ޢަރާދު، ބަހްރޭން (އޮކްޓޯބަރު 25) – އޭއެފްސީ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ޓީމު ކުޅުނު ފުރަތަމަ މެޗުގައި، ވަރުގަދަ އިރާގު އަތުން 4-0 އިން ބަލިވެއްޖެ އެވެ.

ވާދަވެރި މެޗެއް ނުކުޅެ، ރާއްޖެ ހިމެނޭ ކޮލިފައިން ގުރޫޕުގެ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް މިރޭ ރާއްޖޭގެ ޒުވާން ޓީމުގެ ކެޕްޓަންކަން ކުރީ، ސީނިއާ ގައުމީ ޓީމުގެ ފުލްބެކް ހައިޝަމް ހަސަން (ބިޑި) އެވެ. ގޯލު ބެލެހެއްޓީ ނިމިގެން ދިޔަ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމުގެ ތިންވަނަ ކީޕަރަކަށް ހުރި އަލީ ނާޖިހް (ނާޖީ) އެވެ.

ރާއްޖޭގެ ޓީމުގެ ފުރަތަމަ 11:

އަލީ ނާޖިހް (ގޯލްކީޕަރު)، ހައިޝަމް ހަސަން، ހުސެއިން އަހުސަމް މޫސާ (ތިއްތޭ)، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)، އަބްދުﷲ ޔާމީން (ޔާން)، މޫސާ އަޒީމް ހަސަން (ރާމޯސް)، ހަސަން ނަޒީމް (ޗޯޓް)، އިސްމާއިލް ޒާން އާމިރު، ހުސެއިން ފައިސަލް (ފައިޓޯ)، ހަސަން އީނާޒް، ޒައިން ޒަފަރު.

އިރާގާއި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމް ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ: އިރާގް އެފްއޭ
އިރާގާއި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމް ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ: އިރާގް އެފްއޭ

އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑްގެ ރިޒާވް ޓީމަށް ކުޅޭ އިރާގުގެ މިޑްފީލްޑަރު ޒިދާން އިގްބާލް ކޮލިފައިން ޓީމުގައި ނުހިމެނީ، ފީފާ އިންޓަނޭޝަނަލް ބްރޭކުގެ ވަގުތަކަށް ނުވުމުން ޔުނައިޓެޑުން އޭނާ ގައުމީ ޓީމަށް ދޫކުރަން ދެކޮޅު ހެދުމުންނެވެ. ކްރިސްޓަލް ޕެލަސްގެ ޒުވާން ޓީމަށް ކުޅޭ ޑިފެންޑަރު ކާޑޯ ސިއްދީގް އާއި ސްވިޑްންގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ގޯލްކީޕަރު ނަދީމް އުމަރު އިރާގް ޓީމުގައި ނުހިމެނީ އަނިޔާގެ ސަބަބުންނެވެ.

ގުރޫޕުގެ އެއްވަނަ ހޯދައި މުބާރާތުން ޖާގަ ހޯދުމުގެ އަޒުމުގައި ނުކުތް އިރާގުން މެޗުގެ ފުރަތަމަ ލަނޑު ޖެހީ 10 ވަނަ މިނިޓުގައި ފޯވަޑް މޯމެލް އަބްދުއްރިދާ އެވެ. ދެވަނަ ލަނޑު 35 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ އަހްމަދު ސާތިބެވެ. އަދި ތިންވަނަ ލަނޑު 57 ވަނަ މިނިޓުގައި ޖެހީ، ދެވަނަ ހާފުގައި ނުކުތް ބަދަލު ކުޅުންތެރިޔާ ވާކާ ރަމަދާން އެވެ. ހަތަރުވަނަ ލަނޑު މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ޖެހީ ވެސް ތިންވަނަ ލަނޑު ޖެހި ރަމަދާން އެވެ.

އިރާގުން އުފެއްދި ނުރައްކާތެރި ހަމަލާތައް ދިފާއު ކުރުމުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ކީޕަރު ނާޖީ ވެސް ވަނީ މެޗުގައި ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ. އެޓޭކުގައި ރާއްޖޭގެ ޓީމުން ހަމަލާ އުފައްދާނެ މަދު ފުރުސަތެއް ހޯދި ނަމަވެސް އެންމެ ރަނގަޅަށް ފުރުސަތުތަކުގެ ބޭނުން ނުކުރެވުނީ އެވެ.

އިރާގާއި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމް ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ: އިރާގް އެފްއޭ
އިރާގާއި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމް ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ: އިރާގް އެފްއޭ

މީގެ ކުރިން އޮލިމްޕިކްސްގައި ވެސް ދެ މުބާރާތެއްގައި ވާދަކުރި އިރާގަކީ 2013 ވަނަ އަހަރު އޮތް 23 އަހަރުން ދަށުގެ އޭއެފްސީ މުބާރާތް ކާމިޔާބުކުރި ޓީމެވެ. އަދި އެ ޓީމު އަންނަނީ 2013 ވަނަ އަހަރުން ފެށިގެން އޭއެފްސީ 23 އަހަރުން ދަށުގެ ހުރިހާ މުބާރާތެއްގައި ވެސް ވާދަކުރަމުންނެވެ.

އިރާގުގެ ކޯޗަކީ މީގެ ކުރިން ޗެކް ރިޕަބްލިކްގެ ޒުވާން ގައުމީ ޓީމުތަކާއެކު މަސައްކަތް ކުރި ތަޖުރިބާކާރު ކޯޗު މިރޮސްލާވް ސޫކަޕް އެވެ. އޭނާ ވަނީ 2007 ވަނަ އަހަރު ޗެކް ރިޕަބްލިކްގެ ޒުވާން ޓީމާއެކު އެއަހަރު ކެނެޑާގައި އޮތް 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ދެވަނަ ހޯދައިފަ އެވެ.

އަންނަ އަހަރުގެ ޖޫން މަހު އުޒްބަކިސްތާނުގައި ބާއްވާ 23 އަހަރުން ދަށުގެ އޭއެފްސީ ކަޕުން ޖާގަ ލިބޭނީ ކޮލިފައިންގައި ހިމެނޭ 11 ގުރޫޕުގެ އެއްވަނަ ހޯދާ ޓީމުތަކުގެ އިތުރުން، ގުރޫޕް ތަކުގެ ދެވަނައިގައި ނިންމާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމަކަށެވެ.

ރާއްޖެ އާއި އިރާގުގެ އިތުރުން ބަހްރޭނާއި އަފްގާނިސްތާން ހިމެނޭ މި ގުރޫޕުގައި ރާއްޖޭގެ ދެވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބައްދަލުކުރާނީ އަފްގާނިސްތާނާ ދެކޮޅަށެވެ.