މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހުރަސްތަކާ ކުރިމަތިވެފައިވާ ގަލްފުގެ އެއާލައިންތަކުން ވަގުތީ ހަބެއްގެ ގޮތުގައި ސްރީ ލަންކާގެ މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓް (އެމްއާރްއައިއޭ) ބޭނުންކުރުމަށް އެ ގައުމުން ގޮވާލި ނަމަވެސް ގަލްފުގެ ބޮޑެތި އެއާލައިންތަކުން އިޖާބަދީފައި ނުވާ ކަމަށް ލަންކާގެ ޑެޕިއުޓީ ސިވިލް އޭވިއޭޝަން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ޑެޕިއުޓީ މިނިސްޓަރު ޖަނިތަ ރުވަން ކޮޑިތުުވަކޫ ވިދާޅުވީ، ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ގަލްފުގެ އެއާލައިންތަކުން އެ އެއާޕޯޓް ބޭނުންކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ވާނީ އެއާޕޯޓް ބޭނުންކުރުމަށް އެ ފަރާތްތަކަށް ދަންނަވާފައި. ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކުން އެކަމަށް ޝައުގުވެރިކަމެއް ފާޅުކޮށްފައެއް ނުވޭ،" ޑެޕިއުޓީ މިނިސްޓަރު ކޮޑިތުުވަކޫ އިކޮނޮމީނެކްސް އަށް ވިދާޅުވި އެވެ.
"މިހާރު އެއާލައިންތަކަށް ދިމާވަމުންދާ ދަތިތަކަށް ރިއާޔަތްކޮށް، ބޭނުންޖެހިއްޖެ ހިނދެއްގައި މި އެއާޕޯޓް ބޭނުންކުރެވޭނެ ކަމަށް ހުރިހާ އެއާލައިންތަކަކަށް ވާނީ އަންގާފައި. ނަމަވެސް، އެ ފަރާތްތަކުން އެއްވެސް ފީޑްބެކެއް ނުވަތަ ޝައުގުވެރިކަމެއް ލިބިފައެއް ނުވޭ."
"މީގެ ސަބަބަކީ އެމީހުންގެ [މުޅި] އޮޕަރޭޝަން މިތަނަށް ބަދަލުކުރުމުގެ ގާބިލުކަން (ކެޕޭސިޓީ) މިތަނުގައި ނެތުން. މިއީ ވަރަށް ބޮޑެތި އެއާލައިންތަކެއް ނޫންތޯ؟ އެހެންވީމާ އެމީހުންނަށް މައްތަ އަށް ބަދަލުވުމަކީ އެ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން. މައްތަލަ އަކީ، އަހަރަކު ގާތްގަނޑަކަށް 1 މިލިއަން ފަސިންޖަރުންގެ ކެޕޭސިޓީ އޮތް އެއާޕޯޓެއް."
އޭނާ ވިދާޅުވި ގޮތުގައި، ތެޔޮ އެޅުމަށާއި ޓްރާންސިޓްވުމަށް ބޭނުންވާ ނަމަ، ލޭންޑިންގް އަދި ޕާކިން ފީއާ ނުލައި އެ ހިދުމަތް ދިނުމަށް ތައްޔާރަށް އޮތްކަން ވެސް ސީއޭއޭ އިން ވަނީ އެއާލައިންތަކަށް އަންގައިފަ އެވެ.
"ނަމަވެސް، އަޅުގަނޑުމެން ފޮނުވި ދައުވަތުތަކަށް އެއްވެސް އިޖާބައެއް ލިބިފައެއް ނުވޭ؛ އެމީހުން ހަމައެކަނި އެކަން ބަލައިގަންނަ ކަމަށް ބުނުން ފިޔަވައި އިތުރު ވާހަކައެއް ނެތް."
އޭނާ ވަނީ ގަލްފުގެ އެއާލައިންތަކުން އެއާޕޯޓް ބަލަން އަންނަން ހަމަޖެހިފައިވާ ކަމަށް މީޑިއާގައި ފެތުރުނު ހަބަރަކީ ދޮގެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.
"ދުނިޔޭގެ އެންމެ ފަޅު ބައިނަލްއަގުވާމީ އެއާޕޯޓް" ގެ ގޮތުގައި މަޝްހޫރުވެފައިވާ މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓަކީ، ސްރީ ލަންކާއަށް މާލީ ގޮތުން ބޮޑު ބުރައަކަށް ވެފައިވާ ތަނެކެވެ. ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި އެ އެއާޕޯޓަށް ވަނީ 39 ބިލިއަން ރުޕީސްއަށް ވުރެ ބޮޑު ގެއްލުމެއް ވެފަ އެވެ.
ޗައިނާގެ ބޮޑު އިންޓްރެސްޓް ލޯނުތަކެއްގެ އެހީގައި 209 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްގެން ބިނާކުރި މި އެއާޕޯޓަކީ އަހަރަކު އެއް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް ފަރުމާކުރި ތަނެކެވެ. ނަމަވެސް، އެތަނުން ހިދުމަތް ހޯދަނީ އޭގެ ވަރަށް ކުޑަ ޕަސެންޓަކަށް ވެފައި، އެތަނަށް ލިބޭ އާމްދަނީއަށްވުރެ ހަރަދުތައް 15 ގުނަ އިތުރެވެ.
އެއާޕޯޓް ހިންގުމުގެ ބޮޑެތި ހަރަދުތަކާއި، ބޭރުގެ ދަރަންޏަށް އަހަރަކު ދައްކަންޖެހޭ 2.05 ބިލިއަން ރުޕީސްގެ އިންޓްރެސްޓްގެ ސަބަބުން ކޮންމެ އަހަރަކުވެސް އެތަނަށް އޮޕަރޭޝަނަލް ބޮޑު ގެއްލުމެއް ވެ އެވެ.
މި އެއާޕޯޓަކީ ފައިދާވާ ތަނަކަށް ނުވީ، ކޮލޮމްބޯގެ ވިޔަފާރި މަރުކަޒާ ދުރުގައި ހަމްބަންޓޯޓާގެ އެކަހެރި ސަރަހައްދެއްގައި އޮތުމާއި، ގަވާއިދުން ދަތުރުކުރާ ފްލައިޓްތައް ނެތުމުގެ ސަބަބުންނެވެ.
ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕް މެދުވެރިކޮށް އެއާޕޯޓަށް ދިރުމެއް ގެނެވޭތޯ ކުރި މަސައްކަތްތަކުން ވެސް މާލީ ގެއްލުންތަކަށް ހައްލެއް ލިބިފައެއް ނުވެ އެވެ.
އިންޑިއާ-ރަޝިޔާގެ ކުންފުންޏެއް ކަމަށްވާ ޝައުރިޔާ އެއަރޮނޯޓިކްސް އެންޑް އެއާޕޯޓްސް އޮފް ރީޖަންސް އަށް 30 އަހަރަށް އެ އެއާޕޯޓް މެނޭޖްކުރުމަށް ދިން އެއްބަސްވުން ވެސް ގާނޫނީ މައްސަލަތަކާއި އިންޑިއާގެ ބައިވެރިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ސްރީ ލަންކާއިން ވަނީ ބާތިލުކޮށްފަ އެވެ.