އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި މިރޭ ސްރީ ލަންކާއާ ދެކޮޅަށް ކުޅޭއިރު ޓާގެޓަކީ ފުރަތަމަ ހާފް ނިމެންވާއިރަށް ދަނޑުމަތީގައި އެޓީމުގެ ކުޅުންތެރިންގެ އަދަދު 11 އިން ދިހަޔަކަށް މަދުކުރުން ކަމަށް ނޭޕާލް ގައުމީ ޓީމުގެ ކޯޗު އަބްދުﷲ އަލް މުތައިރީ ބުނެފި އެވެ.

ލަންކާއަކީ މި އަހަރުގެ މުބާރާތުގައި ކުޅުނު ޓީމުތަކުގެ ތެރެއިން އެންމެ ފިޒިކަލް ގޭމެއް ކުޅޭ ޓީމުކަން ފާހަގަ ކުރަމުން މުތައިރީ ބުނީ ލަންކާއިން ވަރަށް ގިނައިން ޓެކްލް ކުރާ ކަމަށާއި ފުރަތަމަ ހާފުގައި ލަންކާގެ އެއްކުޅުންތެރިޔަކު މަދުކުރެވިއްޖެނަމަ ނޭޕާލަށް މެޗުގެ ބާކީބައި ކުޅެން ފަސޭހަ ވާނެ ކަމަށެވެ.

"ސްރީ ލަންކާ ކުޅުންތެރިން ވަނީ ކުރީ މެޗުގައި (ބަންގްލަދޭޝްއާ ދެކޮޅަށް) 67 ޓެކްލް ކޮށްފައި. އޭގެތެރެއިން ގާތްގަނޑަކަށް 23 ފައުލް ދިޔަ. ކީއްވެގެން އަހަރެމެން އެހެން އެކަން [ފުރަތަމަ ހާފުގައި ލަންކާ ކުޅުންތެރިއެއް މަދުކުރަން މަސައްކަތް] ނުކުރަންވީ؟ ހުރިހާ އުކުޅެއް އެބަ ޖެހޭ ބޭނުން ކުރަން. އެމީހުން ޓެކްލް ކުރާނެ. އެކަމު ޓެކްލްއެއް ގޯސް ވެއްޖެއްޔާ [ލަންކާގެ] ކުޅުންތެރިޔަކު ފައިބަން ޖެހިދާނެ. އެމީހުންގެ ޓެކްލްތައް ވަރަށް ނުރައްކާ. ރަތްކާޑު ދެއްކި ކުޅުންތެރިޔާއަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ އޭނާގެ ޓެކްލް އެރީ އިދިކޮޅު ކުޅުންތެރިޔާގެ ބޮލަށް،" ބަންގާޅާ ދެކޮޅަށް ލަންކާ ކުޅުނު ކުޅުމާ ބެހޭގޮތުން މުތައިރީ ބުންޏެވެ.

މިރޭ ލަންކާއާ ދެކޮޅަށް ކުޅޭ މެޗަކީ އެޓީމުން މުބާރާތުގައި ކުޅޭ ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ނޭޕާލުން ވަނީ ފަހު ވަގުތު ރާއްޖެ ކޮޅަށް ލަނޑުޖަހައި، މެޗުން މޮޅުވެފަ އެވެ. އެހެން ނަމަވެސް ފުރަތަމަ މެޗުގެ ނަތީޖާ ހަނދާނުން ފޮހެލާ، ހުރިހާ ފޯކަސްއެއް އޮތީ މިރޭ ލަންކާއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށް ވެސް އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މުތައިރީ ވަނީ ބުނެފަ އެވެ.

ނޭޕާލުން ރާއްޖެއާ ދެކޮޅަށް ނުކުތް ފުރަތަމަ 11 މެޗުގެ ކުރިން ގައުމީ ސަލާމަށް ހުއްޓިގެން. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ނޭޕާލުން ރާއްޖެއާ ދެކޮޅަށް ނުކުތް ފުރަތަމަ 11 މެޗުގެ ކުރިން ގައުމީ ސަލާމަށް ހުއްޓިގެން. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"ލަންކާއާ ދެކޮޅަށް ކުޅޭ މެޗަކީ މިހާރު އަހަރެމެން މުބާރާތުގައި ކުޅޭ ފުރަތަމަ މެޗް. ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗު މަތިން ހަނދާން ނައްތާލައިފިން. މިހާރު މިތިބީ ލަންކާއާ ދެކޮޅަށް ކުޅެން ތައްޔާރަށް. އަދި މިއީ ފައިނަލް މެޗަކަށް ވާނީ. އަހަރެމެން މޮޅުވާން ޖެހޭ. ރާއްޖެއާ ދެކޮޅަށް ހޯދި ކާމިޔާބީއާމެދު ވިސްނަން ވެއްޖެ ނަމަ. މާދަމާ (ލަންކާއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު) ހިތާމަކޮށް ރޯން ވެސް ޖެހިދާނެ."

