ބަންގްލަދޭޝްގެ ކުޅުންތެރިން، ތޮޕޫ (ކ) އުރާލައިގެން
30 ސެޕްޓެމްބަރ 2021 - 18:54
ބަންގްލަދޭޝްގެ ޓީމު ޑޮމިނޭޓް ކުރަނީ، ކޯޗް އޮސްކާ ކޯޗުކޮށްދޭ ބަށުންދަރާ ކިންގްސްގެ ކުޅުންތެރިންނެވެ. އެ ކްލަބުގެ ނުވަ ކުޅުންތެރިން ބަންގްލަދޭޝްގެ ސްކޮޑުގައި ހިމަނާފައިވެ އެވެ. ބަންގްލަދޭޝްގެ ޓީމަށް ބަލާއިރު އެ ޓީމުގެ އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔަކީ ބަށުންދަރާގެ ކެޕްޓަން ޓޮޕޫ ބަރްމަން އެވެ.
އޭނާ އަކީ ބަންގްލަދޭޝް ޑިފެންސުގެ އެންމެ މުހިންމު ތަނބެވެ. ޓޮޕޫ ގައުމީ ޓީމަށް ކުޅެން ފެށީ 2013 ގަ އެވެ. މިހާތަނަށް 38 މެޗު ގައުމީ ޓީމަށް ކުޅުނު އިރު އޭނާ ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން ތިން ލަނޑު ޖެހީ 2018 ގައި އަމިއްލަ ގައުމުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގަ އެވެ. ކޯޗު އޮސްކާ އެންމެ އިތުބާރު ކުރާ ކުޅުންތެރިޔަކަށް ވާނީ ވެސް ކްލަބުގައި އޭނާގެ ކެޕްޓަނެވެ.
ބަންގްލަދޭޝްގެ ފުޓްބޯޅަ އަކީ ޑިފެންސިވް ފުޓްބޯޅައެކެވެ. ޓޮޕޫ ނެގުމަށް ފަހު އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ މުޅި ޓީމުގެ ވޯލް، ކީޕަރު އަނީސުއް ރަހްމާން އެވެ. އޮސްކާ ސިފަ ކުރާ ގޮތުން އޭޝިއާގެ އެންމެ މޮޅު ކީޕަރަށް ވުމުގެ ހުނަރު އަނީސްގެ ކިބައިގައި އެބަހުއްޓެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy