މެންޗެސްޓަ (ސެޕްޓެމްބަރު 22) - ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން 20 މަހަށް ފަހު، މެންޗެސްޓަ ޔުނައިޓެޑްގެ 29 އަހަރުގެ ޑިފެންޑަރު ފިލް ޖޯންސް މިރޭ އެޓީމުން ލީގު ކަޕްގައި ވެސްޓް ހޭމްއާ ދެކޮޅަށް ކުޅޭ މެޗުގެ ޓީމުގައި ހިމަނާފައި ވާނޭކަމަށް ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
އެންމެ ފަހުން ފިލް ޖޯންސް ޔުނައިޓެޑަށް މެޗެއް ކުޅެދިނީ މިދިޔަ ސީޒަނުގެ ޖެނުއަރީ މަހު އެފްއޭ ކަަޕް ހަތަރުވަނަ ބުރުގައި ޓްރަންމޭރޭ ރޯވާސްއާ ދެކޮޅަށެވެ. އެ މެޗުގައި އޭނާ ވަނީ ޔުނައިޓެޑަށް ގޯލެއް ވެސް ޖަހައިދީފަ އެވެ.
މީގެ 13 މަސްދުވަސް ކުރިން ޖޯންސްގެ ސާޖަރީ ހެދި ނަމަވެސް، ލޮކްޑައުންއާ އެކީ ކުރިމަތިވި ދަތުރުފަތުރުކުރުމުގެ ހުރަސްތަކާ އެކު ރީހެބިލިޓޭޝަންގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.
ޖޯންސް ވަނީ ޔުނައިޓެޑްގެ ރިޒާވް ޓީމާ އެކު އާސެނަލް އަދި ބްރައިޓަންއާ ދެކޮޅަށް ވެސް 90 މިނިޓު ފުރިހަމަ ކޮށްފަ އެވެ.
ހަތަރު ދުވަސްތެރޭ ދެވަނަ ފަހަރަށް ޔުނައިޓެޑުން ވެސްޓް ހޭމްއާ ދެކޮޅަށް ނުކުންނައިރު، ސޯލްޝެއާ ވަނީ ލީގުގައި ވެސްޓް ހޭމް އަތުން އެޓީމު މޮޅުކޮށްދިން ލަނޑު ޖެހި މިޑްފީލްޑަރު ޖެސީ ލިންގާޑް މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނޭނެކަމުގެ ޔަގީންކަން ދީފަ އެވެ. އަދި އެ މެޗަށް ސަސްޕެންޝަނުގައި ހުރި ވެސްޓް ހޭމްގެ ފޯވަޑް މައިކަލް އެންޓޯނިއޯ ވެސް މިރޭގެ މެޗުގައި ފެނުމުގެ ފުރުސަތު ބޮޑެވެ.