރި މާލާމާތެވެ. އޭނާ ބަލަހައްޓާ ގޯލަށް އެންމެ ފުރަތަމަ ހަމަލާ އައީ ގޯލް ދާގަނޑުގެ ފުރަގަހުންނެވެ. އަޑުއަހަން ނުކުރޭވަރުގެ ހުތުރު ބަސްތައް އޭނާ އަށް އަމާޒުވި އެވެ.
"ކުރީގައި ކުޅޭތަން ފެނުނީމަ ބަލަން ތިބޭ މީހުން ވަރަށް އެއްޗިހި ގޮވާނެ ގޯލް ދާގަނޑުގެ ފުރަގަހުގައި ތިބެގެން. އަޑު އަހަން ނުކެރޭ ޒާތުގެ ހަޑި އެއްޗިހި ގޮވާލާނެ،" ލިޒީ ކިޔައިދިނެވެ.
ކީޕަރަކަށް އޭނާ ކުޅެން ފެށީ ވެސް އޭގެ ކުރިން ކުރިމަތިވި މަލާމާތާއި ފުރައްސާރައިން ސަލާމަތް ވުމަށެވެ. ކީޕަރަކަށް ކުޅެން ފެށުމުން ދެން އެންމެ ފަސޭހައިން އެ އަޑުތައް ވާސީލުވީ ވެސް އޭނާގެ ކަންފަތާ ހަމައަށެވެ. އެ ހުރިހާ ހާލަތެއްގައި ވެސް ލިޒީ ގަދަވެގަތެވެ.
ސިންގަޕޫރު މުބާރާތުން ލިބުނު މެޑަލް ލިޒީ ދައްކާލަނީ
މި އިންޓަވިއު އޭނާ އާ ހަމައަށް ދިޔައީ ވެސް އެންމެ ޑިސިޕްލިން އެންމެ ކޮމިޓްމެންޓް ކުޅުންތެރިޔާ ހޯދުމަށް ކުރި މަސައްކަތުގެ ތެރޭގަ އެވެ. ގައުމީ އަންހެން ޓީމުގެ އިންޓަރިމް ކޯޗް، އަދި އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ އަހްމަދު ޝަރީފް (ޑުންގާ) ގެ ކިބައިން އަހަރެމެން އެދުނީ ގައުމީ އަންހެން ޓީމުގައި ހުރި އެންމެ ޑިސިޕްލިން އެންމެ މަސައްކަތު ރޭޓް ރަނގަޅު ކުޅުންތެރިޔާ ދެއްކުމަށެވެ. ހުރިހާ ކުޅުންތެރިންގެ ތެރެއިން ނެރެ ޑުންގާ ދެއްކީ ލިޒީ އެވެ.
ފުލުހުންގެ ފޮރެންސިކުގައި ވަޒީފާ އަދާކުރާ، ލިޒީ ކުޅިވަރެއްގެ ގޮތުގައި އެންމެ ފުރަތަމަ ކުޅުނީ ބާސްކެޓްބޯޅަ އެވެ. އެކަމަކު 2009 ވަނަ އަހަރު އެކަން ބަދަލުކޮށްލީ ވެސް މާ ޝައުގުވެރި ނޫން މާހައުލެއްގެ ތެރެއިންނެވެ. އެ އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރަން ވެގެން ޕޮލިސް ކްލަބުން ބޭއްވި ކުޅިވަރު މުބާރާތްތަކުގެ ތެރެއިން އެއް ހަރަކާތަކީ ފުޓްބޯޅަ އެވެ. އެއީ ބަލާ ހިތްވިޔަސް އޭރު އޭނާ ކުޅޭ ހިތްވި ކުޅިވަރެއް ނޫނެވެ.
ފުލުހުންގެ ފޮރެންސިކް ޑިޕާޓްމެންޓުގައި ލިޒީ
"އެފަހަރު ބާސްކެޓް ނުހިމެނީމަ ވަރަށް ފޫހި ވެސްވި އޭރު ބުނިން ބާސްކެޓް ހިމެނީމަ ނޫންހޭ ލިޒީމެންނަށް ކުޅެވޭނީ. ފުޓްބޯޅަ ކުޅޭހިތެއް ނެތޭ. އެކަމަކު ޓީމުގައި ބައިވެރިވާން ޖެހޭތީ ކުޅުނީ،" ލިޒީ ބުންޏެވެ.
އޮފީހުގެ އެ މުބާރާތުގައި ޕްރެކްޓިހަށް އޭނާ ދިޔައީ ވަކި މަގާމަކަށް ކުޅޭކަށް ނޫނެވެ. ފުރަތަމަ ޕްރެކްޓިހުގައި ކަންތައް ދިމާވިގޮތުން ކީޕަރަކަށް ކުޅެން އޭނާ ނިންމީ އެވެ.