ނޭޕާލުން ރާއްޖެއާ ކުޅެ ހޯދި މޮޅަކީ މުބާރާތުގެ ތާރީހުގައި ވެސް އެ ގައުމުން ރާއްޖެއާ ދެކޮޅަށް ހޯދި ފުރަތަމަ މޮޅެވެ.

މީގެ އިތުރުން ނޭޕާލްގެ ކޯޗު މުތައިރީ ބުނީ، ފީފާ ރޭންކިންއަށް ބަލައިގެން ޓީމުތަކުގެ ފެންވަރު ވަޒަން ނުކުރެވޭނެ ކަމަށެވެ. ފީފާ ރޭންކިންގައި ސްރީ ލަންކާ ކިތަންމެ ދަށުގައި އޮތް ނަމަވެސް، އެޓީމު ކޮޅަށް ގިނަ ގޯލުތަކެއް ޖަހައިގެން މޮޅުވުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން މުތައިރީ ވަނީ ފާހަގަ ކޮށްފަ އެވެ.

"ފީފާ ރޭންކިން އަކީ ދޮގެއް. ސަބަބަކަށް ވަނީ، ޕާކިސްތާން ފުޓުބޯޅަ ޓީމް ސަސްޕެންޑް ކުރިއިރު އެމީހުން އޮތީ ރޭންކިންގެ 202 ވަނައިގައި. އެއަށް ފަހު 198 އަށް އަރައިފި. އެމީހުން އެއްވެސް މެޗެއް ނުކުޅޭ. އެހެން ޓީމުތައް މެޗުތަކުން ޕޮއިންޓް އުނިވިޔަސް ނުވިޔަސް ޕާކިސްތާން އެބަ އޮވޭ (ރޭންކިން ދަށަށް ނުގޮސް)." މުތައިރީ ބުންޏެވެ.

ފީފާއިން ޕާކިސްތާން ސަސްޕެންޑް ކުރީ މި އަހަރުގެ އޭޕްރީލް މަހު އެވެ.

"ސަޕޯޓަރުން ހީކޮށްފާނެ ލަންކާ ރޭންކިންގެ 205 ވަނައިގައި އޮތީމަ އަހަރެމެންނަށް ފަސޭހަ ވާނެކަމަށް. ގިނަ ސަޕޯޓަރުން މެސެޖް ވެސް ކުރޭ، 5-0 ނުވަތަ 6-0 އިން އަހަރެމެން މޮޅުވާން ޖެހެއޭ. ނޫން! އެއީ ފަސޭހަ ކަމެއް ނޫން. މާދަމާ [ލަންކާއާ ދެކޮޅަށް] 1-0 އިން މޮޅިވިޔަސް ވަރަށް އުފާވާނެ. އަހަރެން ބޭނުމީ ހަމައެކަނި ތިން ޕޮއިންޓް. ފުރަތަމަ ކޮޅު ގޯލެއް ޖެހިއްޖެ ނަމަ އަހަރެން އިރުޝާދު ދޭނަން ކުޅުންތެރިންނަށް ލީޑު ދިފާއުކުރަން ވީހާވެސް ބޮޑަށް ފަހަތަށް ފައިބަން ވެސް. އިދިކޮޅު ޓީމަށް ގޭމް އޯޕަންއެއް ނުކޮށްލެވޭނެ،" އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުތައިރީ ބުންޏެވެ.

އެންމެ ފަހުން ސެޕްޓެމްބަރު 16 ވަނަ ދުވަހު ނެރުނު ފީފާ ރޭންކިންގައި ނޭޕާލް އޮތީ ދުނިޔޭގެ 168 ވަނައިގަ އެވެ.

މިރޭގެ މެޗާ ބެހޭގޮތުން ނޭޕާލް ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ކިރަން ބުނީ، ކޯޗު ބުނި ފަދައިން ފުރަތަމަ މެޗުގެ ނަތީޖާ ހަނދާން ނައްތާލައި، ލަންކާއާ ދެކޮޅަށް ވެސް ނުކުންނާނީ ސީދާ ތިން ޕޮއިންޓު ހޯދާށެވެ. އަދި ނޭޕާލް ޓީމުން 90 މިނިޓު ނިމެންދެން މަސައްކަތް ކުރާނީ މެޗުން މޮޅުވެގެން ފައިބަންކަމާއި، ކޯޗުންނާއި ކުޅުންތެރިންނަށް ވެސް ފުރިހަމަ އިތުބާރު އެބަ އޮތްކަމަށް ކިރަން ބުންޏެވެ.