ސްރީ ލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް ބޭލުމަށް ފަހު، 1,025 އުޅަނދެއް ކްލިއާ ނުކޮށް އެބަ އޮތް ކަމަށާއި އިމްޕޯޓްކުރި ފަރާތްތަކުން އެ ނުގެންދާތީ އެ ތަކެތި ނީލަން ކިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްރީ ލަންކާގެ ކަސްޓަމްސްއިން ބުނެފި އެވެ.
ކަސްޓަމްސްގެ މީޑިއާ ސްޕޯކްސްމަން ޗަންދަނާ ޕުންޗިހެވާ ވިދާޅުވި ގޮތުގައި، މި އުޅަނދުތަކުގެ ތެރެއިން ގާތްގަނޑަކަށް 625 އުޅަނދަކީ ޕޯޓަށް އެތެރެކުރިފަހުން ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާ ތަކެއްޗެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މި އުޅަނދުތަކަކީ ކަސްޓަމްސްގެ އެއްވެސް ގަވާއިދަކާ ހިލާފުވެގެން ހިފަހައްޓާފައިވާ ތަކެއްޗެއް ނޫނެވެ. ނަމަވެސް، އެ ތަކެތި އެތެރެކުރި ފަރާތްތަކުން ކްލިއާ ނުކުރުމުގެ ސަބަބުން، ކަސްޓަމްސްގެ ގާނޫނުގެ ދަށުން، އެ އުޅަނދުތައް ނީލަން ކިޔައިގެން، ޓެންޑާ އުސޫލުން ވިއްކާލާނެ ކަމަށް ވިދާޅުވި އެވެ.
ޕުންޗިހެވާ ވިދާޅުވީ، ދައްކަންޖެހޭ ޑިއުޓީ އާއި ޓެކްސް ދެއްކުމަށް ފަހު، އެތެރެކުރާ ކޮންމެ މުދަލެއްވެސް އެއް މަސްދުވަހުގެ ތެރޭގައި ކްލިއާ ކުރަންޖެހޭނެ ކަމަށެވެ. މުދާ އެތެރެކުރާ ފަރާތްތަކުން އެގޮތަށް އަމަލުނުކޮށްފި ނަމަ، ސަރުކާރަށް ލިބެންޖެހޭ ޓެކްސް ފައިސާ ހޯދުމަށްޓަކައި، އެފަދަ މުދާ ވިއްކާލުމުގެ ބާރު ގާނޫނުން ކަސްޓަމްސްއަށް ލިބިދެ އެވެ.
ވިއްކާލައިގެން ލިބޭ ފައިސާއިން ޓެކްސް ކަނޑައި، ބާކީވާ ފައިސާ ބޭނުންކުރާނީ ޕޯޓާއި ވެއާހައުސްގެ ޗާޖުތައް ދެއްކުމަށް ކަމަށާއި، އެއަށްފަހު ވެސް އިތުރުވާ ފައިސާއެއްވާ ނަމަ އެ ފައިސާ އެ މުދަލެއް އެތެރެކުރި ފަރާތަކަށް ރައްދުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަސްޓަމްސްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، އެތެރެކުރާ މުދާ ކްލިއާ ނުކޮށް މަސްދުވަހަށްވުރެ ގިނަ ދުވަސްވާ ނަމަ، ޕޯޓު އޮތޯރިޓީން އެކަން ސްރީލަންކާ ކަސްޓަމްސްއަށް އަންގަންޖެހެ އެވެ.
ކްލިއަ ނުކޮށް ހުރި އުޅަނދުތަކުގެ މައުލޫމާތު މިހާރު ކަސްޓަމްސްއަށް ލިބިފައިވާ ކަމަށާއި، އެ ތަކެތި ވިއްކާލުމުގެ މަރުހަލާ ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އުޅަނދު ކްލިއާ ނުކުރެވި މުއްދަތު ހަމަވި ސަބަބާ މަގުބޫލު އުޒުރެއް ހުށަހަޅައިފި ނަމަ، ކަސްޓަމްސްއިން އެ މައްސަލައަކަށް ވަކިން ބަލައި ގޮތެއް ނިންމާނެ ކަމަށް ވެސް ޕުންޗިހެވާ ވިދާޅުވި އެވެ.