"ފުރަތަމަ ޕްރެކްޓިހުގައި ކޯޗް ބުނި މެދުރޮނގާ ހަމައިން އެންމެން ބޯޅަ ފައިން ކޮންޓްރޯލް ކުރަމުން ގޯލާ ހަމައަށްދާށޭ. ދެން ލިޒީ އަށް ވީ ގޮތަކީ ބޯޅަ މައްޗަށް އެރިފައި ވެއްޓުނީ. ދެން އެންމެން ހޭން ފަށައިފި،" ހެމުންހެމުން ލިޒީ ކިޔައިދިނެވެ.
ލިޒީ ބޯޅައެއް ދިފާއު ކުރަނީ
"އެރޭ ނިދަން އޮވެފައި ހިތަށް އެރި ކީޕަރު ވެއްޓުނަކަސް އެހެން މީހުން މަލާމާތެއް ނުކުރާނެ ނޫންހޭ. އެހެންވީމަ ކީޕަރަކަށޭ ކުޅޭނީ. އަނެއް ދުވަހު ޕްރެކްޓިހަށް ގޮސް ކޯޗު ކައިރީގއި ބުނިން ލިޒީ ކުޅޭނީ ކީޕަރަކަށޭ. އޭރު ކީޕަރަކަށް ކުޅޭކަށް އެހެން އެއްވެސް ކުއްޖަކު ބޭނުމެއް ވެސް ނުވޭ."
އަންހެނުންގެ ދުވަހަށް ހާއްސަކޮށް ބޭއްވި ވަންޑޭ ކަޕް ބަލަން، ގައުމީ އަންހެން ޓީމުގެ އޭރުގެ ކޯޗް އަހުމަދު ނާޝިދު (ނާދު) ވެސް ދިޔަ އެވެ. އެ މުބާރާތުގައި ލިޒީގެ ކުޅުން ފެނި އޭނާ ގައުމީ ޓީމަށް ގެންދަން ނާދު ހުށަހެޅި އެވެ. އެކަމަކު ގައުމީ ޓީމަށް ވެސް އޭނާ ގެންދާކަށް ފަސޭހައެއް ވެސް ނުވި އެވެ.
"އޭރު ގައުމީ ޓީމުގައި އުޅޭނެ ޕޮލިސް ދެ ކުދިން. އެ ދެ ކުދިން ބުނީ ކޯޗު ބޭނުންވޭ ލިޒީ ޓީމަށް ގެންދަން. ޓެސްޓަކަށް ނަމަވެސް ހިނގާބަލާށޭ. އެކަމަކު އޭރު ވެސް ހިތައް އެރި އެއް ދުވަހު ދާނަމޭ. ދެން ޝައުގުވެރި ކަމެއް ނެތޭ ބުނެ ނުދާނީއޭ،" ގައުމީ ޓީމަށް ކުޅެން ހިތްޖެހުނު ގޮތް ލިޒީ ބުންޏެވެ.
"އެކަމަކު ދާން ފެށީމަ ލިބުނު ފީޑްބެކުން ޝައުގުވެރި ވެއްޖެ. އެއީ ލިޒީ ބޯޅަ އަށް ޑައިވް ކުރަން ފެށީމަ އެ މީހުން ބުނި ކުރިން ނާދެޔޭ ޑައިވްކޮށް އެހާ މޮޅަށް ބޯޅަ ސޭވް ކުރާ ކުއްޖެއް."
ލިޒީ އޭނާގެ ފިރިމީހާ އާއި މަންމަ އާއި ބަައްޕަ
ގައުމީ ޓީމަށް 2010 ގައި އެނާ ކުޅެން ފެށުމުން އެކުގައި އުޅުނު ބައެއް ރަށްޓެހިންނަށް އެކަން ބަލައެއް ނުގަނެވުނެވެ. އަންހެނަކު ފުޓްބޯޅަ ކުޅެން އުޅުމަކީ ކަމުދާކަމެއް ނޫން ކަމަށް އެ މީހުން ގަބޫލުކުރެ އެވެ. އެ އެންމެންގެ ބޮލަށް ވަދެފައި އޮތީ ފުޓްބޯޅައަކީ ފިރިހެނުންގެ ކުޅިވަރެއް ކަމެވެ. އަންހެނުން ފުޓްބޯޅަ ކުޅޭހޭ ބުނެ، ރަށްޓެހިން އޭނާއާ ދިމާ ވެސް ކުރި އެވެ.
އަންހެނުން ފުޓްބޯޅަ ވެސް ކުޅެ އެވެ. ގައުމަށް މެޑަލް ވެސް ގެނެ އެވެ. ގައުމީ ޓީމަށް ލިޒީ ކުޅެން ފެށިއިރު ރާއްޖެ އަށް އެއްވެސް މެޗަކުން މޮޅު ވެވިފައެއް ނުވެ އެވެ. ނަމަވެސް އެ ހާލަތު 2012 ގައި ބަދަލު ކުރި އެވެ. އެ އަހަރު ނޮވެމްބަރު މަހު ކުވައިތު އާދެކޮޅަށް ކުޅެ ރާއްޖެއިން ވަނީ އަންހެން ފުޓްބޯޅައިގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ. ލިޒީ ބުނީ އެ ކާމިޔާބަކީ، ސައުތު އޭޝިއަން ގޭމްސް އިން ބްރޯންޒް މެޑަލް ހޯދުމަށް ވުރެ އުފާވި ދުވަހެއް ކަމަށެވެ.
"އެ ދުވަހު މޮޅުވީމަ އެންމެންނަށް ގަބޫލު ކުރެވިއްޖެ ކޮންމެވެސް ކަމެއް މި ޓީމަށް ހާސިލު ކުރެވޭނެކަން،" ލިޒީ ބުންޏެވެ.
ސިންގަޕޫރު މުބާރާތުގައި ޕެނަލްޓީ މަތަކުރުމުން ޓީމުގެ އެހެން ކުޅުންތެރިން އައިސް ލިޒީގެ ގައިގައި ބައްދާލަނީ
އޭގެ ފަސް އަހަރު ފަހުން ސިންގަޕޫރުގައި އޮތް ކުއާޑްރެންގިއުލާ މުބާރާތުން ރާއްޖެއިން ބްރޯންޒް މެޑަލް ހޯދައި އިންޓަނޭޝަނަލް ލެވަލްގައި ރާއްޖޭގެ އަންހެން ޓީމުން ފުރަތަމަ މެޑަލް ހޯދި އެވެ. އެ މުބާރާތުގެ ތިން ވަނަ ހޮވި މެޗު އިންޑޮނޭޝިއާ އާދެކޮޅަށް ދިވެހި ޓީމުގެ ތަރިއަކަށް ވީ ޕެނަލްޓީ ޝޫޓް އައުޓްގައި އިންޑޮނޭޝިއާގެ ދެ ޕެނަލްޓީ ހުއްޓުވި ލިޒީ އެވެ.
މެޗު އެއްވަރުވުމުން ޖެހި ޕެނަލްޓީގައި އިންޑޮނޭޝިއާއިން ޖެހި ފުރަތަމަ ޕެނަލްޓީ އާއި ފަހު ޕެނަލްޓީ ލިޒީ ދިފާއުކޮށް ރާއްޖެ އަށް މެޗު ކާމިޔާބުކޮށްދިނެވެ.
ޖެހިގެން އައި 2019 ވަނަ އަހަރަކީ އަންހެން ފުޓްބޯޅައިގައި އެންމެ ކާމިޔާބު އަހަރެވެ. ނޭޕާލްގައި އޮތް ސައުތު އޭޝިއަން ގޭމްސް އަށް ވަރުގަދަ އަށް ތައްޔާރުވި ގައުމީ ފިރިހެން ޓީމަށް ކުރިމަތިވި ނާކާމިޔާބާއެކު ފުޓްބޯޅަ އޮތީ ބޮޑު ޕްރެޝަރެއްގަ އެވެ. ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރާ ކުޅިވަރަށް ނާކާމިޔާބު ވުމުން އެންމެން ދިމާކޮށްލީ ފުޓްބޯޅަ އަށެވެ. އެ ޕްރެޝަރުން އެފްއޭއެމް އާއި ފުޓްބޯޅަ ސަލާމަތް ކުރީ ގައުމީ އަންހެން ޓީމުން މެޑަލް ހޯދައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެމް ބީ އޭ
11 September 2021
ލިޒީ ގެ ބާސްކެޓް ކޯޗަކީ ކާކުކަން ބުނެދީފާނަން ތަ ؟(އެންމެ ފުރަތަމަ)
ޕޮލިސް ކުއްޖެއް
10 September 2021
ވަރަށް ޑިސިޕްލިން ޕޮލިސް އޮފިސަރއެއް އަދި ފުޓުބޯޅައިގައި ކުރު މުއްދަތެއްގައި ހޯދަމުންދާ ކާމިޔާބަށް މަރުހަބާ .. ދިރިއުޅުމުގައި މަދުވާ ބައި މާތްﷲ އިރާދަފުޅާއި މިންވަރުފުޅުން އަވަސް ރަޙްމަތެއްގައި ލިޒީއަށް މިންވަރު ކުރައްވާށި ..އާމީން...
ދޮންބޭ
10 September 2021
ކާމިޔާބަށް އެދެން. ހިއްވަރާއެކު ކުރިއަށް
ޢަހުމަދު ޝިނާން
10 September 2021
ލިޒީ އަށާއި ޤައުމީއަންހެންޓީމަށް ކާމިޔާބަށް އެދެން … ކީޕްއިޓްއަޕް